ގޯތީގެ ރަޖިސްޓްރީ ދީފައިވާ ބިންތަކަށް އެރުމަށް ގޮވާލައިފި

ދައުލަތުގެ އިސްވެރިޔާ އެތަންތަން އެއޮތީ ދެއްވާފަ

ގޯތީގެ ރަޖިސްޓްރީ ދީފައިވާ ބިންތަކަށް އެރުމަށް ގޮވާލައިފި

ގެދޮރުވެރި ޕްރޮގްރާމްގެ ދަށުން ގޯތިލިބި ގޯތީގެ ރަޖިސްޓްރީ ލިބިފައިވާ ފަރާތް ތަކުން އެ ތަންތަނަށް އެރުމަށް މަޖިލީހުގައި ގޮވާލައިފިއެވެ. އެ ގޯތިތަކަށް މީހުން އެރުމަށް ގޮވާލެއްވީ މާފަންނު މެދު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ރަޝީދުއެވެ.

އިއްޒަތްރެރި މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވިގޮތުގައި ބަޔަކަށް ދީފައި އޮންނަ ގޯއްޗެއް ލިޔުމެއް އަތެއް ނުލެވޭނެއެވެ. އެއީ ވަކިނުކުރެވޭނެެ ހައްގެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. " މިހާރު ހަގީގަތުގައި ރަޖިސްޓްރީ ލިބިފައިވާ ފަރާތްތަކުން އެތަންތަނަށް އަރަންޖެހޭ. ގިރާވަރު ދީފަ ހުރި ފަރާތްތައްވެސް. ގިރާވަރު އެހުރީ ރަޖިސްޓްރީއާ އެއްކޮށް ހަވާލުވެފާ. ދެން ކޮންމެހެން ސަރުކާރުން ހަވާލުކުރޭތޯ ބަލަން ތިބޭކަށް ނުޖެހޭ ރައްޔިތުން. ގިރާވަރަށް އަރާ މިހާރު އެތާނގަ މަސައްކަތް ފަށަންޖެހޭ" ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އިއްޒަތްތެރި މެންބަރު ވިދާޅުވި ގޮތުގައި ދައުލަތުގެ އިސްވެރިއަކަށް ހުންނެވި އިބްރާހީމް މުހައްމަދު ސޯލިހު އެތަންތަން އެއޮތީ ދެއްވާފައެވެ. ދައުލަތުގެ އިސްވެރިޔާ ދެއްވުމުން އެތަންތަނުގައި މަސައްކަތްނުފަށާ ވަކި ސަރުކާރަކުން ބުނަންދެން ތިބެން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވީމާ ރައްޔިތުން އެތަނަށް އަރާ ތިބެންވީ ކަމަށްވެސް އެ މެންބަރު ވިދާޅުވިއެވެ.

ހުޅުމާލެއިން ބިން ލިބުނު މީހުން އަވަހަށް އެތަނަށް އެރުމަށް އިއްޒަތްތެރި މެންބަރު އެދެވަޑައިގަތެވެ. ކަޑަޖަހާ ރޯނުދަމާ ރަޖިސްޓްރީކޮށް ދީފައިވާ ބިންތަކަށް ރަޖިސްޓްރީ ލިބުނު ފަރާތް ތަކުން އަވަހަށް އެރުމަށް އޭނާ ވިދާޅުވިއެވެ. 

ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ބިން އިތުރުކޮށް މާލޭގެ ބޯހިޔާވަހިކަން ހައްލުކުރުމަށް އެތަންތަނުން ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ މާލޭގެ ގިނަ ބަޔަކަށް ގޯތިދީ ރަޖިސްޓްރީ ދީފައެވެ. ރައީސް މުއިއްޒު ކެންޕޭނުގައި ވައުދުވެ ވަޑައިގަތް ގޮތަށް އެ ގޯތި ތަކާމެދު އަމަލު ކުރައްވަން ނޫޅުއްވާ ކަމުގެ ކަންބޮޑުވުން ނިހާޔަތަށް ބޮޑެވެ.