އެސްޓީއޯ ސްމާރޓް ފިހާރަ: ކޭޝިއަރުން ނުތިބޭނެ

ގްރެބް އެންޑް ގޯ އެޕްލިކޭޝަންގައި ކާޑު ރަޖިސްޓްރީކޮށް ލޮގިން ވާންޖެހޭ

އެސްޓީއޯ ސްމާރޓް ފިހާރަ: ކޭޝިއަރުން ނުތިބޭނެ

އެސްޓީއޯ އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގަމުން ދިޔަ ފިހާރަ ސްމާޓް ފިހާރައަކަށް ބަދަލުކުރުމަށް ފަހު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ކޭޝިއަރުން ނުތިބޭ ސްމާޓް ފިހާރަ ހުޅުއްވާ ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

އެސްޓީއޯއިން އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ އިތުރުން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ސްމާޓް ފިހާރައިން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. ފިހާރައިގައި ހުންނަ އޭއައި ކެމެރާ ތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންވެއެވެ.

ސްމާރޓް ފިހާރައިން މީހަކު އެއްޗެއް ގަންނައިރަށް ފިހާރައިގައި ހުރި މުދަލުގެ ހިސާބުތައް ވެންޑާއަށް އެޕްލިކޭޝަނުން ނޯޓިފިކޭޝަނެއް ދާނެއެވެ. އޭރުން މުދާ ރީސްޓޮކް ކުރަން ވެންޑާއަށް އެނގޭނެއެވެ. އަލަށް ގާއިމު ކުރި ސްމާރޓް މި ޓެކްނޮލޮޖީއާ އެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށްދީ, ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތަކެއް ނާރާނެއެވެ.

އެސްޓީއޯ ސްމާރޓް ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެޕް ސްޓޯރ އަދި ޕްލޭ ސްޓޯރުންވެސް މި އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެއެވެ.

ގްރެބް އެންޑް ގޯ އެޕްލިކޭޝަންގައި އެ މީހެއްގެ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު ރަޖިސްޓްރީކޮށް ލޮގިންއެއް ހަދަން ޖެހޭނެ އެވެ. ކާޑު ރެޖިސްޓަރ ކުރާ ހިސާބުން 3ރ. ޗާޖު ކުރާނެއެވެ. އަދި ކަސްޓަމަރު ހަދާ ފުރަތަމަ ޓްރާންސެކްޝަނުގައި އެ 3ރ. ހިމެނޭނެއެވެ.

ސްމާޓް ފިހާރައަށް ވަދެވޭނީ އެޕުން ޖެނެރޭޓު ކުރާ ކިޔުއާރު ކޯޑު ސްކޭން ކޮށްލުމުންނެވެ. ފޯނު އަތުގައި ނޯންނަ ހާލަތުގައިވެސް އެޕްލިކޭޝަނުގައި ހިމަނާފައިވާ ފޭސް ރިކޮގްނިޝަން ފީޗާއިން މޫނު ސްކޭން ކޮށްލުމަށް ފަހު ފިހާރައަށް ވަދެވޭނެއެވެ.

ގަތް ތަކެއްޗަށް ފައިސާ ދެއްކޭނީ "ޓޯކަނައިޒޭޝަން" ކިޔާ ފީޗާ އެއް މެދުވެރިކޮށް ކަސްޓަމަރު ފިހާރައިން  ނިކުންނަ އިރުއެވެ.

ފިހާރައަށް ވަދެ ބޭނުންވާ މުދާ ހަރުތަކުން ނަގަމުންދާ އިރު، ވާޗުއަލް ކާޓަކަށް އެ އެއްޗެހި އިތުރުވަމުން ދާނެއެވެ. އަލުން އެ އެއްޗެއް ހަރަށް ލައިފި ނަމަ، ކާޓުން އެ އެއްޗެއް އުނިވާނެއެވެ. ހަރުތަކުގައި ގާއިމުކޮށްފައި ހުންނަ ސެންސަރު ތަކުންނާއި ފިހާރައިގައި ހަރުކޮށްފައިވާ ކެމެރާތަކުން އެކަން ދެނެގަންނަމުން ދާނެއެވެ.

"ގްރެބް އެންޑް ގޯ" ކޮންސެޕްޓަކީ 2016 ވަނަ އަހަރު ދުނިޔެއަށް ތައާރަފުކޮށްފައިވާ ކޮންސެޕްޓެކެވެ.  ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީ ރާއްޖޭގައި އަލަށް ތައާރަފް މިކުރީ އެސްޓީއޯ އިންނެވެ.