މުއިއްޒަށް: އޮޅުވާލަން ނޫޅެ އެހެން ދީންތަކަށް ހުޅުވާލަނިއްޔޭ ބުނެބަލަ

ރަސްމާލެ ޑީލުގެ އާހިރު ނަތީޖާއަކީ ރާއްޖޭން ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ސިފަގެއްލުން

މުއިއްޒަށް: އޮޅުވާލަން ނޫޅެ އެހެން ދީންތަކަށް ހުޅުވާލަނިއްޔޭ ބުނެބަލަ

މުސްލިމަކަށް ނޫނީ ދިވެހި ރާއްޖޭގެ ރަށްވެއްސަކަށް ނުވެވޭތީ ކަންބޮޑުވެގެން އުޅޭ ބަޔަކު ދިވެހިންގެ ތެރޭގައި ވެސް އެބަތިއްބެވެ. ބައިނަލްއަގުވާމީ ގޮތުްވެސް އިންސާނީ ހައްގުގެ ނަމުގައި ރާއްޖެ އެހެން ދީންތަކަށް ހުޅުވާލުމަށް ވަކާލާތުކުރެއެވެ. މިހާތަނަށް އެކަން އެމީހުނަށް ވަނީ ކާމިޔާބު ނުވެފައެވެ. 

ދޭތެރެ ދޭތެރެއިން އެކަމަށްޓަކާ ދިވެހިންގެ ބޯ ދޮއްވުމުގެ ޕްރޮގްރާމްތައް ސީދާކޮންނާއި ނުސީދާކޮށް ހިންގައެވެ. ކޮންމެވެސް ބަޔަކަށް އެކަމުގެ ނުބައި އަސަރު ވެސް ކުރެއެވެ. ގިނަ ކަންކަމަށް ވަރިހަމަވާ ދިވެހި އުސޫލުން ތަފާތު ދީންތަކަށް ރާއްޖެ ހުޅުވާލުން ވަރިހަމަ ކިތަންމެ ބަޔަކު ރާއްޖޭގައި ތިބިކަމީ ދޮގު ނުކުރެވޭނެ ހަގީގަތެކެވެ. 

ތަފާތު ދީންތަކަށް ރާއްޖެ ހުޅުވާލަން މަސައްކަތްކުރާ މީހުން ހުއްޓާނުލާ އެ މަސައްކަތް ކުރެއެވެ. ތުތްތު ކުއްޖާއަށް އަކުރު އަންގާދޭ ހިސާބުން ފެށިގެން ތައުލީމީ ނިޒާމުގެތެރޭގައި ނުސީދާކޮށް ދީނީ މިނިވަންކަމަށް ސިކުނޑިތައް އަންނަނީ ބައްޓަން ކުރަމުންނެވެ. ވޯކްޝޮޕްތަކާއި ސެމިނަރތައް މެދުވެރިކޮށެވެ. އިންސާނީ ކަރާމާތާއި އިންސާނީ ހައްގުގެ ނަމުގައެވެ. 

ތެދެކެވެ، ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ދީނަކަށް އުޅުމަކީ އޮތް ހައްގެކެވެ. އެހެން ކަމަށް ވާނަމަ ދިވެހިން އުޅެން ބޭނުންވާ އިސްލާމު ދީނުގައި އުޅުމުގެ ހައްގު ދިވެހިންނަށް ވެސް އޮންނާން ވާނެތާއެވެ. ދިވެހީންގެ ދިވެހި ރާއްޖެއިން މުސްލިމަކު ނޫން މީހަކަށް ޖާގަ ނުދިނުމަކީ ވެސް ދިވެހިންނަށް އޮތް ހައްގެކެވެ. ދިވެއްސަކު އިސްލާމް ދީން ނޫން ދީނެއް ގަބޫލުކޮށްފިނަމަ އެއީ ދިވެއްސަކަށް ނުވާނެއެވެ، ދިވެހި ރައްޔިތަކަށްވެސް ނުވާނެއެވެ. ޒަމާނުއްސުރެ ދިވެހިން އިގުރާރުވެ ދެމި މިތިބީ އެގޮތުގެ މަތީގައެވެ. 

