އާޒިމާ: ރާއްޖެއަށް އެންމެ ގެއްލުންދިން އަންހެނާ
ގައުމު ގޮވަނީ އާޒިމައްޔޯއި
މާތްކަލާކޯ އާޒިމާ ޝުކޫރާއެވެ. ކަމަނާފާނު މަޑުން ހުންނަވާށެވެ. ކަމަނާފާނަކީ ގައުމުގެ ހައްގުގައި ކަމެއް ކުރާން ނިކުންނަ ވަރަށް ވުރެ ސުންޕާ ކަނބަލެކެވެ. ކަމަނާގެ ސުންޕާކަމުން ރާއްޖެ ޖެހުނު ދަންތުރަ ތަކުން އަދިވެސް އެ އުޅެނީ ނުނެއްޓެވިގެންނެވެ.
އަމްދުން ދިވެހިންގެ މައި ދޮރޯށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހޯދަން އުޅުއްވި ގޮތަށް ދިވެހިންގެ ކަމަކާ ކަމަނާ ނޫޅުއްވާށެވެ. ކަމަނާ އުޅުއްވި ކަމަކުން ވިއްޔާ ރާއްޖެއަށް ލިބުނީ ލަގާއެވެ. ފޫނުބެއްދޭވަރުގެ ގެއްލުމެވެ. މިހާރު ތިޔަ އުޅުއްވާހެން ޕީޕީއެމާއި އެމްއެންޕީއަށް ބަޔާން ލިޔެދެއްވައިގެން ލިބި ވަޑައިގަންނަވާ ލާރިކޮޅު ފަރިއްކުޅުއްވައިގެން ހަނު ހުންނެވޭތޯ ބައްލަވާށެވެ.
ގާނޫނީ ގޮތުން ކަމަނާގެ ފުންނާބު އުސްވަނީ އަރުއްވާ ހައި-ހިލެއްގެ ފާޑަށެވެ. ކޮންމެ ފަހަރަކު އެއްކަށި ހައި-ހިލަކަށް އަރުއްވައިގެން އުޅުންވަން ހައްދަވައިގެން ޖެހެނީ ވެއްޓިވަޑައިގަންނަވަން ނޫންތޯއެވެ.
ރައީސް ޔާމީނު ޖަލުގައި އެ އޮންނެވީ ވެސް ރައީސް އޮފީހުގައި ކަމަނާ އިންނަވައިގެން މަނީ ލޯންޑާކުރައްވަން ދެއްވި ގާނޫނީ ލަފާތަކާ ހުރެކަން އެންމެން ދަނެއެވެ. ދެއްވި ސަމަންތަރު ހެޔޮ ގާނޫނީ ލަފަޔާހުރެ ފަންޑިޔާރުގޭ ފެންޑާ މައްޗަށް ހާޒިރުކޮށްލާ އިރަށް އަޑުން އަޑުނަންގަވާ ހޭރިވަޑައިގެން ވަރުން ހީވީ މާލެ މަތީން ޖެހި ދިގުލީ ހޮނު ގުގުރި ފައްޗެއްހެންނެވެ. ފަނޑިޔާރުންނަށް ޖެހިވަޑައިގަތީ މައްސަލަ ނުބައްލަވާ ބާލިދީ ހިއްޕަވައިގެން ލޯފުޅުން އޮއްސެވި ކަރުނަ ހިއްކާށެވެ. ކަމަކާ ޖެހުނީމާ ކަމަނާއެކޭ އަގުޅިނެތް ކަންނޭލެކޭ ތަފާތެއް ނެތެވެ.
2008 ގެ އައު ގާނޫނު އަސާސީ ފާސް ކުރުމުން ތެޅިގެންފައި ކިނދު ނުފިލުވާ ދަރިއަކު މަގުމައްޗަށް އެއްލައިލާހެން ކުރަންޖެހޭ ކަންކަން ނުކޮށް ގާނޫނު އަސާސީ ރަށްމެދުކޮށް ދައުލަތަށް އޮތް ބުރައަކަށް ގާނޫނު އަސާސީ ހެއްދީވެސް ބަންޑާރަ ކަމަނާ ނޫންތޯއެވެ. އަދިވެސް އެ އުޅެނީ އެކަންކަމުން ދައުލަތަށް އަރައި ނުގަނެވިގެންނެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ފުލުސް ނަވާޒާ ބަންޑާރަ އަނިލް ގޮވައިގެން ރާއްޖޭގައި ނެތް ކުއްލިނުރައްކާ ހާލަތެއް މާލެއަށް އުފަން ކުރުވައިގެން ސްޕްރީމް ކޯޓުން ޓިނުނަގާ ފަނޑިޔާރުން ބަނޑުބިންމަތީ ޖައްސާ ހުރަގެއަށް އަޅާލަން ދެއްވި ގާނޫނީ ލަފާ ދެއްވުމުން ވީގޮތް ވެސް ދުށީމެވެ. އަދި އަތުން ލަވާ ކާންދިން މައުމޫނު އަބަހައްދުވީ ދުވަހު ޖަލުގޭ ތޭރިތަކުގެ ބިއްދޮށަށް ފޮނުވާލީ ރަކިސް ބޯދޮންނަ ފާޑަށް ބޯދޮވެވިގެންކަން އެންމެން ދަނެއެވެ.
"އެވޮއިޑް އެބް އިނީޝިއޯ" އޭ ބުނެ ޖީއެމްއާރާ ވިއްދާލެއްވި އިރު ހައްސައެކޭ ހީވިއެވެ. އުފެދުމުގައިވެސް ބާތިލޭ ބުނެ ބާރު އޮތީމާ ޖީއެމްއާރު ފަހާލާފައި މޮޅު ކޮށްލަން ރާއްޖޭގެ ނަމުގައި އަމިއްލައަށް އާބިޓްރޭޝަނަށް ގޮސް ދިވެހި ދައުލަތުން ޖީއެމްއާރަށް 380 މިލިޔަން ޑޮލަރު ދޭން ޖައްސާފައި ބުރުގާ އެޅިޔަސް އޮރިޔާމެއް ނިވައެއް ނުވެއެވެ.
ކޮށްފައިހުރި ކަންކަމަށް ބަލާއިރު ކުރީޒަމާނުގެ ލާއންސާނީ ނާތަހުޒީބު ހަޟާރަތެއްގެ ވެރި ގައުމަކުން އާޒިމާއަށް އަދަބު ދިންނަމަ އޮންނާނީ އެކޮޅުކޮޅުން އެލުވީމާ ކަނޑިކި ތިރިއަށްް ވެއްޓިފައެވެ.