ފެނަކަ ސައީދު ގޯހީ ނަތީޖާ ނެރޭތީ!
ހައަނގަ ޖަމީލުމެން ކުރާ ޓްވީޓުން އެކަން އެނގޭނެ
ވެގެން އުޅޭ ގޮތް ވަރަށް ސާފެވެ. ވާދަވެރިން ކޮށިއަރައިގެން އޫޅެނީ އަކީ ފެނަކައިގެ ދަރަނި ބޮޑުވެގެން ނޫނެވެ. ފެނަކަ ސައީދު ކޮރަޕްޓް ވެގެނެއް ވެސް ނޫނެވެ. ވެގެން އުޅޭ ގޮތަކީ ރައީސް ސޯލިހަށް ރައްޔިތުންގެ ތާއީދު ބޮޑުވަމުން ދާތީ ހަޖަމު ނުވަނީއެވެ. ރައީސްގެ ސިޔާސަތުތައް ތަންފީޒުކޮށްދީ ރައްޔިތުން އެދޭ ކަންކަން އެދޭ ގޮތަށް ކޮށްދޭ ކުންފުނިތަކާ އެ ތަންތަން ހިންގަން ތިބޭ މީހުންގެ ހިތްވަރު އެލުވާލާ ފަހަތަށް ޖެއްސޭތޯ އުޅެނީއެވެ.
އެހެން ނުވާނީ ކީއްވެހެއްޔެވެ. ދުނިޔެ ހެއްދެވީއްސުރެ ރަށްރަށުގެ ރައްޔިތުންނަށް ސަރުކާރަކުން ނުކޮށްދޭ ކަންކަން ކުރު މުއްދަތެއްގައި މި ސަރުކާރުން އެބަކުރެއެވެ. މީހުން ދިރިއުޅޭ 180 ރަށުގެ ތެރެއިން 150އަށް ވުރެ ގިނަ ރަށުގައި ފެނަކައިން އަސާސީ ހިދުމަތްތައް ފަތުއަޑު ކިޔާފާ އެބަދެއެވެ. ސަތޭކަ އެތައް ރަށެއްގެ ރައްޔިތުންގެ ގެދޮރު ގެނދަބުޅިން ސަލާމަތް ކޮށްދީފިއެވެ. އިންޖީނުގެ އަޑުން ކަންފަތު ތޫރި ފަޅައިގެން ދިޔުމުން މިންޖުކޮށް ދީފިއެވެ. ތެލުން ތަގައްޔަރުވި ވަޅުތައް ތޯހިރުކޮށް ދީފިއެވެ. ހަމަޔަށް ކަރަންޓް ނުލިބިގެން ހަލާކުވަމުން ދިޔަ ފުރިޖުތަކާ ފަންކަތަކާ ދޮންނަ މެޝީންތައް ހަލާކުވުން ހުއްޓުވާ އެތަކެތި ގަތުމަށް ކުރަން ޖެހުނު ބޮޑު ހޭދަ ކުރަން ނުޖެހޭ ވަރަށް ހަމައަށް ކަރަންޓް ލިއްބައި ދީފިއެވެ. ކޮންމެ ރަށެއްގެ އިންޖީނުގެއަކީ ގެނދަބުޅީގެ ބާވެ ހަސްނެތިފައިވާ ތަނަކުން ޒަމާނީ ފެންވަރުގެ ބޮޑު ރައްކާތެރި ރީތި ފަހުރުވެރި ތަނަކަށް ހަދާ ދީފިއެވެ. ފެނަކަ ސައީދު ކިހާ ގޯސް ހެއްޔެވެ.
ޑރ. ޖަމީލުގެ ފިތުނައިގެ ޓްވީޓެއް
ރަށްރަށުގައި ފަހާނާގެ ނިޒާމެއް ނެތި ޖެހުނުތާކު ޖެހުނު ގޮތަކަށް ގޯތި ގޯތީގައާއި މަގުމަތީގައި ހެދި ޖަންގްޝަން ވަޅުގަނޑުތައް ފަޅަފަޅައިގެން ގޮސް މަގުތަކާ ގޯތިތައް ނަޖިސްވެ އަޑީފެން ނަޖިހުން ތަގައްޔަރުވުން އެތައް ރަށެއްގައި ހުއްޓުވައިފިއެވެ. އަދިވެސް ބައެއް ރަށްރަށުން އަންނަނީ ހުއްޓުވަމުންނެވެ. ފާހާނާތަކާ ގުޅިފައިވާ ސެޕްޓިކް ޓޭންކުތައް ސާފުކޮށް ނަޖިސްތައް އުކާލަން ރަށްރަށު މީހުން ކުރި ބޮޑު ހޭދަ ނިމުމަކަށް ގެނެސްދީ މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ވަރުގަދަ ރައްކާތެރި ނަރުދަމާ ނިޒާމެއް އޮތް ރަށަކަށް އިހުތިސާސްގައިވާ ކޮންމެ ރަށެއް ފެނަކައިން އެއަންނަނީ ބަދަލު ކުރަމުންނެވެ. ފެނަކަ ސައީދު ކިހާ ގޯސް ހެއްޔެވެ.