ރާއްޖޭގެ ދީނީ ހައިބަތާ ބެހޭގޮތުން އިދިކީލި ވާހަކަ ދައްކާ މީހުން ރާއްޖޭގައި ނުކުރާ ލާދީނީ ކަމެއް ނެތޭ ބުނެ އެހެން ދީންތަކަށް ހުޅުވާލުމުގެ ހުއްޖަތަކަށް ފާފަވެރި އަމަލުތައް ދައްކައެވެ. ބަޔަކު ރާބުޔަސް ޒިނޭކުރިޔަސް ވައްކަންކޮށް ޖުވާ ކުޅުނަސް އެކަންކަމަކީ ހުރިހާ ދިންތަކަށް ރާއްޖެ ހުޅުވާލަން ޖެހޭ ސަބަބެއް ނޫނެވެ. އެހެން ދީންތަކަށް ނުހުޅުވި އޮތަސް ނުކުރާ ކަމެއް ނެތޭބުނެ ހަމަ ދައްކަނީ އެހެން ދީންތަކަށް ރާއްޖެ ހުޅުވާލުމުގެ ހީލަތްތެރި ވިސްނުމުގައެވެ.

ބޭރު މީހުންނަށް ޕްރަޕަޓީ ވިއްކާ އެ މީހުންނަށް ގޯލްޑަން ޕާސްޕޯޓް ދީ ހެދުމުގެ ފަހަތުގައި ވެސް އޮތީ ރާއްޖެ އެހެން ދީންތަކަށް ހުޅުވާލުމެވެ. ޕްރަޕަޓީ ގަނެގެން އަންނަ ގައިރު ދީނުގެ މަހުޖަނުން ބޭނުންވުމުން ފައްޅިއާއި ކެސިނޯއާއި ނައީޓް ކްލަބްވެސް ޖެހޭނީ ބަހައްޓަ ދޭށެވެ. މުސްލިމު ޔޫއޭއީ މިސާލެއްގެ ގޮތުގައި ބަލައިގެން ޔޫއޭއީ މީހުން ލައްވާ ރާއްޖެ ތަރައްގީ ކުރަންޏާ ރާއްޖެ ތަރައްގީވާނީ އިސްލާމް ދީން ނޫން ދީންތަކަށް ޖާގަ ދޭގޮތަށެވެ. 

ރެސިޑެންޝަލް ވިސާއޭ ގޯލްޑް ޕާސްޕޯޓޭ ކިޔައިގެން އޮޅުވާލަން ނޫޅެ ރާއްޖެ އެހެން ދީންތަކަށް ހުޅުވާލަނިއްޔޭ ބުނެބަލާށެވެ. މުއިއްޒު މާދުރުދުރުން ފެންނުޖެހި ރާއްޖެ އެހެން ދީންތަކަށް ހުޅުވާލަން ނޫޅޭށެވެ. ކުރާން އުޅޭ ކަމުގެ އާހިރު ނަތީޖާއަކީ ދިވެހި ރާއްޖެއިން ސައްތައިންސައްތަ މުސްލިމު ގައުމުގެ ސިފަ ދުއްވާލުންކަން ނޭނގޭ މީހަކު ނޫޅެއެވެ. 

ފައިސާ އާއި މުދަލާއި މުއްސަދިކަން ދައްކައިގެން ރާއްޖެ އެހެން ދީންތަކަށް ހުޅުވާލުމަށް ހީލަތްތެރި ރޭވުންތައް ރާވައިގެން ތަންފީޒުކުރުވަން އެކަކުވެސް އުޅޭނެކަމެއް ނެތެވެ. މުއިއްޒަކަސް އަލައްބާރަކަސް ވަރިހަމައެވެ.