ހައްދު ފަހަނައެޅި ގައުމިއްޔާތުގައި ދިވެހިއްޔާތު

ނަންބޯޑުގައި ތަރުޖަމާ ދިވެހިނަން ޖަހާފާ އެތެރޭގައި ކަންކުރަނީ ފަރަންޖީ ބަހުން

ހައްދު ފަހަނައެޅި ގައުމިއްޔާތުގައި ދިވެހިއްޔާތު

ދިވެހިއްޔާތު ވުޒާރާ ހަދައިގެން ތިބެ މުއިއްޒުމެން މިހާވަނީ ކޮން ހަޑިއެއް ހެއްޔެވެ. ދިވެހިއްޔާތު ވުޒާރާއެއް އުފެއްދި ތަނާ ބޮޑު ކަރައެއް ފަޅާލައިގެން އޮށް ބުރުވާ ވަރުން ހީވަނީ އެހެން ކަމެއް ހެންނެވެ. ބަވަނަވެތި ބަސްތައް ތަރުޖަމާ ކޮށްގެން ބަވަނަވީ މާނަ އޮޅި މަފްހޫމު ގެއްލޭ ވަރަށް ދިވެހިއްޔާތު ބޮޑުކޮށްގެން އެޔެއް މިޔެއް ނޭގެއެވެ. 

ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ. އެއް ވުޒާރާއަކީ ފަންނިއްޔާތު މިނިސްޓްރީއެވެ. އަނެއް ވުޒާރާއަކީ ފަންނު މިނިސްޓްރީއެވެ. ހުނަރު މިނިސްޓްރީއެއް ވެސް އެބަހުއްޓެވެ. މިދައްކަނީ އެބަހެއް ބުނުމުން ދުނިޔޭގެ ނިސްބަތުގައި ވަކި ކަހަލަ މަފްހޫމު ތަކެއް ހިމެނޭ ބްރޭންޑް ނަން ތަކެއް ބަދަލު ކޮށްގެން ވަކި މާނަ ތަކެއް ނެރެން އުޅުމުން ދިވެހި ބަސް ބަދަލު ވެގެން ދަނީ ކާޅު ހިނގުމަށެވެ. އެޔަކަށް ނުވެ މިޔަކަށް ނުވެއެވެ. 

ބަސް ކުރިއެރުވުމަކީ އެއްޔަކީ ނޫނެވެ. ފޮރިން މިނިސްޓްރީ ނުކިޔާން ޚާރިޖީ ވުޒާރާ ކީމާ މިވަނީ ވަކި ކޮން އެއްޗަކަށް ހެއްޔެވެ. ހޯމް މިނިސްޓްރީ ނުކިޔާން ދާޚިލީ ވުޒާރާ ކީމާ މިވީ ވަކި ކޮން އެއްޗެއް ހެއްޔެވެ. ކޮންމެހެން މިނިސްޓްރީ ތަކަށް ދިވެހިން ކިޔާނެ ވަކި ގޮތެއް ކަނޑައަޅާފައި އެއްބޯޑެއްގައި އެއްތާކަށް ކިޔާ ދެނަމެއް ބޭއްވުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫނެވެ. އިގިރޭސީން ލިޔެފައި އޮތަސް އަރަބިން ލިޔެފަ އޮތަސް ތާނައިން ލިޔެފައި އޮތަސް އާދަން ނަސީރު އިބުރާހިން ވާނީ އާދަމް ނަޞީރު އިބްރާހީމް އަށެވެ. ޑރ. މުއިއްޒު ވާނީ ޑރ. މުއިއްޒަށެވެ. 

މިނިސްޓްރީ ތަކުގެ ނަންބޯޑް ދިވެހި ބަހަށް ތަރުޖަމާ ކޮށްގެން އެ ހިނދަކަށް އެކަން ކުރި ބަޔަކަށް ދޭހަވާ މާނައިން ނަންބޯޑުގައި ތަރުޖަމާ ނަމެއް ޖެއްސަސް އަދި އެއްޔަކީ ގައުމިއްޔަތު ދިރުވުމެއް ނޫނެވެ. ދިވެހި ބަހަށް އިސްކަން ދިނުމެއްވެސް ނޫނެވެ. 

ދިވެހި ގައުމިއްޔަތު ދިރުވާ ދިވެހި ބަސް ކުރިއަރުވަން އައި މީހުން ނަންބޯޑުގައި ތަރުޖަމާ ދިވެހިނަން ޖަހާފަ އެތެރޭގައި ކުރާ ކަންތައްް ފަރަންޖީ ބަހުން ކުރީމާ ނިކަން ރަނގަޅަށް ގައުމިއްޔަތު ދިރޭނެއެވެ. 

