ޕީއެންސީއަށް ސޮއި ކުރަނީ ލޯބިން - ފައިސާ އަކަށް ނޫން!
އަޒުލު ކުރުމުގެ އިޖުރާތަށް ގެނައި ބަދަލާ ގުޅިގެން ސަރުކާރު ކޮށިއެރީ!
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ފަސް އަހަރު ވެެގެން ގޮސްފައި ވަނީ ޓްރާންސްފަރ މާރކެޓެއް ނެތް ފަސް އަހަރަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަޖިލީހުގެ ސްޕަރ މެޖޯރިޓީ ވެރިކަން ކުރި އެމްޑީޕީއަށް އޮތުމުންނެވެ. އެމްޑީޕީ ސަރުކާރުން ބޭނުންވާ ކަންކަން މަޖިލީހުން ފާސް ކުރުމަށް އެމްޑީޕީއަކަށް ހުރަހެއް ނެތެވެ. ޕީޖީ ގްރޫޕުން ނެރޭ ވިޕަކުން ކަންކަން ފާސް ކޮށްލުމަކަށް އެއްވެސް ހުރަހެއް އެ ސަރުކާރަކަށް ނެތެވެ.
އެމްޑީޕީ ކަފިވެގެން މެންބަރުން ކޮޅެއް ޕާޓީ ބަދަލު ކުރުމަކުން ވެސް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީއެއް ނުގެއްލެއެވެ. އެހެން ކަމުން ސަރުކާރު ހިފެހެއްޓުމަށް މެންބަރުން ގަންނާކަށް އެމްޑީޕީއަކަށް ނުޖެހެއެވެ.
ކަންދިމާކުރި ގޮތުން 2023ގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވި ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ވެރިކަން ޕްރޮގްރަސިވް ކޯލިޝަނަށް ލިބުނު އިރު އެކޯލީޝަންގެ މެންބަރުގެ ގޮތުގައި މަޖިލީހުގައި ތިބީ އެންމެ އަށެއްކަ މެންބަރުންނެވެ. އެއާއިއެކު ސަރުކާރަށް ތާއީދުކުރާ އެހެން އިތުރު މެންބަރުން ކޮޅެއްވެސް މަޖިލީހުގައި ތިބެއެވެ. އޭގެތެރެއިން ޕްރޮގްރަސިވް ކޯލިޝަންގެ 7 މެންބަރަކު ސަރުކާރުގެ ސިޔާސީ މަގާމްތަކަށް ދިޔުމުން ވެރިކަން ކުރާ ޕްރޮގްރަސިވް ކޯލިޝަންގެ އަދަދު ބޮޑުތަނުން ދަށްވިއެވެ. ސަރުކާރަށް ތާއީދުކުރާ ދިހަ މެންބަރުން މަޖިލީހުގައި ހަމައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ބާރުދޭ މެންބަރުން އެކަށިގެންވާ އަދަދަކަށް ނެތުމަކީ ސަރުކާރަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެކަށިގެންވާ އަދަދަކަށް މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން ނެތުމުގެ ކަންބޮޑުވުން އޮތަސް ސަރުކާރުން މަސައްކަތް ކުރަމުން އައީ ކުރިއަށް އޮތް 2024ގެ އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ހޯދުމަށެވެ. ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވަމުން ދާތީއާއި ވެސް އެކުގައެވެ.
އަންނަ މަޖިލިހަށް ސަރުކާރުގެ މުޅި ފޯކަސް ހުއްޓިފައި އޮއްވާ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ އިޖުރާތަށް މަޖިލީހުން ގެނައި ބަދަލު ތަކަކާއި ގުޅިގެން ސަރުކާރު ކޮށިއެރިއެވެ. ފަސޭހަ ކަމާއެކު ރައީސް އަޒުލު ކޮށްފާނެ ކަމުގެ ބިރުހީވެ މަޖިލިސް ޕެރަލައިޒް ކޮށްލެވޭނެ ގޮތެއް އޮތްތޯ ބެލިއެވެ. އެމްޑީޕީއަށް އޮތް މެޖޯރިޓީ ގެއްލުވާނުލާ ސަރުކާރު ދެމިއޮތުމުގެ ބިރު ބޮޑުވެ ގާސިމުގެ ލަފާގެ މަތިން މަޖިލިސް މެންބަރުން ސަރުކާރަށް ގަތުމުގެ މަސައްކަތް މުއިއްޒު ފެށިއެވެ.
ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތުމާއި އެމްޑީޕީ ވެރިކަމުގައި އޮތް އިރު ނުނެގުނު މާލީ މަންފާ ހޯދުމަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ސަރުކާރުން ހުޅުވާލި ޓްރާންސްފަރ މާރކެޓްގައި ނަފްސް ވިއްކާލަން ނިންމިއެވެ. އަޒުލް ކުރުމުން ސަލާމަތް ވުމަށް މަޖިލީހުން މެންބަރުން ތަކެއް ގަތުމަކީ ރައީސް މުއިއްޒަށް ނުކޮށް ވާން އޮތް ކަމެއް ނޫނެވެ. އެކަން ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ރައީސް މުއިއްޒު ހުރީ ތައްޔާރަށެވެ.
ކިތަންމެ މެންބަރުންނެއް ޕީއެންސީއަށް މިރޭ ސޮއި ކުރިޔަސް ރިޝްވަތު ދިންކަމާ ރިޝްވަތު ހިފިކަމަށް އެއްވެސް މީހަކު އެއްބަސް ނުވާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. އެއްބަސް ކުރުވަން އުޅޭނީވެސް މޮޔައެކެވެ.
މަޖިލީހުގެ ބައެއް މެމްބަރުން ވެރިކަންކުރާ ޕީއެންސީއަށް ބަދަލު ކުރަން ރިޝްވަތު ދެމުން އަންނަ ކަމަކަށް ސަރުކާރުގެ ސްޕޯކްސް ޕާރސަނެއް ކަމަކު އެއްބަހެއް ނުވާނެ ނޫން ހެއްޔެވެ. ޕާޓީ ބަދަލުކުރާ އެއްވެސް މެންބަރަކު ރިޝްވަތު ދިންކަމަކަށް އަދި ރިޝްވަތު ހިފިކަމަކަށް ނުބުނާނެއެވެ. ނުވެސް ބުނެވޭނެއެެވެ.
އަޖައިބެކެވެ. މެންބަރުންތައް ދަތްމައްޗަށް ތުން ނާރާވަރަށް ދަތް ދިލުވައިގެން އެ ތިބެނީ ޕިއެންސީ ދެކެވާ ލޯތްބަކުން ލޮލުފިޔަ ނުޖެހިގެންނެވެ. މެންބަރުން ގަންނަން ސަރުކާރުން ފައިސާއަޅާ ކަމަކަށް ޝަހީބެއް ކަމަކު ނުބުނާނެ ނޫން ހެއްޔެވެ. ދަރިސޮރަކު ވެސް ވަނތްތާކަށް ވަދެފާ ބުނީ ހުނި ގުރާބު ބަލާ ވަނތް ވާހަކަ ނޫން ހެއްޔެވެ.