މުއިއްޒުގެ ގޮށްމުށު ވެރިކަން ނިންމުވާނީ މިނިވަން މީޑިއާ!

މުއިއްޒުގެ ގޮށްމުށު ވެރިކަން ނިންމުވާނީ މިނިވަން މީޑިއާ!

ވެރިކަން ހޯދުމަށް ވެސް ހެދީ ރޯމަރު ދޮގެވެ. ވެރިކަން ކުރަމުން ހަދަނީ ބުހުތާން ދޮގެވެ. ދުނިޔޭގެ ތާކުވެރިޔަކު ދުވަހަކު ދޮގު ނުހަދާ ވަރަށް ދިވެހީންގެ ރައީސް ޑރ. މުއިއްޒު ދޮގު ހަދަތްޕެވެ. ފުލުފުލުގައި ދޮގު ހަދަމުން ހަދަމުން ގޮސް އެދޮގެއް މިދޮގެއް ވަކިނުވާ ވަރަށް މުއިއްޒު ދޮގު ހަދައިފިއެވެ. 

މަތިމައްޗަށް މުއިއްޒު ހަދާ ދޮގުތަކުގެ ހަނދާން އައުކޮށްދީ ހެދި ދޮގެއް އެހެދި އިބާރާތަކުން ރައްޔިތުންނަށް ހަނދާންކޮށް ދެނީ މިނިވަން މީޑިއާ ތަކުންނެވެ. ރައްޔިތުންނަށް މުއިއްޒު އޮޅުވާލާ އޮޅުވާލުންތަކުގެ ހަގީގަތް ހާމަކޮށްދެނީ މިނިވަން މީޑިއާ ތަކުންނެވެ. އެއް ވާހަކަ ދެ ފަހަރު ދެ ގޮތަށް ދައްކާ އުނބަށް ޖަހާޖެހުން ހާމަކޮށް ދެނީ މިނިވަން މީޑިއާ ތަކުންނެވެ. 

މުއިއްޒު އިސްވެހުރެ ސަރުކާރުން ހިންގާ ބޮޑެތި ސްކޭމްތަކުގެ ވާހަކަ ދައްކަނީ މިނިވަން މީޑިއާތަކެވެ. ހިންގާ ކޮރަޕްޝަނާއި ވައްކަމުގެ އެކޮޅު މިކޮޅު ބުނެދީ ރައްޔިތުންގެ ސަމާލުކަމަށް ގެނެސް ދެނީ މިނިވަން މީޑިއާ ތަކުންނެވެ. ދައުލަތުގެ ބަޖެޓް ވީދާ ކައި ހުސްކުރާ ގޮތުގެ ބޮޑު މަންޒަރު ރައްޔިތުންނަށް ދައްކުވާދެނީ މިނިވަން މީޑިއާތަކެވެ.

ގާނޫނު އަސާސީ އާއި ގާނޫނުތައް އޮޅާލާ މުއިއްޒުގެ ގަޔަށް ހެޔޮވަރަށް ކޮށާ މަށާލެވޭ އެއްޗަކަށް ދުސްތޫރީ ނިޒާމް ހަދަމުންދާ ދިޔުން ހުއްޓުވަން އަޑުއުފުލަނީ މިނިވަން މީޑިއާތަކެވެ. ވަކިވެފައި އޮތް ތިންބާރު އެއްކޮށް ގޮށްމުށުގެ ވެރިކަމަކާ ދިމާއަށް ގައުމު ގެންދާކަން ރައްޔިތުންނަށް ސާބިތު ކޮށްދެނީ މިނިވަން މީޑިއާއެވެ. 

މުއިއްޒު ބޭނުންވާ ވާހަކައެއް ނޫނީ ނުދެއްކޭ، މުއިއްޒު ބޭނުން މަންޒަރެއް ނޫނީ ސިފަކޮށްނުދޭ، މުއިއްޒު ހިންގާ ޖަރީމާތަކަށް ފަސްއަލާ ފޮރުވާނުދޭ، މުއިއްޒަށް ސަނާ ނުކިޔާ އެއްވެސް މީޑިއާއެއް ވުޖޫދުގައި އޮތުމަކީ މުއިއްޒު ބޭނުންވާ ގޮތެއްނޫނެވެ. މީޑިއާ ތަކަކީ ސެލްފް ރެގިލޭޓަރީ ނިޒާމަކުން އިންތިޒާމްވެގެން ހިނގާ ތަންތަނަށް ވާކަށް މުއިއްޒު ބޭނުމެއް ނޫނެވެ.

މުއިއްޒުގެ ގޮނޑިކޮއްކޮ މީޑިއާ އަކަށް ނޫނީ ރާއްޖޭގައި ޖާގަ ނުއޮންނަގޮތަށް ގާނޫނުތައް ބަދަލުކޮށްގެން މިނިވަން ނޫސްވެރިކަން ނައްތާލަން މުއިއްޒު އެހުރީ ފޫގަޅައިގެންނެވެ. ހަމަހިލާ އެހެނަކުން ނުވާނެއެވެ. އަބުރޭ ނަފްރަތޭ ފިތުނައޭ ކިޔައިގެން ކުޅުވާ ދީނީ ކާޑަކުން މިނިވަން މީޑިއާތައް ފަހަތަކަށް ނުޖެއްސޭނެއެވެ. ކުރިންވެސް މައުމޫނިޒަމްގެ ވަކިތަކުން ގައުމު މިންޖުކުރީ މިނިވަން މީޑިއާ ތަކުން ދެއްކި ސާބިތުކަމާ ކެރުމުންނެވެ.

ގޯތިބެޔާއި ސޭކުހަސީ ދިޔަމަގުން މުއިއްޒު ދާނެއެއް ނުދާނެއެއް އަދި ނޭގެއެވެ. އެނގޭކަމަކީ މުއިއްޒުގެ ގޮށްމުށުގެ ވެރިކަން ނިންމުވާނީވެސް ދިވެހި މިނިވަން މީޑިއާ ތަކުން ކުރާ މަސައްކަތުންކަމެވެ.