މުއިއްޒުގެ އިސްލާހުތަކުގާ އިހުލާސްތެރިކަމެއް ނެތް: ފައްޔާޒު
ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭ
އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއީލު ވިދާޅުވާ ގޮތުގައި ސިސްޓަމަށް ބަދަލުތަކެއް އަންނަން ޖެހެއެވެ. ކައުންސިލްގެ އަދަދު މަދުކުރުމާއި މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުން ފަދަ ކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހެއެވެ. ދެބޯގެރި ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމު ކަމަށް ފައްޔާޒު ދެކި ވަޑައި ގަންނަވައެވެ.
މާލިއްޔަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވަމުން އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކީމާ ވާގޮތް ފައްޔާޒު ސިފަކޮށްދެއްވަނީ ވަރަށް ސާފުކޮށެވެ. މާލިއްޔަތު އަދި އިގްތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވެ ވަޑައިގަތުމާއެކުގައެވެ. ފައްޔާޒު ވިދާޅުވާގިތުގައި މުއިއްޒު ގެންނަށް ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހްލާސްތެރިކަމެއް ހުރިކަމަކަށް ފެނިވަޑައެއް ނުގަންނަވައެވެ.
އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވާ ގޮތުގައި ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހެއެވެ. މިކަންކަން ހަމަ ގައިމުވެސް ހުރީ ނުވެކަމަށް ފައްޔާޒު ވިދާޅުވެއެވެ. މިމޭރުމުން ފައްޔާޒު ވާހަކަ ދައްކަވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.
އިތުބާރު ހޯދުމަށް ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭކަމަށްވެސް ފައްޔާޒު ދެކިވަޑައިގަންނަވައެވެ. ފައްޔާޒު ސުވާލު ކުރައްވަނީ ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯއެވެ. ރައްރަށުގެ ކައުންސިލަރުން މަދުކުރުމުގެކުރިން ސިޔާސީ މުވައްޒަފުން ވައުދާއެއްގޮތަށް މަދުކުރޭތޯއެވެ. މިކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއް ނޫންކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އެ މައުލޫމާތަކީ މިވަގުތުވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު ކަމަށެވެ. ސިޔާސީ މުއައްޒަފުން ތިބިވަރާއި ސިޔާސީ މުއައްޒަފުން މަދުކުރެވޭ ވަރު ނޭނގޭނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ޔަގީންކަން ދެއްވަނީ އެމްޑީޕީ އިން ރައްޔިތުން ބަލއިގަންނާނެ ހަރުދަނާ ބަދަލުތަކަކަށް މަރުހަބާ ކިޔާނެ ކަމަށެވެ. އެކަމަކު މާލީ ހާލަތު "ވާނުވާ"ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މި ދުވަސްވަރަކީ އިސްލާހުކުރުމުގެ ނަމުގައި ރާއްޖޭގެ މުޅި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މުއިއްޒު ސަރުކާރުން މަސައްކަތް ކުރާކަމަށް ބުނަމުން އަންނަ ދުވަސްވަރެކެވެ. ރާއްޖެ ބަނގުރޫޓްގެ މަގަށް ފޮރެޅެމުން ދިޔުމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ހަރަދު ކުޑަކުރުމުގެ ނަމުގައި ހިތިބޭސް ބޯން ދިނުމުގެ މަސައްކަތް މުއިއްޒު ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.