މުއިއްޒު ދައްޔޫސް ހެދިގެން ގައުމު ނޮޅާ ކާކެއުން ހުއްޓުވާ!

އެއްވެސް ގެރެންޓީއެއް ދައުލަތަށް ނުހޯދާ ބާޓާ ސިސްޓަމަށް ބިންތައް ބަހަނީ!

މުއިއްޒު ދައްޔޫސް ހެދިގެން ގައުމު ނޮޅާ ކާކެއުން ހުއްޓުވާ!

އަނބި މީހާގެ އުނު އަންނައުނު ހޯދާދޭން ކަންމަތީ ފިހާރައިގެ ސޭޓް އެއްބަހެވެ. އަނިބިމީހާއަށް ކާންބޯން ދޭނީވެސް ސޭޓެވެ. އަނބިމީހާއަށް ބޭނުންވާ ސެންޓާއި އަތަރާއި ލޯޝަނާއި އެނޫންވެސް ބޭނުންވާ ހުރިހާއެއްޗެއް ހޯދާދޭނީ ސޭޓެވެ. ބޭސްފަރުވާއަށް ދާންދެން ސޭޓުވަނީ ހަވާލުވެފައެވެ. ސޭޓު ބޭނުންވާ ކަންކަމުގައި ސޭޓް ބޭނުންވާ ގޮތަކަށް ކަންކަން އަނބިމީހާ ކޮށްލާ ދިނީމާ ނިމުނީއެވެ. ޖީބުން އެންމެ ހަތަރު އަނާއެއްވެސް އަނބި މީހާއަށްޓަކާ ފިރިމީހާ ހަރަދު ކުރާކަށް ނުޖެހޭނެއެވެ. އެކަމުގައި މަށަކަށް ލިބޭ ގެއްލުމެއް ނެތެވެ. ދުވަސްކޮޅަކުން އަނބިމީހާ މަށާ ހަތަރުކަޅި ހަމަކޮށް ނުލެވޭ ވަރަށް ސޭޓަށް ގޮސް ހުސްވިޔަސް ވަރިހަމަތާއެވެ. ސޭޓާއެކު މިހެދުނީ ކިހާ ފައްކާ ޑީލެއްހެއްޔެވެ. ދައްޔޫސެކޭ މީހުން ކިއްޔާ ވާނީ ކީއްހެއްޔެވެ. 

ޑރ. މުއިއްޒުވެސް ހަދަމުން އެދަނީ އެޒާތުގެ ޑީލެވެ. ކޮންމެ ދައްޔޫސީ ޑީލަކާ ގުޅުވައިގެން މާމޮޅު ވާހަކައެއް ކަމަށް ހަދައިގެން މިބުނަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ވާހަކައެވެ. ރާއްޖޭގެ އެންމެ އަކަ ކައިވަތަކީ ވެސް ތިޔަ ހީކުރާހެން ފައިސާއިން އަގުކުރެވޭނެ އެއްޗެއް ނޫނެވެ.

ރާއްޖޭގެ ސަރަހައްދު ކަމަށްވާ އާޕިލަޖިކަލް ބޭސްލައިނުގެ ބޭރުން ބާރަ ކަނޑުމޭލުން އެތެރޭގެ ކޮންމެ އަކައިންޗިއަކީ ދައުލަތުގެ މިލްކިއްޔާތެވެ. ބަޖެޓްގައި އޮތަސް ނެތަސް ހަޒާނާގައި ކޮމޯޑިޓީއެއްގެ ގޮތުގައި ރައްކާކުރެވިފައި ނެތަސް ހަމައެއް އުސޫލެއްނެތި ވެރިއަކަށް ހުންނަ މީހާ ބޭނުންހާ އެއްޗެއް ދައުލަތުގެ މިލްކިއްޔާތަކަށް ނުހެދޭނެއެވެ. 

ބައިނަލްއަގުވާމީ ގާނޫނު ތަކުގެ ދަށުން ބައިނަލްއަގުވާމީ ކޯޓަކުން ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކިކުރުމުން ކަނޑު ވިއްކާލި ކަމަށްވެގެން އަޑުން އަޑުނަގާ ތެޅެފޮޅުނީ ތިޔަ ބައިގަނޑެވެ. އެއްޔަކީ އަދި ރާއްޖޭގެ ސިޔާސީ ސަރަހައްދުގައި ހިމެނޭ ތަނެއްވެސް ނޫނެވެ. އެކަމަކު ވެރިކަމަށް އެރިގޮތަށް އަރާ ފުށިދިއްގަރުފަޅު ހިލާލީ ބޯހިޔާވަހި ކަމުގެ ނަން އަޅުވައިގެންނެވެ. ބޭރު ބަޔަކަށް 99 އަހަރަށް ބާޓާ އުސޫލުން ދޫކޮށްލީ ގާނޫނާއި ގަވައިދަށް ބެލުމެއް ނެތިއެވެ. 

