ސޯލިހު އެންމެ ބޮޑު ލޯނުނެގީ ޔާމީނުގެ ސަނީސައިޑް ބޮންޑް ދައްކަން!

ސޯލިހު އެންމެ ބޮޑު ލޯނުނެގީ ޔާމީނުގެ ސަނީސައިޑް ބޮންޑް ދައްކަން!

ރައީސް ސޯލިހު ހަވާލުވެ ވަޑައިގަތީ ދައްކާނެ ދަރަންޏެއް ނެތް އަރަނިވެރި ސަރުކާރަކާ ނޫނެވެ. އޭރުވެސް ރާއްޖެ ދަރަނިން ބޯހިކޭކަށް ނެތެވެ. ވެރިކަމަށް ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަވެސް ކުރައްވަން ޖެހިވަޑައިގަތް ކަމަކީ ރައީސް ޔާމީނު ވެރިކަމުގައި ވިއްކާފައިވާ "ސަނީސައިޑް" ބޮންޑު ދެއްކުމެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި ގައުމު ދަރަނިވެރި ކުރުވި ކަމަށް ރައީސް ޔާމީނާއި ރައީސް މުއިއްޒު ވާހަކަ ދައްކަވާއިރު ގައުމު ދަރަނިވެރި ކުރުމުގައި ރައީސް ޔާމީނުގެ ޒިންމާ އެންމެ ތަންފުކެއްވެސް ކުޑައެއް ނޫނެވެ. ދަރަނި މެނޭޖު ކުރަން ނޭނގުމާއި ދަރަނި ވެރިވުމުގައި ރައީސް މުއިއްޒު އުޅުއްވަނީ ހުރިހާ ވެރިންނަށްވުރެ މާ ކުރީގައެވެ. ރައީސް ސޯލިހުގެ އިސްތަށިފުޅަށް ގައުމު ދަރަނިވެރިވުމުގެ ޒިންމާ ކަނޑާލައިގެން ފަރުޖެއްސެން ނެތްކަން ރާއްޖޭގެ މާލީ ހިސާބުތަކުން އެހެރީ ފެންނާށެވެ.   

ރައީސް ޔާމީނުގެ ވެރިކަން ނިމުނީ 2018 ގެ ނޮވެމްބަރ 17ގައެވެ. އެހެން ކަމުން ރައީސް ޔާމީނު ވެރިކަމުގެ ފަހު އަހަރަކީ 2018އެވެ. 2018 ވަނަ އަހަރު ނިމުނުއިރު ސީދާ ދަރަންޏާއި ގަރަންޓީ ހިމެނޭގޮތުން ސަރުކާރުގެ ޖުމްލަ ދަރަނި ހުރީ 60.26 ބިލިއަން ރުފިޔާގައެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެއީ 72 ޕަސެންޓެވެ. 2018 ވަނަ އަހަރު ސަރުކާރުގެ ޖުމްލަ ދަރަނި އޭގެ ކުރީ އަހަރަށްވުރެ 28 ޕަސެންޓުގެ އިތުރު ވުމެއްގެ ގޮތުގައި 13.1 ބިލިއަން ރުފިޔާއިން އޮތީ އިތުރު ވެފައެވެ. 

ރާއްޖޭގެ ދަރަނި އެ ދަރަޖައަށް ވެއްޓުނުއިރު ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރަކީ ދުނިޔޭގައި މާލީ ކާރިސާއެއް އާލަމީ ވަބާއެއް އޮތް ދުވަސް ވަރެއް ނޫނެވެ. މުޅި ދުނިޔެވެސް އޮތީ އިގުތިސާދީ ރަގަޅު ހާލަތުގައެވެ. އަނެއް ކޮޅުން ޔާމީނުގެ ވެރިކަމަކީ ރާއްޖޭގެ ތާރީހުގައިވެސް ޓޫރިޒަމަށް އިންވެސްޓް ކުރުމަށާއި އެނޫންވެސް އިގްތިސާދީ ނަންނަމުގައި ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް ރެކޯޑް އަދަދަކަށް ދޫކުރި ވެރިކަމެވެ. 

ރައީސް ޔާމީނު ވެރިކަމުގައި އިންވެސްޓްކުރުމަށް ދޫކުރިހާ ރަށްރަށާއި ފަޅުފަޅުން ލިބެންޖެހޭ ފައިސާގެ މަދު މިންވަރެއް ނޫނީ ދައުލަތަށް ނުލިބި ވަދެގެން ދިޔައީ ރައީސް ޔާމީނާއި އަދީބުގެ ޖީބަށެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އިންވެސްޓްކުރި ދައުލަތުގެ މިލްކިއްޔާތުން ގައުމަށް ލިބުނު މަންފާއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގި ހުރިހާ ޕްރޮޖެކްޓެއް ހިންގީ އަތްގުޅި ނުކާވަރުގެ ލޯނު ނަގައިގެން އޭގެން ބައެއްވެސް އަމިއްލަ ޖީބަށް އަޅައިގެންނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދަރަނި އޮތީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 72 ޕަސެންޓްގައެވެ. 

ރައީސް ޔާމީނު ވެރިކަމުގައި 2017 ގައި ވިއްކާފައިވާ 250 މިލިޔަން ޑޮލަރގެ ސަނީސައިޑް ބޮންޑްގެ ސެންޓެއްވެސް ރައީސް ޔާމީނުވެރިކަމުގައި ދައްކާފައެއް ނުވެއެވެ. އެހެންކަމުން ރައީސް ސޯލިހަށް މަޖުބޫރުވެވަޑައިގަތީ ސަނީސައިޑް ބޮންޑަށް ފައިސާދައްކާ ނިންމަންޖެހޭ ތާރީހުގެ ކުރިން ލޯނެއް ނަގައިގެންވެސް އެ ދަރަނި އަދާކޮށް ނިންމާށެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ނެގި އެންމެ ބޮޑު ލޯނު ނަގަން ޖެހުނީ ރައީސް ޔާމީނުވެރިކަމުން ވާރުތަކުރި ސަނީސައިޑް ބޮންޑު ދައްކާށެވެ.