އެމްޑީޕީ އިދިކޮޅުގެ ގޮތުގައި ނިކުމެ ހަށިފޮޅާލަނީ
ޑިމޮކްރަސީއަށް އަދިވެސް އެންމެ ފަރިތަވާނީ އެމްޑީޕީ
އެމްޑީޕީ ހަމަ އިސްކޮޅަށް ތެދުވެ އަނެއްކާވެސް ހިންދަމާލަން ތައްޔާރު ވެއްޖެއެވެ. ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމުގައި އެމްޑީޕީގެ ދައުރު ބޮޑެވެ. ރާއްޖޭގައި ޑިމޮކްރަސީއަކީ އެމްޑީޕީ އުފަންކުޅަ ނިޒާމެކެވެ. ޑިމޮކްރަސީއަށް އަދިވެސް އެންމެ ފަރިތަވާނީ އެމްޑީޕީއެވެ.
އެމްޑީޕީއަކީ ވަކި މީހެއްގެ ސިޔާސީ ކުރިމަގަށްވުރެ އެމްޑީޕީގެ ކުރިމަގަށް އިސްކަންދޭ ޕާޓީއެކެވެ. ލީޑަރުން އައިސް ގޮސްވުމަކީ އެމްޑީޕީގެ ތޮބީއަތެވެ. މިއަދަކު އެމްޑީޕީއަކީ އިބްރާއެއް ވަހީދެއް މުނައްވަރެއް ޑރ.ޑީޑީއެއް އަލީވަހީދެއް އަލްހާނެއްވެސް ނޫނެވެ. ހަސަންލަތީފެއް އަންނިއެއް ވެސް ނޫނެވެ. ލީޑަރުން ބަދަލުވުމަކީ ޑިމޮކްރެޓިކް ހަމައެވެ. އެހަމަ އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ އެމްޑީޕީގެ ތެރެއިންނެވެ. ވަކި މީހެއްގެ މުށުތެރެއަށް އެމްޑީޕީލާން މަސައްކަތްކުރި ކޮންމެ މީހަކު ވަނީ ސިޔާސީ މައިދާނުގައި ބާކީވެ އިތުބާރުގެއްލިފައެވެ.
މޮޅުވުމާއި ބަލިވުމަކީ އެމްޑީޕީ ދަންނަކަމެކެވެ. ފަރިތަކަމެކެވެ. ކޮންމެ ބައްޔަކާ ގުޅިގެން އެމްޑީޕީ އެނބުރި އަންނަނީ އެކި ފަހަރު އެކި ގޮތަށެވެ. އެވަގުތެއްގައި ރާއްޖޭގެ ސިޔާސީވެށި އޮތް ގޮތެއްގެ މައްޗަށް ތަރުތީބުވެ ހިމުން ވެގެންނެވެ.
ފާރަވެރިވުމާއި ޑައިލޮގާއި އަޑުއުފުލުމާއި ސީދާ ހަރަކާތަކީ އެމްޑީޕީއަށް އައުކަންކަމެއް ނޫނެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީއަކާއި ސަރުކާރެއް އޮވެ އެމްޑީޕީ ޖެހިޖެހިގެން ދެ ބަލިވުމަކީ ގިނަ ބަޔަކަށް ސިހުން ލިބުނު ކަމެކެވެ. ބަޔަކު މާޔޫސްވެ ކަންބޮޑުވެ ހިތްވަރު އެލުނުކަމެކެވެ. އޭގެ މާނައަކީ މިހާރު އެމްޑީޕީ ނެތުމެއްނޫނެވެ. ޑީއާރުޕީ ދިޔަމަގުން އެމްޑީޕީ ދިޔުމެއްވެސް ނޫނެވެ. ޑީއާރުޕީގެ ޒައީމް ފެކްޝަން ޕީޕީއެމްއަށް ވީހެން އެމްޑީޕީއާސްވެ ވާގިނެތި ދަ ޑިމޮކްރެޓްސް ބޮޑުވެ ފައްކާވުމަށް އޮތް މަގެއްވެސް ނޫނެވެ.
އެމްޑީޕީގެ ތެރެއިން ވައިވެގެން އެތައް ޕާޓީއެއް އުފެދުނެވެ. އިބްރާގެ ސޯސަލް ލިބަރަލް ޕާޓީއާއި ވަހީދުގެ ގައުމީ އިއްތިހާދާއި މުނައްވަރުގެ އެމްއާރުއެމްއެވެ. ދެ ފަހަރު މަތީން އުފެދުނު ލޭބަރ ޕާޓީއެވެ. ކޮންމެ ޕާޓީއަކާއެކުވެސް ނިކަން ނަމުން ބޮޑު ލީޑަރެއް ހުއްޓެވެ. އާހިރުގައި އެހުރިހާ ޕާޓީއެއްވެސް ދިޔައީ ތޮޅިއަށެވެ. ލީޑަރުން ދިޔައީ ފެންނުހިފައެވެ. ފެންނަ ފެނުމަށް ދަ ޑިމޮކްރެޓްސްއަށް ވެސްވާނީ ހަމަ އެހާކަށްވަރެވެ. އަދިވެސް އޮންނާނީ އެމްޑީޕީއެވެ. ރާއްޖޭގެ ޑިމޮކްރަސީގެ މަންމައަކީ އެމްޑީޕީއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއި ދެވަނަ ބުރުގައި ވާދަކޮށްލަން އެމްޑީޕީ ނޫން ޕާޓީއެއް ވޯޓުން ކައިރިވެވޭ ހިސާބުގައިވެސް ނެތެވެ. ދޮގާ ވަގާ މަކަރުން ވެރިކަން ދަމައިގަނެގެން ހުރެ ރިޝްވަތާއި ވަޒީފާއާއި ނުފޫޒުން ކަޅިވެފައިވާ ޑިކްޓޭޓަރ މުއިއްޒުގެ ދެއިނގިލި ދޭތެރެއިން އިދިކޮޅަށް މަޖިލީހުގެ 12 ގޮނޑި ދަމައި ގަނެވުނު ބަޔަކީވެސް އެމްޑީޕީއެވެ. އެމްޑީޕީ ރޫޅާލަން ނިކުތް ދަ ޑިމްއަށް އެންމެ ގޮނޑިއެއްވެސް ނުލިބި ދިޔައީ ޗޮކުންނެވެ.
ވަރުގަދަ ކަމާއި ސާބިތުކަމާއެކު ސަރުކާރު ޖަވާބު ދާރީކޮށް ރައްޔިތުނަށް ހައްގު މިންވަރު ކަށަވަރު ކޮށްދިނުމަށް އެމްޑީޕީ ހަށިފޮޅާލާފައި ނިކުތުމަށް ތައްޔާރުވެއްޖެއެވެ. ދެ އިންތިހާބު ގެއްލުނު ސަބަބުތައް ދެނެގަނެ ވަރުގަދަ މަގުޗާޓެއްގެ ތެރެއިން އަމާޒަށް ވާސިލުވުމަށް އަޅަން އޮތް ކޮންމެ ފިޔަވަޅެއް އަޅާ ސަރުކާރު ހަމަމަގަށް އަޅުވަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް އެމްޑީޕީ ތައްޔާރެެވެ. އެމްޑީޕީ މަރެއްނުވެއެވެ. އެމްޑީޕީ ސަލާމަތް ސިއްހަތުގައި އެބައޮތެވެ. މުއިއްޒުގެ ސަރުކާރު ހަމަބިމަށް ތިރިކުރާނީ އެމްޑީޕީންނެވެ.