މަލިކާއި ރާއްޖޭގެ އިން ވަކިކުރިއިރު 200 މޭލު ކޮބާ!

ހާއްސަ އިގްތިސާދީ ސަރަހައްދަކީ ރާއްޖޭގެ އިމެއްނޫން

މަލިކާއި ރާއްޖޭގެ އިން ވަކިކުރިއިރު 200 މޭލު ކޮބާ!
  • ރާއްޖޭގެ އިމަކީ ބޭރު ދުނިން ފެށިގެން ބޭރަށް 12 ނޯޓިކަލް މޭލު
  • ހާއްސަ އިގްތިސާދީ ސަރަހައްދަކީ ބޭސްލައިނުން ފެށިގެން 200  މޭލު
  • އިގްތިސާދީ ސަރަހައްދު ފުށުއަރާނަމަ ދެސަރުކާރުން އެއްބަސްވާގޮތަކަށް ފުށުއެރުން ހައްލުކުރުވޭނެ
  • އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ހައްލުކުރުމަށް މަޖިލީހުން ގޮތް ނިންމަކަށް ނުޖެހޭނެ

ވެރިކަމަށް ފައިނަގައިގެން އުޅޭ މީހުންނަށް ކޮންމެ ކަމެއްގައިވެސް ސަރުކާރު ބަދުނާމުކޮށް ކޮންމެވެސް ވާހަކައެއްް ނުދައްކައެއް ނުތިބެވޭނެއެވެ. ރައްޔިތުންނަށް މާ ހެވެއް އެދިގެން ބަޔާންތައް ނެރެ މުޒާހަރާކޮށް އަޅި ނުބުރުވާ ތިބެގެން ނުވާނެއެވެ. ރިޔާސީ އިންތިހާބު މިހާ ކައިރީގައި އޮތުމުން ރައްޔިތުންގެ ސަމާލުކަން ހޯދަން އެވެރިން ޗަރުކޭސް ކުޅޭނެއެވެ.

ޗާގޯސް މައްސަލައަކީވެސް އެޒާތުގެ ކަމެކެވެ. ބައިނަލް އަގުވާމީ ގާނޫނާ ރައްޖޭގެ ގާނޫނުތައް ކޮންމެހެނެއް އޮތަސް ވެރިކަން ބޭނުމިއްޔާ ސަރުކާރު ގޯސްކޮށް ހަނު ތިބެގެން ތިބި ބައެއްކަން ރައްޔިތުންނަކަށް ނޭނގޭނެތާއެވެ. ބައިނަލް އަގްވާމީ ޓްރައިބިއުނަލްއެއްގައި ހިނގާ ޝަރީއަތެއްގެ ތެރެއަށް ބައެއް ސިޔާސީ ޕާޓީ ތަކުން ދަނޑި ބޭނޭތޯ އެއުޅެނީ އެހެން ވެގެނެވެ. މައްސަލައިގެ ހުކުން ކުރަން އައްޑަން ގަޑިއަށްވީމާ ސިޓީ ފޮނުވާ ބަޔާންނެރެ ހަދާއިރު އެއިން ކަމަކުން ކުރާ ހުކުމަކަށް އަސަރެއް ނުކުރާނެ ކަން ރަނގަޅަށް އެގޭނެއެވެ. އެހެނެއް ކަމަކު ޕީޕީއެމާއި ގާސިމާއި ކާނަލް ނާޒިމު އެކުރަނީ ރައްޔިތުން ވައުވެއްދުމުގެ މަސައްކަތެވެ. ރިޔާސީ ކެންޕޭނެވެ.

މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އުފެދިފައިވާ އިގްތިސާދީ ސަރަހައްދުގެ ފުށު އެރުމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ކަނޑައެޅުމުގައި ޖުމްހޫރީޕާޓީގެ ބައިވެރިވުން ބޮޑެވެ. ޗާގޯސް މައްސަލައިގައި ސިޔާސަތު ކަނޑައެޅި ވަޒީރުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލްކުރާ ވަޒީރުން ތިއްބެވެ. ވެރިކަމާ ހުރެ އަމިއްލަ އަތަށް ގޮވާ އިރުވެސް ސަރުކާރާ ދެކޮޅަށް ބަޔާން ނެރެވޭތޯ ގާސިމު ބަލަންވާނެއެވެ.

ބައިނަލްއަގުވާމީ ކޯޓެއްގައި ރާއްޖޭގެ ނަމުގައި އެއްވެސް އެއްޗެއް ބުނެ މައުލޫމާތެއް ދެވޭނީ އެއިރަކު އޮންނަ ގާނޫނީ ސަރުކާރަކަށް ކަން އޮޅެފައެއް ނުއޮންނާނެއެވެ. ކޯޓުން ބަލައިގަންނާނީވެސް ސަރުކާރުން ދައްކާ ވާހަކަ އެކަންޏެވެ. ވީއިރު ވެރިކަމައިގެން ފެންބޮވާފާ ތިބި ބަޔަކު ހޭކެނޑިގެން މަތިމައްޗަށް ބައިނަލްއަގްވާމީ ކޯޓަކަށް ސިޓީ ބިޓީ ފޮނުވުމަކީ ނޫސް ތަކުން ސުރުހީ ހޯދަން ކުރާ ރިޔާސީ ކެންޕޭނެކެވެ. 

