ހަނިމާދޫ ބަނދަރު ވެސް ޒަމާނީ ފެންވަރަށް ނިންމައިފި

މަޝްރޫއުއަކީ 69 މިލިއަން ރުފިޔާގެ މަޝްރޫއެއް

ހަނިމާދޫ ބަނދަރު ވެސް ޒަމާނީ ފެންވަރަށް ނިންމައިފި

ލަފާފުރެން ނެތް ރަށްރަށުގެ ބަނދަރު ހަދާ ކޮންމެ ރަށަކީވެސް ފަސޭހަކަމާއެކު ލަފާ ފުރޭ ރަށަކަށް ހެއްދެވުމަށް ރައީސް ސޯލިހުވަނީ އަމާޒު ހިއްޕަވާފައެވެ. ހަމައެހެން ކުރިން ބަނދަރު ހަދާފައި އޮތް ބަނދަރުތަކުގެ އާބާތުރަފިލުވާ ދެއްވާ ޒަމާނީ ފެންވަރަށް ބަނދަރުތައް ބޮޑުކޮށް ދެއްވާ ފުންކޮށް ދެއްވުމަކީވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ. 

ހދ. ހަނިމާދޫއަކީ އުތުރުގެ މައިދޮރާއްޓަށް ބަދަލުކޮށް ލުމުގެ މަސައްކަތްތައް ތަރުތީބު ކުރެވިގެން ބާރަށް ހިނގަމުން ދާއިރު އެރަށުގައި އޮތް ކުޑަ ބަނދަރު ބޮޑު އަދި ޒަމާނީ ބަނދަރަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތްކަމެކެވެ. ހަނިމާދޫ ބަނދަރަކީ ކައިރި ރަށްރަށުގެ އެތައް އޮޑިދޯނި ފަހަރު ދުވާލަކު އެތައް ފަހަރަކު އެކި ބޭނުންތަކުގައި ލަފާފުރާން ބޭނުންކުރާ ބަނދަރެކެވެ. އެހެން ކަމުން ހަނިމާދޫ ބަނދަރު އޮތީ ރަށުގެ ބޭނުންތަކަށް ވެސް ފުދޭ ވަރަށްވުރެ މާބޮޑަށް ކުޑަވެފައެވެ.

މިހާރު އެވަނީ މި ސަރުކާރުން ހަނިމާދޫ ބަނދަރު ޒަމާނީ ފެންވަރުގެ ތަނަވަސް ބަނދަރަކަށް ބަދަލުކޮށްލާފައެވެ. ސެޕްޓެމްބަރު 2019ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ހިނގި މި މަޝްރޫއުއަކީ 69 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2020 އަހަރުގެ މެއި މަހުއެވެ.

ހަނިމާދޫ ބަދަރު ތަރައްގީކުރުމުގެ ގޮތުން އަންނަނިވި ކަންކަން އެމްޓީސީސީން ވަނީ މަޝްރޫއުގެ ދަށުންކޮށް ނިންމަފައެވެ. 

  • 19870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން
  • 6525 ކިއުބިކް މީޓަރުގެ ސަރަހައްދެގެ ނެރު ފުންކުރުން
  • 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
  • 704 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން
  • 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހުން
  • 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހުން
  • 2،583 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުން
  • ޖެޓީއަކާއި ބްރިޖަކާއި ރޭމްޕެއް ހެދުން
  • ނެރު ބައްތި އާއި ބަނދަރު ބައްތި ޖެހުން

ރައީސް ސޯލިހުގެ ހަމަހަމަ ސިޔަސަތުގެ ދަށުން ރާއްޖޭގެ ކަންކޮޅުތަކުގައި ކޮށް ނިންމާފައިވާ ކަންކަމާއި ކުރަމުންދާ ކަންކަން ޝުކުރުވެރިކަމާއެކު ގިނަ ރައްޔިތުން ފާހަގަކުރެއެވެ. ކަމެއް ކުރެވޭކަން އެނގޭނީ އެކަންކަން ލޮލުންދެކި އަތުން ހިފާ ބަޔަކަށެވެ.