މުއިއްޒު އޮޅުވާލީ ހިންޏަށް ހަކުރު: ޝާހިދު
ކުރިއާއި މިހާރުވެސް އިންޑިއާ މީހުން ހަރަކާތްތެރި ވަނީ ހަމަ އެ އެގްރިމަންޓްތަކާ އެއްގޮތަށް
ދުނިޔޭގެ ހަމަލަމަ ނޭނގޭ ބަޔަކު ވެރިކަމުގައި ތިބެގެން ހިންޏަށް ހަކުރު އޮޅުވާލާހެން ކަންކަން ކުރީމާ ރާއްޖެއަށް ބޭރު މީހުން މަލާމާތް ކުރާކަމަށް އދގެ ޖެނެރަލް އެސެމްބްލީގެ ކުރީގެ ރައީސް އަބްދުއްލާ ޝާހިދު ސަމާސާ ރާގެއްގައި ވިދާޅުވިޔަސް އެ ވިދާޅުވީ ސަމާސާ ވާހަކަފުޅެއް ނޫނެވެ.
ރާއްޖޭގައި ރެސްކިއު އޮޕަރޭޝަންތަކުގައި ޑޯނިއާ ބޯޓާއި ހެލްކޮޕްޓަރ ދުއްވާ އެ ޕަރޭޝަން ހިންގުމަށް އިންޑިއާ މީހުން ތިބީ ވަކި އެގްރިމެންޓްތަކެއް ދަށުންނެވެ. ކުރިންވެސް މިހާރުވެސް އިންޑިއާ މީހުން ހަރަކާތްތެރި ވަނީ ހަމަ އެ އެގްރިމަންޓްތަކާ އެއްގޮތަށެވެ. ބައިނަލްއަގުވާމީ އިމިއުނިޓީ ލިބިގެންނެވެ.
ރެސްކިއު އޮޕަރޭޝަން ހިންގާ ދިނުމަށް އިންޑިއާ މީހުން ރާއްޖޭގައި ތިބި ވާހަކަ ކުރީ ސަރުކާރުން އައީ ބުނަމުންނެވެ. އެއީ އޮޅުވަލައިގެން ސިއްރަކުން ކުރަމުން އައި ކަމެއްނޫނެވެ. އެކަމަކުން ރާއްޖޭގެ ސިޔާދަތާ މިނިވަންކަމަށް ލިބުނު ގެއްލުމެއް ލިބޭނެ ގެއްލުމެއް ނެތެވެ. ފިލްމީ ކަންކަމުގައި އުޅޭނީ ފިލްމީ މީހުންނެވެ. ޑޮކްޓަރީ ކަންކަމުގައި އުޅެނީ ޑޮކްޓަރީ ފަންނާނުންނެވެ. އަސްކަރީ ކަންކަމުގައި އުޅެނީ އަސްކަރީ މީހުންނެވެ.
ކުރީގެސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނަފުރަތު އުފެއްދިއެވެ. ރާއްޖޭގައި ރެސްކިއު އޮޕަރޭޝަންގައިތިބި އިންޑިއާ އަސްކަރީންނާ ގުޅުވައިގެންނެވެ. މިނިވަންކަމާއި ސިޔާދަތު ގެއްލޭކަމަށް ބުނެއެވެ. ހޭވި ހަޑި ވެރިކަން ލިބުމުންވީ އަމިއްލަ ލޮލަށް ހަރަން ފޭއްސި އިލޮއްޓަކަށެވެ.
އިންޑިއާ އައުޓް ކުރުމުގެ ނަމުގައި ރައީސް މުއިއްޒު ކުރެއްވި ކަމަކީ ރާއްޖޭގައި ތިބި ފަންނީ އިންޑިއާ ސިފައިންކޮޅު ލައިގެންތި ހެދުން ނުފުށުން ލެއްވުމެވެ. ނުފުސުން ހެދުން ލައިގެންވެސް އެމީހުން ކުރަނީ ހަމަ ކުރިން ކުރި ކަންތަކެވެ. އަމަލު ކުރަނީ ކުރިންވެސް ވެވުނު އެއްބަސްވުމާއެއްގޮތަށެވެ. އޮނަރަބަލް ޝާހިދު ވިދާޅުވާ ގޮތުން އިންޑިއާ އައުޓްކުރުމުގެ ނަމުގައި މުއިއްޒު ކުރެއްވި ކަމަކީ ހަކުރުފުޅީގެ ބޭރުގައި ލޮނު ކަމަށް ޖައްސަވާލައްވައިގެން ހިންޏަށް ހަކުރު އޮޅުވާލުމެވެ.
މުއިއްޒު އެކަމުގައި އަމަލުކުރެއްވި ގޮތުން މުއިއްޒު އެހުންނެވީ ދުނީޔޭގައި ބޭޒާރުވެ ބޮލާފޮށާ އެޅިފައެވެ. ނިކަން ރަނގަޅަށް އިންޑިއާގެ ފައިބުޑަށް ވެއްޓާލާއި ފައިފުއްސެއްހާ ދެރަވަރު ކޮށްލާފައެވެ. ގައުމިއްޔަތުގެ ނަމުގައި ދުނިޔޭގެ މަލާމާތާއި ފުރައްސާރައަށް ރާއްޖެ ވައްޓާލާފައެވެ.