ދުނިޔޭގެ ޑިމޮކްރެޓިކް ވެއްޓަށް ރައީސް ސޯލިހަކީ ދަންމަރެއް: ވީ-ޑެމް

ރައީސް ސޯލިހަކީ ނުފޫޒަށް ބެލުމެއްނެތި ޑިމޮކްރެޓިކް ހަމަތައް ހިފެހެއްޓެވުމުގައި މިސާލެއް

ދުނިޔޭގެ ޑިމޮކްރެޓިކް ވެއްޓަށް ރައީސް ސޯލިހަކީ ދަންމަރެއް: ވީ-ޑެމް

ބަވަނަވެތި ދުނިޔޭގައި ނެތެމުންދާ ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމުގައި ރައީސް ސޯލިހަކީ އަލިގަދަ ފާހަގައެއް ކަމަށް ވީ-ޑެމް ބުނެ ތައުރީފް ކޮށްފިއެވެ. ވީ-ޑެމްއަކީ ޑިމޮކްރަސީއަށް ފުރޮޅެމުންދާ ޖަޒީރާ ގައުމުތަކުގެ އިހުތިޔާރީ ގްރޫޕެކެވެ.

ޑިމޮކްރެޓިކް އަގުތައް ދޫކޮށް ފެޔަށް ޖެހެމުންދާ ބަވަނަވެތި މިއަދުގެ ދުނިޔޭގައި ހުދުމުހުތާރު ކަމާދުރަށް ރާއްޖެ ގެންދިއުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިކަން އެ ޖަމާއަތުން ފާހަގަ ކުރެއެވެ. ދިރުން ހުރި ޑިމޮކްރަސީއަކަށް ފަހި މާހައުލެއް ގާއިމުކުރުމުގެ އުންމީދުން ފުރިގެންވާ ވެރިކަމެއް ރައީސް ސޯލިހު ކުރެއްވިކަމަށް ވީ-ޑެމްގެ ރިޕޯޓް 2024 ބުނެފައިވެއެވެ. 

ހުދުމުހުތާރު ވެރިކަމުން ޑިމޮކްރަސީއަށް ރާއްޖެކުރި ދަތުރަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދަތުރެކެވެ. އަހަރުތަކެއް ވަންދެން އޮތް ސިޔާސީ ހަލަބޮލިކަމަށް ފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވީ ގައުމު ހަމަ މަގަށް އެނބުރުމުގެ ނިޝާނެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނު ކާމިޔާބީއާއި، އޭގެ ފަހުން މަޖިލިސް އިންތިހާބުގައި ބޮޑެތި ކާމިޔާބީތަކެއް ލިބުމަކީ ޑިމޮކްރެޓިކް ވެރިކަމަކާ ދިމާއަށް އެނބުރުމުގެ ވަރަށް މުހިންމު ބަދަލެކެވެ. އެންމެ ފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ދިވެހިން ޑިމޮކްރަސީއަށް ފައްކާކުރުވުމުގައި ރައީސް ސޯލިހަކީ މިސާލެއް ކަމަށް ފާހަގަ ވެގެން ދިޔައެވެ. 

ދުނިޔޭގެ އެހެނިހެން ގައުމުތަކާ އަޅާބަލާއިރު ރައީސް ސޯލިހުގެ ދައުރުގައި ޑިމޮކްރަސީގައި ހޯދިފައިވާ ކާމިޔާބީތައް ބޮޑުކަމަށް ބަޔާންކޮށް އެކަން ހާމަކުރުމަށް ވަރަށް ބޮޑު އިސްކަމެއް އެ ރިޕޯޓްގައި ދީފައިވެއެވެ. 2.8 ބިލިއަން މީހުން ދިރިއުޅޭ 42 ގައުމަކަށް ހުދުމުހުތާރު ވެރިކަމުގެ ނުބައި އަސަރު ކޮށްފައިވާ ކަމުގެ ކަންބޮޑުވުން ފާހަގަ ކޮށްފައިވެއެވެ. ހާއްސަކޮށް ދެކުނާއި މެދުތެރޭ އޭޝިޔާގެ ސަރަޙައްދީ ގޮންޖެހުންތަކުގައި ނުޖެހި ރާއްޖޭން ކާމިޔާބު ކާމިޔާބުކަމާއެކު ޑިމޮކްރަސީ ނެގެހެއްޓިކަން ފާހަގަ ކޮށްފައިވެއެވެ. ގައުމުގެ ސައިޒަށް ނުވަތަ ޖިއޮޕޮލިޓިކަލް ނުފޫޒަށް ބެލުމެއްނެތި ޑިމޮކްރެޓިކް ހަމަތައް ހިފަހައްޓަވާފައި ވަނީ މިސާލެއް ފަދައިންކަމަށް ވީ-ޑެމް ދެކެއެވެ.

މިނިވަން އިންތިހާބާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޖަމާއަތް ހެދުމުގެ މިނިވަންކަން ތަންމިނަށް ރާއްޖޭގައި އޭރު އޮތް އޮތުމަކީ ދުނިޔޭގެ އެހެން ގިނަގައުމުތަކާ ހިލާފަށް ރާއްޖޭން ހޯދި ކާމިޔާބެއް ގޮތުގައި އެރިޕޯޓު ބަޔާންކުރެއެވެ. 

ރާއްޖޭން ދައްކާދިނީ ޑިމޮކްރަސީގެ ކެތްތެރިކަމާއިއެކު ހުދުމުހުތާރު އާދަތައް ފަހަތަށް ޖެއްސުމުގެ ފުރުސަތު އޮތްކަމުގެ ހެކިތަކެކެވެ. ޑިމޮކްރަސީއަށް ދުނިޔޭގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ރާއްޖޭގެ ކާމިޔާބީތަކުން އުއްމީދު އާކޮށްދިނެވެ. ރާއްޖެއަކީ ޑިމޮކްރެޓިކް އަގުތައް އާލާކުރުމުގެ ހިތްވަރަކަށް ދުނިޔޭގައި ވެގެންދިޔައެވެ. \

ރައީސް ސޯލިހުގެ ދައުރަކީ ރާއްޖޭގެ ޑިމޮކްރެޓިކް ދަތުރުގައި ފާހަގަކޮށްލެވުނު ދުވަސްވަރެކެވެ. ޑިމޮކްރަސީގައި ރައީސް ސޯލިހު ހޯއްދެވި ފާހަގަކޮށްލެވޭ އެއް ކާމިޔާބަކީ 2020 ވަނަ އަހަރު އަނބުރާ ކޮމަންވެލްތުއަށް ގެންދިއުމެވެ. އަލުން ކޮމަންވެލްތުގައި ބައިވެރިވުމަކީ ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި ފެނިގެންދިޔަ ހުދުމުހުތާރު ކަމަށްފަހު ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ދުނިޔެދެކެއެވެ.