އެމްއޭސީއެލް މަސައްކަތްތެރިން ހަނާވަނީ - ޕީއެންސީ ބޮޓުން ޖީބުފުރަނީ
މިހާރު މިއޮތް ސަރުކާރަކީ ހިތުން ވަރަށް މޮޅަށް ރޭވިގެން ހިންގާ ސަރުކާރެކެވެ. ސަރުކާރުގެ ރޭވުންތެރިކަމުގެ މިންވަރަކީ ސަރުކާރުގެ މަގާމްތަކާ އުސޫލުތަކާއި ގަވައިދުތައް ތުއްތު ކުއްޖެއްގެ ނެޕީ ބަދަލުކުރާ ބީދައިން ބަދަލުކުރަމުން އަންނަ އައުމެވެ. ވަކިން ހާއްސަކޮށް މި ސަރުކާރުގެ މަސައްކަތްތެރިކަން ހުރިވަރަކީ ރެޔާ ދުވާލު ހީވާގި ކަމާއެކު ސަރުކާރަށް ސަނާ ކިޔާނެ، ބޮޓުންތަކެއް އުފައްދަމެވެ. ބޮޓުން އުފައްދުމުގައި އެއްވެސް ހަމައެއް ލަމައެއް މިންވަރެއް ނުބަލާ ކާންދޭ ދެއެވެ.
މައްސަލައެއް ނެތެވެ. ސަރުކާރުން އިތުރު ވަޒީފާތައް ވެސް އުފައްދަންވީއެވެ. އިނާޔަތްތައް ވެސް އިތުރު ކުރަންވީއެވެ. ގިނަ އާ މޫނުތަކަށް ކުރިއެރުމަށް ފުރުސަތުތައް ހޯދަދޭންވީއެވެ. ނަމަވެސް އަޑު ގަދަ މީހާއަށް ރުއް ގިނަވާ އުސޫލުން ސަރުކާރުން ވަޒީފާތަކާއި މުސާރަ ދިނުމަކީ ކަނޑައެޅިގެން ކުރެވޭ އަނިޔާއެކެވެ.
އިލްމާ ހިލްމުގެ ތޮފި އަޅައިގެން ވެރިކަމުގައި އެ ހުންނެވި ބޭފުޅާ ކިތަންމެ ބޮޑުކޮހެއް ހަދާފާނެ ކަމަށްވެސް ރައްޔިތުންނަށް މިހާރު ގަބޫލުކުރެވޭނެއެވެ. މިއަދު މި އޮތް ސަރުކާރުން ދެކޭ ގޮތުގައި ބޮޑު އަނގަޔަކާއި ފޭން ބޭސްއެއް އޮވެޖިއްޔާ ކޮންމެ މަގާމަކަށް ވެސް އެމީހަކު ކުފޫ ހަމަވާނެއެވެ. މުސާރަޔާއި އިނާޔަތްތައް ކަނޑައަޅަނީ މީސްމީޑިއާގެ ވިއުވަރޒްގެ އަދަދަށް ބަލާފައި ކަމަށް ބެލެވެއެވެ.
ދައްކަން މިއުޅޭ ވާހަކަ ވަރަށް ސާފެވެ. އެމްއޭސީއެލްއަކީ ރާއްޖޭގައި އެންމެ ބޮޑު އާންމުދަނީ ލިބޭ ސަރުކާރު ހިއްސާވާ އެއް ކުންފުންޏެވެ. އެ ކުންފުނީގައި އެތައް އަހަރެއް ވަންދެން ގުދު ބިދައިގެން ، މެދުކެނޑުމެއް ނެތި މަސައްކަތް ކުރާ އެތަށް މުވައްޒަފުންނެއް އެބަ ތިއްބެވެ. އަދި ބުރަ ބަރު މަސައްކަތް މަދު ލާރިކޮޅަކަށް ޓަކައި ކުރާ ޒުވާނުންނާއި، އަންހެނުންނާއި އަދި އުމުރުން ދޮށީ މީހުން އެބަތިއްބެވެ. އެ ފަރާތްތަކުގެ މުސާރަޔަށް އެއްވެސް ބަދަލެއް އަންނަ ތަނެއް ނުފެނެއެވެ.
ހިދުމަތުގައި ދެމިތިބި އެ ހުރިހާ ފަރާތްތައް ތިއްބާ، ސަރުކާރަށް ސަނާ ކިޔުމަށް، ބޭނުންވާ ބޮޓުންކޮޅު ގަނެލުމަށް ޓަކައި ބޮލަކަށް ކަންދުރާއަކަށް ބެލުމެއް ނެތި ވަޒީފާ އާއި ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތައް ދޭދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތުން މިހާރުވެސް އެމްއޭސީއެލުން40،000ރ. ގެ މުސާރަ ނަގައިގެން މަސައްކަތެއް ނުކޮށް ގޭގައި ތިބެގެން، މުއިއްޒަށް ސައިކުރާ ކައްކަދޭ ބޮޓުންގެ އަދަދު އުޅެނީ50 މަތީގަ އެވެ. ހިތާމަޔަކީ ބޮޓުންނަށް އެވަރަށް ލާރި އަޅާ އިރުވެސް، ނެރެވޭ ނަތީޖާއެއް ނެތުމެވެ. ބޮޓުން އެބުނާ ހިންގުން ފުރިހަމަ ސަރުކާރަށް ރައްޔިތުން ދެން ވެސް ބުނާނީ ނޫނެކޭ ކަން ޔަގީނެވެ. ދުލުގަ ހިފިޔަސް، ލާރި އެޅިޔަސް ރައްޔިތުންނެއް މުއިއްޒުއަކަށް ދެނެއް އާނބެހެއް ނުކިޔާނެވެ. މުއިއްޒު ވަޒީފާ ބެހުމަކީ ފޫނެތް ފަޔަށް ފެންފުރުންކަން އެންމެ ފަހުން އޮތް ފެންނަ ނުފެންނަ ވޯޓުން ސާފު ނުވަންޏާ ގަމާރުކަމާމެދު އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.