އިޓްލޮސް އިން ކުރާ ހުކުމަކުން ރާއްޖޭގެ ސަރަހައްދުން އިންޗިއެއް ގެއްލިގެން ދާނެ ފަދަ ޝަރީއަތެއް އެތާކު ނުހިނގައެވެ. އިޓްލޮސްގައި ހިނގީ ރާއްޖޭގެ ސިޔާސީ ސަރަހައްދާ ގުޅޭ ޝަރީއަތެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ ސަރަހައްދު ގާނޫނު އަސާސީގައި ސާފުކޮށް ކަނޑައަޅާފައި އެބައޮތެވެ. ގާނޫނު އަސާސީ ބުނަނީ " ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު" ކަމަށެވެ. 

ގާނޫނު އަސާސީ ބުނާ ބޭސްލައިން ތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދީ ކަނޑަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ (ޓެރިޓޯރިއަލް ސީ) ސަރަހައްދެވެ. މި 12 ނޯޓިކަލް މޭލުގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކޮށް، އެ ޤާނޫނަށް ގެންނަ ބަދަލަކުންނެވެ.

ސިޔާސީ ސަރަހައްދާ އިގްތިސާދީ ސަރަހައްދަކީ ދެތަނެކެވެ. ދެކަމެކެވެ. ތެދެކެވެ. ސިޔާސީ ސަރަހައްދީ އިމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސް ކޮށްގެންނެވެ. އިޓްލޮސްގައި ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ފައިސަލާ ކުރަން އުޅެނީ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ (ޓެރިޓޯރިއަލް ސީ) މައްސަލައެއް ނޫނެވެ. މާނައަކީ މޮރިޝަސްއާއި ރާއްޖެއާ ދެމެދު ޖެހިގެން އުޅެނީ ސަރަހައްދީ ސިޔާސީ އިމުގެ މައްސަލައެއް ނޫނެވެ. އެހެން ކަމުން އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ބޭނުމެއް ނުވާނެއެވެ.

ރާއްޖެއަށް ހާއްސަ އިގްތިސާދީ ސަރަހައްދު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާއިން އިއީޒެޑްގެ ގޮތުގައި ވަށައިގެން 200 މޭލު އޮތީ ކަނޑައަޅާފައެވެ. ހަމަ އެ ގާނޫނުގެ 7 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާ ނަމަ ހަދަން ޖެހޭ ގޮތް ބުނެފައި އެބައޮތެވެ. ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެ ޤައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމަންޓެއްގެ ދަށުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަކަށް އެ ޤާނޫނު ހުރަސް ނާޅާކަމަށް ބަޔާންކޮށް އެ ގާނޫނުން ދައުލަތުގެ ނަމުގައި ކަންކުރުމުގެ ބާރު ސަރުކާރަށް އޮތީ ދީފައެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ދައުލަތުން ދައުވާ ކުރުމާ ދައުވާއަށް ޖަވާބުދާރީ ވާންޖެހޭ ގޮތްތަކާއި ހަމަތައް ގާނޫނުތަކުގައި އެހުރީއެވެ. އެކަމަކީ ދައުލަތުގެ ބަންޑާރަ ނައިބަށް ގާނޫނު އަސާސީ މަތިކޮށްފައިވާ ކަންކަމެވެ. ރައްޔިތުންގެ މަޖިލީހުން ނިންމައިގެން ކުރަންޖެހޭ ކަންކަމާއި ލަފާ ހޯދައިގެން ކުރަން ޖެހޭ ކަންކަންވެސް ގާނޫނު ބުނެދެއެވެ. އެހެން ނޫނަސް ދައުލަތުގެ ސިޔާސަތު ކަނޑައަޅަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއިއެކު ރައީސުލްޖުމްހޫރިއްޔާއެވެ. 

ފޯޅަވަހި މައްސަލައިގައި މިއަދު އެކަން އައުކަމަކަށް ވެގެން އުޅުނަސް ރާއްޖޭގެ އުތުރުން އިންޑިއާއި އެތާ ކައިރިން ލަންކާއާއި އެކު އެއްބަސް ވުން ހަދައިގެން އިގުތިސާދީ ސަރަހައްދުގެ ފުށުއެރުން ހައްލުކޮށްގެން ތިބިކަމެއް ވެރިކަން ފެންނަވަރުން  މިމީހުން ހަދާނެއް ނެތެވެ.