އިންޑިއާއިން އެންގީމާ ބިރުން މުއިއްޒު ނުކުރާނެ!
އެއްބަޔަކު ހުއްޓި ހިސާބުން ފަށައިފިއްޔާ ދެރަވެދާނެ
އިންޑިއާއިން ކޯފުއްޕާ ދެބުމަ ގޮއްޖަހާ ލޯބޮޑުކޮށްލީމާ އިހަވަންދިއްޕޮޅުގެ ޓްރާންޝިޕްމެންޓް ޕޯރޓްގެ ޓީ ކިޔަންވެސް ރައީސް މުޢިއްޒަކަށް ލާހިކު ކުޅަދާނަ އެއް ނޫނެވެ. އެކަމުގަައި ފިޔަން ޖަހަންވެގެން، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިި ހައްދުންމަތީ ގާދޫގައި ބައިނަލް އަގްވާމީ ބަންކަރިން ޚިދުމަތް ދިނުމުގެ މަސައްކަތް ފައްޓަވަނީ ޔޯލައެވެ.
މަސްރޯނު ބޮއްޔާ ރަތްގަލާ ކުފްރާގެ މައްޗަށް ބިނާވެފަައި އޮތް ޒަމާންވީ ދިވެހި އިގްތިޞޯދު ފަތުރުވެރިކަމަށް ބަދަލުވި ފަހުން 50 އަހަރުވީއެވެ. އެއިން ލިބުނު ކުރިއެރުމާ ފާގަތިކަން ދެކޭން ތިބޭތާ 50 އަހަރުވީ އިރު ފެންނަ ބަދަލުނުވާ ހަގީގަތެއް ވެއެވެ. އެއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ނާޒުކު ކަމެވެ. ހަނގުރާމައެއް ނުވަތަ ރޯގާއެއް ފެށުމާ އެކު ފަތުރުވެރިކަމަށް އަރާ ބޮޑު ލޮޅުމެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ޚަރަދު ހަމަޖެއްސުމާ ތަރައްގީގެ މަސައްކަތްތަށް ހިންގުމަށް އަބަދު ވެސް ތިބެން މިޖެހެނީ ބޭރު ގައުމުތަކަށް ސަލާމުގެ ނާށިގަނޑު ދިއްކޮއްގެންނެވެ.
ރާއްޖެއޮތް ގުދުރަތީ މަންޒިލަކީ މާބޮޑު ނަފާވެރިކަމާ، އިގްތިޞޯދީ ކުރިއެރުން ހޯދޭނެ ތަނެކެވެ. ދުނިޔޭގެ ދެބައި ދަނޑީގައި އިރާ ހުޅަނގަށް މެދުވާ ތަނުގައި ރާއްޖެ އޮވެގެން ނެގެން އޮތް ކިތަންމެ އެޑްވާންޓޭޖެއް އަދި އަދަށް ވެސް ނަގާނެ ސަރުކާރެއް ނާދެއެވެ.
ބަައިނަލް އަގްވާމީ ބަންކަރިންއާއި އިންޓަރނޭޝަނަލް ޓްރާންޝިޕްމެންޓް ޕޯރޓްގެ ޚިދުމަތް ދޭން ބަލާނަމަ ރާއްޖެ މިއޮތީ މާލެއަކީ ދުނިޔެނަމަ، މަޖީދީމަގާ ޗާނދަނީ މަގު ޖަންކްޝަން ފަދަ އެންމެ ޕްރައިމް ލޮކޭޝަން ގައެވެ. ނަމަވެސް އެތަނުގަައި ފަޅު ގޯއްޗެއް އޮތުމެކޭ ރާއްޖެ މިހާރު މިއޮތް ގޮތެކޭ ތަފާތެއް ނެތެވެ. އެއްވެސް ވިޔަފާރީގެ ހަރަކާތެއް ނެތިފަޅުވެ ވިނަބޯވެ ވާވަދެފައި އޮތް ގޯއްޗެކެވެ.
އިހަވަންދިއްޕޮޅުގެ ޓްރާންޝިޕްމެންޓާ ގުޅޭ މަސައްކަތް ތަކުގައި ގަތަރާ އެކު މިހާރު އޮތް ހިސާބުން ކުރިއަށް ހިނގައްޖެ ނަމަ ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ސަރުކާރު ރާއްޖޭގެ އިގްތިޞޯދީ މިނިވަންކަމުގެ ފުރާޅު ހިޔާ ކުރީ ކަމުގަައި ވާނެއެވެ.
ދެންއޮތީ އޭގެ އަނެއް ކޮޅެވެ. މިހާރު އޮތް ތަނުން ނުފަށާ ހުރިހާ ކަމެއް ކުރީ ތިމަންމެން ކަމުގަައި ހެދެންވެގެން އަލުން އާބަޔަކާ އެކު މަޝްވަރާ ފަށާ، ހަރުތާކު ނުޖެހި ވެރިކަން ނިމުމެވެ.
2003 ން ފެށިގެން އުފެދުނުހާ ސަރުކާރަކުން މި މަޝްރޫޢު އަލަށްފަށަން އުޅެން ހަދައިގެން ވީކަމެއް ނެތެވެ. އެއްބަޔަކު ހުއްޓި ހިސާބުން ފަށައިފިއްޔާ ދެރަވެދާނެތީ އަލަށް ފަށަން އުޅެގެން ދުވަހަކު ނުވެއް ފެށުނެވެ. ހަގީގަތުގައި މިވާގޮތަކީ ކުރަން ނުކެރެނީއެވެ. ކޮންމެ 5 އަހަރަކުމެ ހާވަހާވާފައި ބާއްވަނީއެވެ.
ކަން މިހެން އޮތްއިރު، ރާއްޖެއަށް މިނިވަންކަމާ އިސްލާމް ދީން ގެނެސްދިނީ ތިމާކަށް ހެދެން އެކަކުވެސް އުޅޭނެ ކަމެއް ނެތެވެ. ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާ ކުރަންޏާ ކުރާށެވެ. ނުކުރަންޏާ ފެއްސޭށެވެ.