ޖަންތާ އަދާލަތުގައި އެމްއެމްޕީއާރުސީގެ މުލުވަގަކީ ޔާމީން!
ރައީސް ޔާމީނު މައުސޫމް ވާގޮތް ފްރޮންޓް އޮފީހުން ބުނެދެއްވާ
ރައީސް ޔާމީނެއް ކަމަކު އެންމެންނަކީ މޮޔައިންނަށް ހައްދަވަން ނޫޅުއްވާށެވެ. ތެދުފުޅެކެވެ. ރައީސް މުއިއްޒަކަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބައްލަވާކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގައި ނަގޫގޮށް ނުޖެހޭ ސިޔާސީ މީހެއް ވިޔަފާރި ވެރިއެއް ގާޒީއެއް ވަކީލެއް މަދުވާނެއެވެ. އަދީބާއި ޒިޔަތަށް ފޫޅުކަނޑަލައިގެން އެކަމެއް ނިންމައެއް ނުލެވޭނެއެވެ.
ކޮރަޕްޝަނާއި ހިޔާނާތް ބަލާ ވާހަކަ މުއިއްޒު ދައްކަވަނީ އަރިހުގައި ވަށައިގެން ތިއްބެވި ސިޔާސީ ބޭފުޅުންގެ ފައިންޕުޅުގައި އަޅުއްވާ ޓެގެއްގެ ގޮތުގައެވެ. އަރި އަރިއަށް ފިރާލިޔަ ނުދެއްވުމަށް ޖައްސަވާ ބައިނެއްގެ ގޮތުގައެވެ. ޒަމީރެއް އަބްދުއްރަހީމެއް ނިހާނެއް ގައްސާނެއް ސައީދެއް ކިޔާނެ ކަމެއްނެތްތާއެވެ. ރިންގް ރޯޑުން ނޫމަޑިން މާލޭ ސިޓީ ކައުންސިލުން ފެންނަން އޮތްހާ ހިޔާނަތާ ކޮރަޕްޝަންގެ މާސިންގާ ތުހުމަތުތައް އަމިއްލަ އިސްތަށިފުޅުގައި އޮތްކަން މުއިއްޒަށްވެސް އެނގިވަޑައި ގަނެއެވެ. އެހެން ކަމުން ބޮޑެތި ހިޔާނާތާއި ފަސާދައިގެ މައްސަލަތައް ބެލުމަކީ އަމިއްލަ ހަށިކޮޅުގައި އަމިއްލަ އަތްޕުޅުން އަލިފާން ޖެއްސެވުންކަން މުއިއްޒަށް އެނގިވަޑައި ގަންނަވާނެއެވެ. އެކަމެއް ނުކުރައްވާނެއެވެ.
ގިނިދުށް މީހާ ރަތްމަލަށް ބިރުގަންނަ އުސޫލުން އެމްއެމްޕީއާރުސީ ހިޔާނާތޭ މީހަކު ބުނާއިރަށް ރައީސް ޔާމިނު ކެކިގަންނާނެއެވެ. ވާނީ އެހެންތާއެވެ. އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލައިގައި ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް ކަމަކަށް މީހުން ގަބޫލެއް ނުކުރެއެވެ. އަދީބާއި ޒިޔަތާ ކުރީ ރައީސް ޔާމީނަށް އެނގިވަޑައިގެން ހުންނަވާ ކުރުވި ކަމެކެވެ. މީރާއަށް ބަލައިގަންނަމުން އައި ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ސީދާ އެމްއެމްޕީއާރުސީއަށް ބަލައިގަންނަ ގޮތަށް ހަމަޖެހިގެން ދިޔައީ ރައީސް ޔާމީނުގެ ރުހުމުގައެވެ. ރައީސް ޔާމީނާއި ޕާޓީއާއި އަދީބުގެ ފައިސާ އެއްގުޅިއަކަށް އަޅައިގެން އަދީބު ބެލެހެއްޓީ ރައީސް ޔާމީނުގެ ބާރާ އާރުގައެވެ. އަދީބަކީ ރައީސް ޔާމީނުގެ ވަޒީރެކެވެ.
އެމްއެމްޕީއާރުސީން ލީސްކުރާ ތަންތަނުގެ މުއާމަލާތު ހިގާއިރު އެ މުއާމަލާތެއްގައި ސަރުކާރާ ޑީލް ކުރާ މީހުންގެ އަތުން ރައީސް ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާވުމުގެ އިއްތިފާގަކީ ކުޑަ އަރަތެއް ނޫނެވެ. އެހުރީ ރައީސް ޔާމީނު މައުސޫމް ނޫންކަމަށް ދަލީލު ލިބޭ ކަންކަމެވެ. ޖަންތާ އަދާލަތުގައި ރައީސް ޔާމީނަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މުލުވަގެވެ. އަދީބާ ޒިޔަތާއި ޒަމިރާ އަދުރޭއާއި އެނޫން އެންމެންވެސް އަންނަނީ އޭގެ ފަހަތަށެވެ.
އަޖައިބެކެވެ. އޮއިއްޓޭގެ ބަޔާނުގައި ފައިސާ ލިބުނު މީހުންގެ ތެރޭގައި އަދުރޭގެ ނަން އޮތްތަން ރައީސް ޔާމީނަށް ފެނިވަޑައިގެން ގޮތަށް އޮއިއްޓޭގެ ބަޔާނުގައި ރައީސް ޔާމީނުގެ ނަން އެތައް ފަހަރަކު އޮތްތަން ފެނިވަޑައެއް ނުގެން ދޮގެއްތޯއެވެ. އޮއިއްޓޭގެ ބަޔާނުގައި އޮތް ބައެއް ނަންތަކުގެ ވެރިން ވަގުންނަށް ބަލައިގަނެވިފައި އޭގައިއޮތް ރައީސް ޔާމީނުގެ ނަންފުޅު މައުސޫމް ވާގޮތް ފްރޮންޓް އޮފީހުން ބުނެދެއްވަ ބައްލަވާށެވެ.