ކުރީ ސަރުކާރަކުން 25 އަހަރަށް ހުޅުލޭ އެއަރޕޯޓް ހިންގުން ބޭރު ބަޔަކާ ހަވާލުކޮށްގެން ނެގިނެގިފައި ޖެހުނީވެސް ތިޔަ ބައިގަނޑެވެ. އެންމެ ފަހުން އެ އެގްރިމަންޓް ބާތިލުކޮށް 300 މިލިޔަން ޑޮލަރުގެ ބަދަލެއް ތިޔަ ބައިގަނޑާހެދި ދައުލަތަށް ދޭން ޖެއްސި ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ.

ރާއްޖޭގައި 99 އަހަރަށް ފަތުރުވެރިކަމަށާއި އެނޫން ބޭނުމަށް ބިން ދީފައި ހުރީ ގާނޫނީ ތަރަހައިގެ ތެރެއިންނެވެ. އެކަށީގެންވާ ބޮޑު އަދަދަކަށް ޑޮލަރު އެކުއިޒިޝަންގެ ގޮތުގައި ދައުލަތަށް ނަގާ ގެރެންޓީ ހޯދައިގެންނެވެ. އެއްވެސް ގެރެންޓީއެއް ދައުލަތަށް ނުހޯދާ ބާޓާ ސިސްޓަމަށް އަކައިންޗިއެއް ވެސް ބަޔަކަށް ދައުލަތުން ދީފައި ނުވެއެވެ. 

ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގައި ތިނަދޫ ރައްޔިތުންނަށް ވައުދުވީ ބުރިޖަކުން ކޫއްޑުއާ ތިނަދޫ ގުޅާލާށެވެ. ކުއްލިއަކަށް ވައުދު ބަދަލުވެ ތިނަދޫ ފަޅުގައި އެއަރޕޯޓެއް އަޅަން ޖެހިއްޖެއެވެ. ރިޔާސީ ވަދުވީ ނިކަން ރަނގަޅަށް ދިރާސާކޮށް ފަންނީ މައުލޫމާތާއި ފީޒިބިލިޓީގެ މައްޗަށް ކަމަށް އަނގަ ފުރާފައި ބުނެއެވެ. ހެދި ފީޒިބިލިޓީއާއި ވީއައުދު އެކޮޅުކޮޅުން ޖެހި ތިނާދޫ ފަޅަށް އެއަރޕޯޓެއް ވައްޓާލަނީއެވެ. ހަތް މިނިޓްގެ ދުރުމިނުގައި ހިނގަ ހިނގާ އޮތް އެއަރޕޯޓެއް އޮއްވައެވެ.

ހެއްވާ ކަމަކީ ދައުލަތުން ލޯލާރިއެއްވެސް ހަރަދުނުކޮށް އިންޓަރނޭޝަނަލް އެއަރޕޯޓެއް ތިނަދޫ ފަޅުގައި އެޅުމެވެ. ތެދެކެވެ. ބަޖެޓަކުން އެންމެ ލާރިއެއްވެސް ހަރަދެއް ނުކުރެއެވެ. ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑަށް ހުވަދޫ އަތޮޅުން 12 ރަށް 99 އަހަރަށް ދެނީއެވެ. ދައުލަތަށް ބައިސެންޓް ވެސް ނުހޯދައެވެ. އަދި ދައުލަތަށް ބައިސެންޓް ވެސް ލިބުމެއް ނެތް ގޮތަށެވެ. މަޖިލިސް ކެންޕޭނަށް ޑޮލަރުކޮޅެއް ޖީބަށް އަލާލަ ދިނަސް ޑީލްނިމުނީ ހަރަދު ކުރަން ޖެހޭތީ އަނބިމީހާ ވިއްކާލާ ގޮތަށެވެ.

މިހުރިއްޔަކީ ސަމާސާ ކަންކަމެއް ނޫނެވެ. ވަރަށް ސީރިޔަސް ކަންކަމެވެ. ދައުލަތް ދަވާލުމުގައި މުއިއްޒު މިގެންގުޅެނީ ދައްޔޫސީ އުކުޅެވެ. ދައްޔޫސް ހެދިގެން ގައުމު އިތުރަށް ނޮޅާކާން ބޭރު މީހުނަށް ދީގެން މުއިއްޒު އުޅެން، އުޅޭ އުޅުން ހުއްޓުވަން ޖެހެއެވެ. ގާނޫނުގެ ތެރެއިން ނުވިއްޔާ މަގުމަތިންނެވެ.