ބާނަބާނާ ތިއްބާ ބޭނި ގަތުމުން ބާނާލައިފި
ބަޅުރުކު ކުދިން މާ މޮޅީއެވެ
ބަޅުރުކު ކުދިން ހަމަ މާ މޮޅީއެވެ. ފިސާރި މަތިހަށި ނަގާފައި އުޅުނު ކާނަލް ނާޒިމާއި އޭނާގެ ބައިގަނޑު ނިކަން ރަނގަޅަށް ގުއިރޯނެއްގައި ޖައްސައިފިއެވެ. ފެށުނީއްސުރެ އިންޑިއާ އައުޓާ ނާޒިމް ދެކޮޅެވެ. ނާޒިމް އެކަމާ ދެކޮޅުވެރިކަން ބޮޑު ކަމުން ނާޒިމް ޕާޓީ ހަދައިގެން ރިޔާސީ ކެމްޕޭނަށް ނިކުމެގެން އުޅެނީ އިންޑިއާ ސަރުކާރުގެ އެހީއާއި މަދަދުގައި ކަމަށް ތުހުމަތު ކުރެއެވެ. ރިޔާސީ ކެންޕެއިންނަށް ހަރަދު ކުރަނީ ވެސް އިންޑިއާއިން ކަމަށް ބުނެ ދެއްކޭ ވާހަކަ ވެސް މަދެއް ނޫނެވެ.
ކުރީގެ ރައީސް ނަޝީދަކީ ވެސް އިންޑިއާ އައުޓާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އެންމެ ފަހުން އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީ ތެރޭގައި ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅެއް ހަނދާނަށް އައުދެއެވެ. ރައީސް ޔާމީނުގެ އިންޑިއާ އައުޓު ސިޔާސަތު ނޫން ހުރިހާ ސިޔާސަތެއް ވެސް އެ މަނިކުފާނަށް ވަރަށް ކަމުދާކަމަށް ވިދާޅުވި ވިދާޅުވުމެވެ. ރައީސް ޔާމީނުގެ ވައްކަމުގެ ސިޔާސަތު އަދި މާ ބޮޑަށް ކަމުދާކަމަށް ވެއެވެ. އެކަމަކު އިންޑިއާ އައުޓުގެ ވާހަކައަކީ ރައީސް ނަޝީދަށް ވެސް އެންމެ ހަޖަމު ނުކުރެއްވޭ ކަންތަކެވެ. އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކެންޕޭނެއް ކަމަށް ނަޝީދު ވިދާޅުވާ ކެންޕޭނަކީ އިންޑިއާއައުޓެވެ. އެކަމަކު ދަނޑިވަޅު ބަލާފައި ޕީޕީއެމުން ނަޝީދަށް ވެސް އެ ކެހި ދީފިއެވެ.
ދުރާލާ ރާވައިގެން ކުރިޔާލާ ބާނަބާނާ ތިއްބާ ބޭނިގަތުމުން ބާނާލައިފިއެވެ. އިންޑިއާ ގެ ރުހުން ލިބޭނެ ކަމަށް ކަށިމަތީ ތެޔޮލައިގެން ތިއްބާ ނަޝީދާ ނާޒިމަށް ޕީޕީއެމުން ބޮނޑިއެއް ދީފިއެވެ. އިންޑިއާ އައުޓުގެ ވާހަކަ ދައްކަންޏާ ނަޝީދުގެ ދި މޮކް ރެޓްސް ތަކާއި ނާޒިމުގެ މިލިޓެންޓުން އެތަނަށް ނުދާނެ ކަން ޕީޕީއެމް ކުދިންނަށް ރަނގަޅަށް އެނގެއެވެ. އެހެން ވީމާ ކުރިޔާލާ އެވާހަކަ ނުދައްކާނެ ކަމަށް ހަތް ހުވާ ކޮށްގެން ވެސް ބޭނުންވީ އެ ތަނަށް އެމީހުން ގެންދާށެވެ.
އަދުރޭގެ ހިސާބު ބަރާބަރަށް ދިމާވެއްޖެއެވެ. ބޭނުންވީ ފޮޓޯ އަދުރޭ ހޯދައިފިއެވެ. އިންޑިއާ އައުޓް މަޅީގައި ނަޝީދުގެ މީދާތައް ޖެހިއްޖެއެވެ. ކާނަލް ނާޒިމް ނިކަން ރަނގަޅަށް އިންޑިއާ އައުޓު ބޮނޑި ބޮއިފިއެވެ. ޖެހިމަޅި ކަރަށް ވައްޓާލާ ދަމާ ބާރުކޮށްލުމަށް ފަހު ތިމަންމެން ކުރި ކަމެއް ނޫނޭ ބުނެ ބާރުބާރަށް ބާރަށު ޝުޖާމެން ޓްވީޓް ކުރަން ފެށީއެވެ. ޓްވީޓް ކުރަމުން ވެސް ބުނާ ކަހަލައެވެ. ރީތިބޮޑިއެއް އޮންނާނީ ދީފައެވެ. ނަޝީދުގެ ރެޓްސް އަށާއި ނާޒިމުގެ ބައިގަނޑަށް އިންޑިއާ އައުޓު މަޅިއަކުން ދެން ނުނެއްޓެވޭނެއެވެ. އިންޑިއާގެ އިތުބާރެއްވެސް ނުހޯދޭނެއެވެ.