ނަޝީދު ނޫންމީހަކު ވެރިކަމާ އުޅެގެންނުވާނެ!

ނަޝީދަކަށް އެހެން މީހަކަށް އެއްބާރުލުމެއް ނުދެވޭނެ

ނަޝީދު ނޫންމީހަކު ވެރިކަމާ އުޅެގެންނުވާނެ!

އާނއެކެވެ. އެހާބޮޑަށް ކީއްކުރަން ހެއްޔެވެ. އެއްވެސް ވަރަކަށް ރާއްޖޭގެ ވެރިކަން ހޯދަން ނަޝީދު ނޫން މީހަކު އުޅޭކަށް ނުވާނެއެވެ. ނަޝީދު އެބުނަނީ ވަރަށް ބޮޑުތެދެކެވެ. ރާއްޖޭގެ ރައީސްކަން ކުރަންވާނީ ނަޝީދެވެ.

ބޮޑުވަޒީރުކަން ކުރަން ވާނީވެސް ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ތާއަބަދަށް އޮންނަންވާނީ ނަޝީދަށެވެ. ރާއްޖޭގެ ވެރިކަން ހޯދުމަކީ ނަޝީދު ނޫން އެއްވެސް ބޭފުޅެއްގެ އަމާޒަކަށް ހަދައިގެން ނުވާނެއެވެ. އެނޫން މީހެއްގެ އަމާޒަކީ ވެރިކަން ހޯދުން ކަމަށްވާނަމަ އެއީ ކަންބޮޑުވުން ނަޝީދަށް އޮތް ކަމެކެވެ.

އެހެން ޕާޓީއަކުން ނުވަތަ އެހެން މީހަކު ވެރިކަން ހޯދަން ކުރާކަމެއްގައި ނަޝީދު ބައިވެރި ނުވާނެކަން ގިނަ ބަޔަކަށް ކުރިންވެސް އެނގެއެވެ. އެހެން ފަރާތަކަށް ވެރިކަން ހޯދާދިނުމުގައި ނަޝީދު ބައިވެރި ނުވާނެއެވެ. ނިސްބަތުން ނަޝީދުގެ ސަޕޯޓް ބޭސް އެންމެ ބޮޑު ރަށްކަމުގައިވާ ބ. ތުޅާދޫގައި އެ ވާހަކަ އެންމެ ފަހުން ސާފުކޮށް އެ ބުނީއެވެ.

ރައީސް ކަމުގައި ތިމާހުރި ޕާޓީއަށް ވެރިކަން ލިބި، އެންމެ ގާތް އެންމެ އެކުވެރި އެންމެ އިތުބާރުކުރެވޭ ރައްޓެހި މީހާ ރައީސްކަން ކުރުމަކީވެސް ނަޝީދަށް ހަޖަމުކުރެވުނު ކަމެއް ނޫނެވެ. ޕާޓީގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވެރިކަން ހިންގުމަށް ދަތިކުރީ އެހެންވެއެވެ. ރަހުމަތްތެރިކަމާ އާއިލީގުޅުންތައް ކަނޑާ އެތެރޭގައި ހުރެ ޕާޓީ ރޫޅާލާން ނަޝީދު މަސައްކަތްކުރީ އެހެން މީހަކު ވެރިކަން ކުރަން ނެދޭތީއެވެ. 
ރައީސް ސޯލިހާ ގުޅިގެން އަމިއްލަ ޕާޓީގެ ވެރިކަމެއް ކުރަން އެއްބާރުލުން ނުދިން ނަޝީދަށް ވެރިކަމަށް އަންނަން އުޅޭ އެހެން މީހަކަށް އެއްބާރުލުން ދޭވަރުގެ ހިތްވަރެއް ކެރުމެއް ނަޝީދުގެ ނުހުންނާނެއެވެ. އެެއްވެސް އެހެން މީހެެއްގެ އަމާޒަކީ، ބޭނުމަކީ ވެރިކަން ކަމަަށް ވެއްޖެނަމަ އެކަން ވާނީ ނަޝީދަށް ވަރަށް ބޮޑު ކަންބޮޑުވުމަކަށެވެ. 
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރިޔާސީ ޓިކެޓް ހޯދުމަށް ރައީސް ސާލިޙާއި ވާދަކޮށް ބޮޑު ތަފާތަކުން އިންތިހާބުން ބަލިވީމާ ނަޝީދަށް ޑިމޮކްރަސީ ހަޖަމެއް ނުކުރެވުނެވެ. ކާމިޔާބު ކުރެއްވި ސޯލިހުގެ ފަހަތްޕުޅަކަށް ނަޝީދަކަށް ނޭރުނެވެ. އެހެން މީހަކު ވެރިކަމަށް ގެނައުމަކަށް ނަޝިދަކަށް ކުޅަދާނަ ވެގެނެއް ނުވާނެއެވެ. އެކަމުގެ ކެތްތެރިކަމެއް ނަޝީދުގެ ނުހުންނާނެއެވެ. އޭނާ ދެކޭގޮތުގައި އެހެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވާނީ ނަޝީދަށް ވެރިކަން ލިބޭ ގޮތަށެވެ. އެހެން ބަޔަކު ނުވަތަ މީހަކު ވެރިކަން ހޯދުމަށްޓަކައި ކުރާ އެއްވެސް ކަމެއްގައި ނަޝީދު ބައިވެރިއެއް ނުވާނެއެވެ. ނަޝީދަށް ވެރިކަން ނުދޭ ކޯލިޝަނެއްގައި ނަޝީދެއް ނުހުންނާނެއެވެ.