ބޮއެ ފެންވަރާ ހަދަން ކަމުދާވަރުގެ ރައްކާތެރި ފެން އޮތް އެންމެ ރަށެއް އޮތީއެއް ނޫނެވެ. ވާރޭ ނުވެހި ދުވަސްކޮޅެއް ވިޔަސް ގިނަ ރަށްރަށުގައި ބޯފެނަށް ޖެހެއެވެ. ނަޖިސްފެން ވަރައިގެން ނުސާފުފެން ބޮއެގެން އުޅުނު ރަށްރަށު މީހުންނަށް ރައްކާތެރި ފެން ލިބުމަށްވުރެ ވަކީން ބޭނުން ކަމެއް އިންސާނުންނަށް އޮންނާނެހެއްޔެވެ. ފެނަކައިގެ އިހުތިސާސްގައި އޮތް ހުރިޙާ ރަށަކަށް މެދުނުކެނޑި ރައްކަތެރި ފެންލިބޭނެ އަގުބޮޑު ނިޒާމެއް ފެނަކައިން ގާއިމުކޮށްދީ އެހެރަ ނިމެނީއެވެ. ފެނަކަ ސައީދު ކިހާ ގޯސް ހެއްޔެވެ.
މަސްވެރިން ބާނަމަސް އައިސްކުރަން ބޭނުންވާ އައިސް ފަސޭހައިން ލިބެން ނެތުމުގެ އުދަގޫ ތަހައްމަލު ކުރަމުން ދަނިކޮށް ހުއްޓިފައި ހުރި އައިސް ޕްލާންޓްތައް އަލުން އޮޕަރޭޝަނަށް ގެނެސް ފެނަކައިން ހިދުމަތް ފޯރުކޮށްދޭން ފެށީއެވެ. ރާއްޖޭގެ ސާދަ ހިސާބެއްގައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭ ގޮތަށް ފެނަކައިވަނީ ހަދާ ދީފައެވެ. ފެނަކަ ސައީދު ކިހާ ގޯސްހެއްޔެވެ.
ފެނާއި ނަރުދަމާއާއި ކަރަންޓްގެ ހިދުމަތް ކޮންމެ ރަށެއްގައި ފޯރުކޮށް ދިނުމުގައި އަމަލީ ގޮތުން ހަރާކާތްތެރިވާނެ މުއައްޒަފުން ހޯދާ ވަޒީފާ އެތައް ބަޔަކަށް ފެނަކައިން ވަނީ ދީފައެވެ. ރަށުގައި ތިބެގެން ވަޒީފާ އަދާ ކުރާނެ ފުރުސަތު ކޮންމެ ރަށަކުން އެތައް ބަޔަކަށް ހޯދާދީ ރަށްފުށު މީހާގެ ޖީބަށް މުސާރައިގެ ގޮތުގައި މަހުން މަހަށް ފައިސާ ވަންނާނެ ގޮތް ފެނަކައިންވަނީ ފަހި ކޮށްދީފައެވެ. ފެނަކަ ސައީދު ކިހާ ގޯސް ހެއްޔެވެ.
މިސަރުކާރުގެ ކާމިޔާބީތަކާ ދެކޮޅުވެރިން ހަސަދަވާނެއެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ނަތީޖާ ނެރެދޭ ކުންފުނިތަކާ އެ ތަންތާގެ ވެރިން ރޭރުކޮށް ފަހަތައް ޖެއްސޭތޯ ފިތުނަ ފަސާދަ އުފައްދާނެއެވެ. ކޮރަޕްޝަނޭ ދަރަންޏޭ ބަނގުރޫޓޭ ކިޔާނެއެވެ. ބޭނުމަކީ އެންމެ ކަމެކެވެ. ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވުނަނުދިނުމެވެ. ހައަނގަ ޖަމީލުމެން ކުރާ ޓްވީޓުން ވެސް އެކަން އެނގޭނެއެވެ. މާލީ ވަޒީރާއެކު ފެނަކަ ސައީދާއި ސްޓެލްކޯ ޝަރީފާއި އެމްޓީސީސީ އާޒިމް ޓާގެޓްގައި އެއޮތީ އެހެން ވެއެވެ.