ގާސިމް އުޅެނީ ހިތުހުރި ގޮތަކަށް މަހާކުޅެން!

ބަދަލު ހޯދުމަކީ ގާސިމްގެ ވިޔަފާރީގައި ފައިސާ ހޯދަން ގެންގުޅޭ އުކުޅެއް

ގާސިމް އުޅެނީ ހިތުހުރި ގޮތަކަށް މަހާކުޅެން!

ކިތަންމެ ވަރަކަށް ދޮގުކުރިޔަސް ރާއްޖޭގެ މަސްވެރިން ބަނާ މަހުގެ ކޮންޓްރޯލް ގާސިމް ނަގަން ނޫޅޭ ކަމަކަށް ނުވާނެއެވެ. މާލޭގެ އެތަން މިތާ ރީޓެއިލް ވިޔަފާރި ކޮށްގެން މެދުފަންތީގެ ވިޔާފާރިތައް ފުނޑާލަން ޖެހެލުންނުވާ ފައިސާވެރިއަކު މަސްވެރިން ބަނާ މަސް ކޮންޓްރޯލު ކުރަން ކުރެވެން އޮތް ކަމެއް ނުކޮށެއް ނުހުންނާނެއެވެ.

ވިޔަފާރި ކުރުމުގައި ގާސިމު ކިބާގައި އަހުލާގެއް ހުންނާނެ ކަމަށް ކުރިން މީހުން ހީކުރިއެވެ. ކަންމަތީ ފިހާރަ ހުޅުވައިގެން އާއްމުންގެ ޖީބު ކަނޑާ ހިސާބަށް ގާސިމު ވެއްޓުނީމާ ގާސިމު ދައްކާ ވާހަކަ އަޑުއަހާ ގަބޫލުކުރާ މީހަކު މިހާރަކު ނޫޅެއެވެ. ގާސިމު ސިމެންތިއާއި ގޭސް ވިއްކަނީ ރައްޔިތުންގެ އަތްފޯރާ ފަށަށް އެތަކެތި ގެނެސް ދިނުމުގެ ބޭނުމުގައި ކަމަށް ކުރީން ގަބޫލު ކުރެވުނެވެ. އެކަމަކު ސަހަރޯއެވެ. އެއްޔަކީ އެހެން ވާކަމެއް ނޫންކަން މިހާރު މީހުނަށް އެނގެއެވެ.

މާލޭގެ އެންމެ ބޮޑު މަގުން ނުއަގުގައި ބިމެއް ހޯދައިގެން ގޭސް އަނބުރަނީ އަމިއްލަ ބޮނޑި ބޮޑުކުރާށެވެ. ވިލާ ގޭސް އަނބުރާ ބިމުން އަކަފޫޓަކަށް މަހަކު 50 ރުފިޔާ ލިބުނަސް އެކަންވާނީ މުއުޖިޒާތަކަށެވެ. ރައީސް މައުމޫނު ވެރިކަމުގައި އެ ބިމަށް އަކަފޫޓަކަށް 50 ލާރި ނުލިބެއެވެ. ހުޅުމާލެއާއި ތިލަފުށިން ގާސިމް ބައްކޮށްފައި އޮތްހާ ބިމަށް ކަނޑައަޅާ އެއްބަސްވީ ކުއްޔެއް ދައްކަނީއެއް ނޫނެވެ. ކުއްޔެއް ޓެކުހެއް ޒަކާތެއް ކިޔާނެ ކަމެއް ނެތްތާއެވެ.

މަސް ގަތުމަށާއި އެނޫން ކަންކަން ކުރަން ދިގު މުއްދަތަށް ރާއްޖޭގެ އެކި ހިސާބުން ނަގާފައިވާ ބިންތަކުން ދައުލަތަށް ގަވައިދުން ފައިސާއެއް ދެނީއެއްނޫނެވެ. ސަރުކާރު ތަކުގައި އެޖެންޓުން ބައިތިއްބައިގެން ވިހަ ގޮތްގޮތަށް ހަދާ އެގްރިމަންޓްގެ ސަބަބުން އަބަދުވެސް ކުށްވެރިވާ ގޮތަށް އޮންނަނީ ސަރުކާރެވެ. ކޯޓަށް ގޮސްގެން ދައުލަތުން ބަދަލު ހޯދުމަކީ ގާސިމްގެ ވިޔަފާރީގައި ފައިސާ ހޯދަން އެޖެންޓުން މެދުވެރިކޮށް ގެންގުޅެމުން އަންނަ ހީލަތްތެރި އުކުޅެކެވެ.

ރާއްޖޭގެ މަސްވެރިން ބާނާ މަސް މިފްކޯއަށް ގަތުން ހުއްޓުވާ ގާސިމު ހިތުހުރި އަގަކަށް މަސް ކިރުން ނޫން ގޮތެއް ނޯންނަ ގޮތަށް ސަރުކާރުގެ ތެރެއިން ކަންކަން ތަރުތީބު ކުރުވަނީ ގާސިމް ނޫން ދެވަނަ މީހެއް ނޫނެވެ. ތިރިވެ މަތިވާ އެއްޗަކަށް މަހުގެ އަގު ބަދަލުކޮށް ގާސިމް ބޭނުން އަގަކަށް ނޫނީ މަސް ނުކިރޭވަރު ކޮށްލާތަން ބަލަން ތިބޭށެވެ. މާ ލަހެއް ނުވާނެއެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ފައިދާ ނުވާ ކުންފުނިތައް އުވާލަން މަޖިލީހުގައި ގާސިމް ގޮވާލީ މިފްކޯ އުވާލަން ވެގެންނެވެ. މިފްކޯ އުވާލައިގެން މަހުގެ ކޮންޓްރޯލް އޭނާގެ އަތަށް ނެގުމަށެވެ. މަހުގެ އަގު ވެއްޓުނަނުދީ ހިފެހެއްޓުމަށް ސަރުކާރުން ގެންގުޅުނު މިންގަނޑު ނައްތަލާ ހިތުހުރި ގޮތަކަށް ގާސިމް މަހާ ކުޅުމަށެވެ.