ދިވެހިންގެރާއްޖޭގެ ހިތްގައިމު މާރާމާރީތައް ފެށިއްޖެ

ދިވެހިންގެރާއްޖޭގެ ފަންޑު މެނޭޖު ކުރެވޭނީ ޑޮން އަކަށް

ދިވެހިންގެރާއްޖޭގެ ހިތްގައިމު މާރާމާރީތައް ފެށިއްޖެ

އިއްޔެއަކީ 24 ގަޑިއިރު ތެރޭގައި މަގުމަތީ މާރާމާރީގެ 3 ހާދިސާ މާލޭ މަގުތަކުން ފެނި އެކަމުގެ "ހިތްހަމަ ޖެހުމާ އުފާ" އެތަން ފެނުނު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކަށް ލިއްބައިދިން "އުފާވެރި"  ދުވަހެކެވެ.  އަދި ހަމަ އެއާއެކު މިއަދު ހެނދުނު ހެނދުނާ 4 ވަނަ އެޕިސޯޑް ހިންގާލައިފިއެވެ. އުންމީދު ކުރި  ވަރަށް ވުރެވެސް ސްޕީޑް މާބާރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 5 އަހަރު " މި އުފަލުން ރައްޔިތުން މަހްރޫމް" ކުރިއެވެ. ސިފައިންނާ ފުލުހުން އެކުގައި ގްރޫޕް ހަދައިގެން މަގުތަކަށް ނެރެ، މާލެ ތެރޭގައި ފޯރިމަރުވައިގެން ރައްޔިތުން ދެކެން ބޭނުންވި އުފާވެރި މިމަންޒަރު ފެނުނަކަ ނުދެއެވެ.

ސޯމާލިއާ އާއި ކޮލަމްބިއާ ކަހަލަ މަޝްހޫރު ގައުމަކަށް "ދިވެހީންގެރާއްޖެ" ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ދިވެހިންގެރާއްޖޭގައި ސަރުކާރުގެ ފަންޑް މެނޭޖު ކުރަން މިހާރު ތިބޭނީ އެތަންތާނގައި ސަރުކާރުގެ ފަންޑް މެނޭޖްކުރާ ބާވަތުގެ މީހުންނެވެ. ޑްރަގާ ހަތިޔާރަކީ ޓެކްސަކާނުލާ މުޅި ދުނިޔޭގައިވެސް ކުރާ އެންމެ ފައިދާ ބޮޑު އެއް ވިޔަފާރިއެވެ. އެފާޑުގެ ވިޔާފާރިތަކުން ބިލިޔަން ބިލިޔަނުން ދިވެހިންގެރާއްޖެއަށް ޑޮލަރު ލިބޭގޮތަށް ނެޓްވޯކްތައް އަޅާ ރަނގަޅަށް ފަންޑު މެނޭޖު ކުރެވޭނީ ޑޮން އަކަށެވެ. 

ހަތިޔާރާ ޑްރަގްގެ ބައިނަލް އަގްވާމީ މުޖުރިމް ނެޓްވޯރކް ތަކަށް ފާރަލާ އެ މީހުން ހުއްޓުވާ ހިފެހެއްޓުމަކީ ޑްރަގާ ހަތިޔާރާއި ތެލުގެ ވަގުވިޔާފާރީން ދިވެހިންގެރާއްޖޭގެ ފަންޑް މެނޭޖަރަށް ފަންޑް ހޯދާ މެނޭޖުކުރަން ކިހާ އުދަގޫ ކަމަކަށް ވާނެހެއްޔެވެ. އެހެންކަމުން އިންޑިއާއިން ގެނައި 2 ހެލިކޮޕްޓަރާއި ޑޯނިއަރ މަތިންދާ ބޯޓާއި އެ އޮޕަރޭޝަނަށް ގެނައި އިންޑިއާ އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިން ފޮނުވާލުން ކިހާ ބޭނުމެއް ވާނެހެއްޔެވެ. 

އިންޑިއާއިން ދީފާހުރި އުޅަނދުތަކާއި އައިސް ތިބި މީހުން ކުރިހާ ވެސް ކަމަކީ ބަލި ހާލު ބޮޑު މީހުން އުފުލާފައި އިންޑިއާ ކަނޑުގައި ކުށްކުރާ މީހުންނަށް ފާރަލުމެވެ. ޑްރަގާއި ހަތިޔާރާއި ތެލުގެ ވަގު ވިޔަފާރިތައް ރާއްޖެ ވަނަ ނުދިނުމެވެ. ފަހަރުގައި ވަނަސް އަތުލައި ގަތުމެވެ. 

އެކަންކަން އޮބަހައްޓާ ހިނގިޔަ ނުދިނުމުގެ ނަތީޖާ އެއްގެ ގޮތުން ދިވެހިން ދެކޭ ހިތްވާ މާރާމާރީއާއި ހަމަނުޖެހުން ހާއްސަކޮށް މާލޭގެ މަގުމަތިން ނުފެންނަ ފޫހި، ވައި 5 އަހަރަށް އިބޫ ސޯލިޙްގެ ވެރިކަމުގެ 5 އަހަރުވިއެވެ. 

އަރައިގަތް ރުޅިއާ ވީފޫހީގާ ދިވެހިން ދެކޭ ހިތްވާ ކަންކަން ހިނގާނެ ވެރިކަމެއް 54 އިންސައްތަ ރައްޔިތުން ނުކުމެ ވޯޓުލައިގެން މިއޮތީ ގެނެސްފައެވެ. ނަތީޖާ ވެސް ރަނގަޅެވެ. ދިވެހިންގެ ރާއްޖޭގެ ވެރިކަން ފެށި 9 ރޭ ފެނުތެރޭގައި މާލޭގެ މަގުތަކުން ދިވެހިން އެދުނު މަންޒަރު ފެންނަން ފަށައިފިއެވެ. މިއީ ފާއިތުވި 5 އަހަރު އިބޫ ސަރުކާރުން ހުއްޓުވާ މުޅިން އިހުމާލުވެފައި އޮތް ކަމެއް އަނެއްކާ ފެށުމެވެ. 

އޭމިހިރަ ދިދައާއެވެ. ތިބާ ކިތަންމެ އުހުގައި ހުއްޓަސް ދެން ގިފިއްޔަކަށް ތިބާއެއް ނުފެންނާނެއެވެ. ދިވެހިން މިހާރު ބޭނުން ކުރަނީ ހިޔާކުރި ފާހާނާއެވެ. ދީނާ ގައުމަށް ހިތުގައި ނެތް ލޯތްބަކުން ކުޅޭ ޑްރާމާ އޯވަރ ވީމާ ދެން ބޭލޭނީ ފޮށައެވެ. އޭރުން ފެންނާނީ ބަރަހަނާއެވެ. މިހާރު މިވަނީ އެހެންނެވެ. މިހާރު މިތިބީ އަންނަން އުޅުނު "ދިވެހިންގެ ރާއްޖެ" އާދެވިފައެވެ.