ދުނިޔެ ހޫނުވުމަށް ރާއްޖެ އަދިވެސް އޮތީ ނިދާފަ

އެފްރިކަން ސަހާރާގެ ގްރީން ވޯލްގެ ފިނިކަން އެ ސަރަހައްދަށް ލިބެން ފަށައިފި

ދުނިޔެ ހޫނުވުމަށް ރާއްޖެ އަދިވެސް އޮތީ ނިދާފަ

ޖައްވު ހޫނުވުމުގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވަމުން އަންނަނީ ހީނުކުރާހާ ބާރަށެވެ. މުޅި ޔޫރަޕް މިއަދު ހޫނާ ހަނގުރާމަ ކުރަނީއެވެ. ހޫނު ގަދަ ވުމުގެ ސަބަބުން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކު މަރުވެ ހިނގައްޖެއެވެ. މުޅި ޔޫރަޕާއި އެމެރިކާ ބައްރުގައި ހޫނުމިން ދުވަހަކުވެސް ނުދާހާ މައްޗަށް މިހާރުވަނީ ގޮސްފައެވެ. 

ޕެސިފިކާއި އިންޑިއާ ކަނޑުގެ ސަރަހައްދުތަކަށް އެލްނީނޯގެ ބިރުވެރިކަން އަންނަނީ ފެތުރެމުންނެވެ. ކަނޑުގެ މަތީ ފަށަލަ ހޫނުވެ ޖައްވު ހޫނުވުން އޮބި ނޯންނަ ހިސާބަށް ދާކަށް މާ ގިނަ ދުވަހެއް ނެތެވެ. ބިންތައް ހަނަފަސްވެ ދަނޑު ފަނގު މިލާ މޯޅިވެ ހިކި މަރުވަމުން ދަނީ ހިތައްވެސް ނާރާހާ ބާރަށެވެ. ޖަންގަލިތަކުގައި ރޯވުމާއި ނައަމްސޫފިތަކާއި ޖަނަވާރުތައް ހިކި އަނަރޫފަވެ މަރުވަމުން ދަނީ މަދެއް ސުމާރެއްކޮށް ނޫނެވެ. 

އިންސާނުނަށް ބާރު ނުފޯރާ ދަރަޖައަށް ދުނިޔެ ހޫނުވުމުގެ ނުރައްކާ ދަނީ ބޮޑުވަމުންނެވެ. ދުރާލާ އަޅާނުލެވި ފަރުވާ ކުޑަކުރުމުގެ ނަތީޖާއެވެ. އިންސާނުންގެ ބޭނުން ތަކަށް ފުދޭ ވަރަށްވުރެ ވަސީލަތް މަދުވެ އިންސާނުން ގިނައެވެ. ދުނިޔޭގައި ދިރިއުޅޭ އިންސާނުންގެ ތެރެއިން ގިނަ މީހުންނަކީ ބަލިމަޑުކަމާއި ހައި ހޫނުކަމުގައި އުޅޭ މީހުންނެވެ. 

ހަނގުރާމައާއި ތަޅާފޮޅުމާއި ހުރެ ބިކަވެ ގޮތް ހުސްވެ ނުކުޅެދުންތެރިވެ ބަލިހާލާއި ހައިހޫނު ކަމުގައި އެތައް މިލިޔަން ބަޔަކު އެބައުޅެއެވެ. މި ހުރިހާ ކަމެއް ތަހައްމަލު ކުރަމުންވެސް އެފްރިކާގެ އެތައް ގައުމެއް ގުޅިގެން އެފްރިކަން ސަހަރާގައި ބައްރު ހުރަސްކޮށް ގްރޭޓް ގްރީން ވޯލެއް ނުވަތަ ގަސްތަކުގެ ބޮޑު ފާރެއް ބިނާ އެބަކުރެއެވެ. 1970ގެ އަހަރތަކުގެ މެދުތެރެއިން ފެށިގެން ބިނާކުރަމުން އަންނަ ގްރީން ވޯލްގެ ސަބަބުން އެ ސަރަހައްދަށް ފިނިކަން ލިބެން ފަށައިފިއެވެ. ދުވަހަކު ގަހެއްނެތް ސަހަރާގެ ބައެއް ގަހުން ފުރާލައިފިއެވެ. ބިންގަނޑުގެ ހަނަފަސްކަން ނެތި ދިރުން ހުރި ތާކަށް އެބަ ބަދަލުވެއެވެ. 

އަނެއްކޮޅުން ޗައިނާގައި ވެސް ފެހި ބޮޑު ފާރެއް ދަނީ ބިނާކުރަމުންނެވެ. އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޗައިނާގައި މިފަހަރު ބިނާކުރާ ބޮޑުފާރަކީ ހިލަޔާ ދަގަޑާ މައުދަނުގެ ބޮޑުފާރެއް ނޫނެވެ. ފެހިކަން ގަދަ ބޮޑެތިގަސްތަކުން ފުރާލެވިފައިވާ ބޮޑުފާރެކެވެ. ހަމައެހެންމެ އިންޑިޔާއިންވެސް ދުނިޔެ ހޫނުވުމުން ސަލާމަތްވާން ގިނަ ކަންތައްތަކެއް ކުރަން ވަނީ ފަށަފައެވެ.

ހޫނުވުމާ ދެކޮޅަށް މުޅި ދުނިޔެ ތައްޔާރު ވާއިރު ރާއްޖެ އަދިވެސް އޮތީ ނިދާފައެވެ. ދޭތެރެއަކުން ނަމެއްގައި މިލިޔަނުން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަނެއެވެ. ނަމެއްގައި ގަސްކޮޅެއް އިންދެނިކޮން ނިމުނީއެވެ. ހެއްދުމެއް ނޯވެއެވެ. އެންމެ ފަހުން ވެސް ފެށި ގަސް އިންދުމުގެ ޕްރޮގްރާމްގެ މިލިޔަން ގަސް އިންދާފައި ހުރީ ފްލާސްޓިކް ކުދި ގަސްމުށީގައި ސްޓެލްކޯ މަގުމަތީ ފާރުތަކުގެ ބިތުގައެވެ. އޭގެވެސް ބޮޑުބައެއްގެ ޖެހުނުތާ ލަކުނުވެސް މިހާރު ނެތެވެ.