މުއިއްޒުގެ ދިވެހީންގެރާއްޖެއަކީ ސްކޭމްގެ ހާއްޔެއް!

މުއިއްޒުގެ ދިވެހީންގެރާއްޖެއަކީ ސްކޭމްގެ ހާއްޔެއް!

މުއިއްޒު ރާއްޖޭގެ ވެރިކަމަށް އައިފަހުން ރާއްޖެއަށް ގެނައި ބޮޑެތި އިންވެސްޓްމަންޓްތަކުގެ އަދަދު ކިޔާ ނުނިމޭހާ ގިނައެވެ. ސޮއިކުރި އެމްއޯޔޫތަކާއި އެގްރިމަންޓްތަކުގެ ހިސާބެއްނެތެވެ. ދުނިޔޭގައި ބަޔަކު ފައިސާ ހޯދާށާއި ތަރައްގީއަށް ކޮށްއުޅޭ ހުރިހާކަމެއް މުއިއްޒުގެ ތެޔޮގުޅާ ސާދާ ސަރުކާރުން ކުރާކަމުގެ ހުވަފެން ދައްކައިގެން މުޅި ރާއްޖެ ބަރަހަނާވެ އިންވެސްޓަރ ކޮންފިޑެންސް ދުވަހަކު ނުގެއްލޭ ވަރަށް ގެއްލިއްޖެއެވެ. 

އިންޑިއާ ފިޔަވާ ދުނިޔޭގެ ފޯރުންތެރި ގައުމެއްގެ ސަރުކާރެއް މެދުވެރިވެގެން ދިވެހި ސަރުކާރާއި ގުޅިގެން ރާއްޖޭގައި އިންވެސްޓެއް ކުރަން އުޅޭތީއެއް ނުފެނެއެވެ. ދުނިޔޭގެ މާލީ އިދާރާއަކުން އެހީތެރިވެދީގެން ހިންގާ ކަމެއްވެސް ނުފެނެއެވެ. ބައިނަލް އަގުވާމީ ޖަމާއަތަކުން ކަމެއްކޮށް ދޭން އުޅޭތަނެއްވެސް ނުފެނެއެވެ. 

ހައްތަހާވެސް ފެންނަނީ ސްކޭމް ހިންގާ ކަރުދާހު ކުންފުނިތަކާއެކު ޒާތްޒާތުގެ އެއްބަސްވުން ހަދާތަނެވެ. ބިރުން ފިއްކަޑައިގެންދާވަރުގެ ބިލިޔަން ޑޮލަރުގެ މަޝްރޫއުތަކުގެ ވާހަކަ ދައްކާ އެއްބަސްވުންތައް ހަދާ އިފްތިތާހު ކުރާތަން ފެނެއެވެ. އެއްބަސްވުމުގައި ސޮއިކޮށް އިފުތިތާހު ކުރުމަށްފަހު އެގޮތަށް ކުރިއަށްދާ އެއްކަމެއްވެސް ނުފެނެއެވެ.  

މުއިއްޒު ވެރިކަމަށް އެރި ގޮތަށް އަރާ ބަޖެޓްގައިވެސް ނެތީސް ރަސްމާލެ ހިއްކަންފެށިއެވެ. ދުނިޔޭގެ އެންމެ ބޮޑު އެކޯސިޓީ ގޮތުގައި އެތައްހާސް ބަޔަކު އާބާދު ކުރަން ތަރައްގީ ކުރަންފެށި ރަސްމާލެ ތަރައްގީ ވަމުން ދަނީ ކުއްލިޔަކަށް ފެނުންމައްޗަށް ހިކޭއިރު ލާފުރާ ފުރިހަމަ ވެފައިއޮތް ސިޓީ އެއްގެ ގޮތުގައި ކަމަށްވާތީ އާއްމު ލޯތަކަށް އެތަން ނުފެންނަނީ ތޯއްޗެކެވެ. ދެތިން ހެކްޓަރު ވެސް ނުހިކެނީ މުޅި ދައުލަތް ދަވާލައިގެން ރަސްމާލެ ހިއްކަން ހަވާލުވި ރާޖޫ ދެބޯ ދޫނި ދިޔަހެން ފިލާރައްކާވީއެވެ. 

އަނެއް ކޮޅުން ދުނިޔޭގެ މަތީފެންވަރުގެ މާހިރުންނާ ހަވާލުކޮށްގެ ސްޓަޑީތައް ހަދަމުންދާ ކަމަށް ބުނި ރަސްމާލެއާއި މާލެ ގުޅުވާލާ އަންޑަރވޯޓާރ ބިއްލޫރި ޓަނަލް އެޅުން ކަނޑުއަޑީގައި ނިމެމުންދާ ވަރެއް ނޭގެނެތާއެވެ. ކޮނުނީމާ ނޫނީ ބިމަށް ފައިބާ ކައްޓަލައެއްވެސް ނުފެނޭތާއެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ސްކޭމަރ ވިޓޯލާއެކު އަހަރަކު 400 މިލިޔަން ޑޮލަރު ދައުލަތަށް ވައްދަން ބަންކަރިންގ ފެށި ފެށީނުން ރާއްޖޭގެ މައި ކުންފުނި އެސްޓީއޯ އެދަނީ ފަތުއަޑުކިޔާފާ ދަރާވިކެމުންނެވެ. ބަންކަރިން ހިދުމަތުން ދައުލަތަށް ކުރާމަންފާއެއް ނުފެނެއެވެ. 

12 ފަޅުރަށް ދީގެން ތަރައްގީކުރަން ނިންމި ތިނަދޫ އެއަރޕޯޓާއި އޯވަރ ވޯޓަރ ޓާރމިނަލް ގެ ހިލަންވެސް ނެތެވެ. މިސްރުގެ މާހިރުން ލައްވާ އަޑީގެ ސާރވޭތައް ނިންމާ 2024ގެ ކުރިން އަމަލީ މަސައްކަތް ފަށާންބުނި އައްޑޫ ބިރިޖް އަަޅަނީ ކަނޑުއަޑީގައި ނޫންކަމެއް ނޭގެއެވެ. 

މާލެއާއި ފުނަދުއާއި ހުޅުލެ މިނީ ރޭލުން ގުޅާލާ ފުނަދޫގައި ބިޔަަ ބޮޑު ސޮޕިންގ މޯލެއް ބިނާ ކުރާނެ ކަމަށް މުއިއްޒު އޮތީ ބުނެފައެވެ. މިނީ ރޭލުން ގުޅުވާލުމުގެ މަސައްކަތް ކުރާނީ ބަލްގީސް ރަނިންގެ ތަހުތުގެނައި ބާގާ މީހުންނޫން ކަމެއްވެސް ނޭގެއެވެ. މިބުނެލެވުނީ ކުއްލިއަކަށް ހަދާނަށް އައި ބައެއް ކަންކަމެވެ. 

އެންމެ ފަހުން އެ ސޮއިކޮށް އިފްތިތާހުކުރި ދިވެހި ރާއްޖޭގެ ބައިނަލް އަގުވާމީ މާލީ މަރުކަޒުގެ ކަންތައް ކިހާވަރަކުން ދާނެބާވައެވެ. މުއިއްޒު ބިނާކުރަން އެއުޅޭ މާލީ މަރުކަޒާއި އެކު ތަރައްގީވެފައިވާ ގައުމަކަށް ދިވެހީންގެރާއްޖެ ވެގެން ދާތަން ދެކެން ވަރަށް ބޭނުމެވެ.