ރޯދަމަހު އާއްމު އިންތިހާބު ބޭއްވުން މަނާ!

ރައީސް ތަސްދީގު ނުކުރި އިސްލާހު އޮޓަމެޓިކުން ގާނޫނަކަށް

ރޯދަމަހު އާއްމު އިންތިހާބު ބޭއްވުން މަނާ!

ރޯދަމަހު އެއްވެސް އާއްމު އިންތިހާބެއް ބޭއްވުން މަނާކުރާ ގާނޫނު ފާސް ކޮށްފިއެވެ. މީގެ ފަހުން ރާއްޖޭގައި ބޭއްވޭ އެއްވެސް އާންމު އިންތިހާބެއް ރޯދަމަހުގެ ތެރޭގައި ނުބޭއްވޭނެއެވެ. 

ރޯދަމަހު އިންތިހާބު ބޭއްވުން މަނާކުރާ ގާނޫނެއް ފާސްކުރަން ޖެހުނީ ރޯދަމަހު އިންތިހާބު ބޭއްވުމުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ވޯޓު ދިނުމުގެ ހައްގުން ގިނަ ބަޔަކު މަހުރޫމް ވުމުގެ ފުރުސަތު އޮތުމުންނެވެ. ރޯދަމަހަކީ ގިނަ ބަޔަކު ގިނަ ވަގުތު ރޭއަޅުކަން ކުރުމާއި އެހެނިހެން އަޅުކަމުގައި ހޭދަކުރާ މަހަކަށް ވުމުން ވޯޓް ލުމަށް ނިކުމެ ކިޔުގައި ވަގުތު ހޭދަކުރުމަކީ ރައްޔިތުނަށް ޖެއްސޭ ބޮޑުތަކުލީފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ދެކެއެވެ. 

ރޯދަމަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް ނިކުންނަ މީހުންގެ އަދަދު މަދުވާނެ ކަމަށް އިލެކްޝަންސް ކަމިޝަނުން ވެސް ގަބޫލު ކުރެއެވެ. އަނެއް ކޮޅުން ރޯދަ ވީއްލުމަށް ވޯޓު ފޮށި ބަންދުކޮށް ވޯޓު ފޮށި ބަންދު ކުރާތާ ދެގަޑިއިރު ފަހުން ވޯޓު ގުނާ ގޮތަށް ހަމަޖެހުމަކީ ވޯޓުގެ ނަތީޖާގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

އައު ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ހުރިހާ އިންތިހާބެއްގައިވެސް ވޯޓް ލާން ފެށުމަށް ފަހު ވޯޓް ފޮށި ބަންދު ކުރަނީ ވޯޓުލާ ނިމުމުންނެވެ. ވޯޓު ފޮށި ބަންދު ކުރުމަށް ފަހު ވޯޓުލާ ފޮށި ދޮށުން މޮނިޓަރުންނާއި އޮބްޒަރވަރުންނާއި ވޯޓުފޮށީގެ މަސައްކަތުގައި އުޅޭ އޮފިޝަލުން ވޯޓުފޮށި ދޫކޮށް ދަނީ ވޯޓު ގުނާ ނަތީޖާ އިއުލާން ކޮށް ނިމުމުންނެވެ. ރޯދަ ވީއްލުމުގެ ކުރިން ވޯޓް ލުން ނިންމާލާ ފޮށި ބަންދުކޮށް މާފަހުން ފޮށި ކަނޑާ ނަތީޖާ އިއުލާން ކުރަން މަޖުބޫރުވާ ގޮތަކަށް އެއްވެސް އިންތިހާބެއްގެ ކަންކަން ތަރުތީބުވުމަކީ ނަތީޖާގެ ސައްހަކަމާ މެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތް ކަމެކެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އާއްމު އިންތިހާބު ރޯދަ މަހު ބޭއްވުމަށް ތާވަލު ކުރުމުން އެކަން ހުއްޓުވުމަށްޓަކާ ރޯދަމަހު އިންތިހާބު ބޭއްވުން މަނާ ކުރާ މާއްދާތަކެއް އިތުރުކޮށް އިންތިހާބާ ބެހޭ ގާނޫނު އިސްލާހުކޮށް ތަސްދީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވުމުން ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމުން އެއ އިސްލާހު އޮތްގޮތަށް މަޖިލީހުން ފާސްކޮށް ގާނޫނަކަށް މިއަދު ވަނީ ހަދާފައެވެ. 

އެގޮތަށް އެ އިސްލާހު ފާސްވެ ގާނޫނަކަށް ވުމުން ރާއްޖޭގައި އެއްވެސް އާންމު އިންތިހާބެއް ދެން ބޭއްވޭނީ ރޯދަމަސް ނިންމާ ދިހަދުވަސް ފަހުންނެވެ. އެހެން ކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް އިލެކްޝަނުން ރޯދަމަހު ބޭއްވުމަށް މިހާރު ތާވަލް ކޮށްފައިވާ އިންތިހާބު 17 މާރޗް 2024 ގައި ނުބޭއްވޭނެއެވެ. އެ އިންތިހާބު ރޯދައިގެ ކުރިން ބޭއްވޭހާ މޫސުން ނެތުމުން ދެން އެ އިންތިހާބު ބޭއްވޭނީ ރޯދަމަސް ނިންމާ ދިހަ ދުވަސް ފަހުންނެވެ.