ދިވެހި ރާއްޖޭގައި ދިވެހިންނާ ގުޅުން އޮތް ކަމެއް އެ ކަމުގައި ބޭރު ބައެއްގެ އެއްވެސް ސާމިލު ވުމެއް ނެތަސް ސަރުކާރުގެ ރަސްމީ އިދާރާ ތަކުން ނެރޭ ލިޔުން އިނގިރޭސި ބަހުން ނެރެނީ ކިހާ ގައުމިއްޔަތު ބޮޑުވީމާ ހެއްޔެވެ. ސަރުކާރުން ނެރޭ ނޫސް ބަޔާންތަކާއި މީޑިއާ ސްޓޭޓްމަންޓްތައް އިނގިރޭސި ބަހުން ނެރެނީ ކޮންކަމެއް ކާކަށް ދައްކަން ހެއްޔެވެ. އެހެން އެކަން ކުރަނީ ފިސާރި އިލްމުވެރި ކިޔަވައިގެން ތިބި ބަޔަކު ކުރާކަމެއް ކަމަށް ދައްކަން ހެއްޔެވެ. ނޫނީ މީހުނަށް ކަންކަން އޮޅުވާލަން ހެއްޔެވެ. ހަމަ ގައިމުވެސް އެހެން ނެރޭ އާއްމު ލިޔުމަކުން މިބުނި ދެ ކަންތަކުން އެއް ކަމެއްވެސް ހާސިލެއް ނުކުރެވޭނެއެވެ.

ގއ. ވިލިގިލިން ކުއްލި ފަރުވާއަށް މާލެ ނުގެނެވި ލަސްވެގެން މަރުވެ ދިޔަ ކުއްޖާގެ ކަންތަކުގައި އާސަންދަ ކޮންޕެނީގެ ޒިންމާދާރުކަން ރައްޔިތުނަށް ދައްކަން ނެރުނު ޕްރެސް ސްޓޭޓްމަންޓް އިނގިރޭސި ބަހުން ނެރުނީ ހަރުކަށި ގައުމީ ފިކުރުގެ ކިތައްވަނަ ދަރަޖައިންތޯ އަހާލާ ހިތްވެއެވެ. މުއިއްޒު ދިވެހި ބަސް ދިރުވާލަން މިއުޅެނީ ގޮހޮރު ފުލަށޭ ހާދަ އެބަހީވެއެވެ. ގެރިހަން ލައިގެން އޮތް މިނިކާ ވަގެއް މިސާލުގައި ނޫނީ އެއްވެސް ކަމެއް ޑރ. މުއިއްޒު ނުކުރެއެވެ.

 

އާސަންދަ ކޮންޕެނީ ވަކިން ވާނީ ކޮން ގޮތެއް ހެއްޔެވެ. ހޮދު ރައީސް މުއިއްޒު ދިވެހިންނަށް އަމާޒުކޮށް ކުރާ ޓްވީޓްތައް ކުރަނީވެސް އިނގިރޭސި ބަހުންނެވެ. މުއިއްޒު ދިވެހި ބަސް ދެކެވާ ލޯތްބާއި ގައުމިއްޔަތު ދިރުވުން ގަނޑުވެސް މިހުންނަނީ އަމާކީތީ ފަރަށް ދާހެނެވެ. 

ކަރާފަޅައިގެން އޮއްބުރުވާ ވަޒީރުގެ ރިސާޗް ސެންޓަރު ހަދައިގެން ތަހުލީލުކޮށް ނިމޭއިރު ދީނީއްޔާތާއި އަދަބިއްޔާތާއި ގޮތަށް ހުރިހާ ދިވެހި ލަފުޒަކާއި ބޭރު ލަފުޒެއްގެ ފަހަތަށް ޔާތެއް އިތުރިވެފައިވާ ގައުމިއްޔާތެއް އޮންނާނީ އައިސްފައެވެ. ޢޭރުން އޮންނާނީ ފަންނިއްޔާތާއި ހުނަރިއްޔާތާއި ހޮސްޕީޓަލިއްޔާތާއި ފަތުރިއްޔާތާއި އެތެރިއްޔާތާއި ބޭރިއްޔާތަށް ހުރިހާ ލަފުޒެއް ބަދަލުވެފައެވެ. ދިވެހިބަހަށް އިސްކަން ދިން ދިނީނުން ބަސް ދިރިގެން ގޮހޮރުފުލުން ނަޖިހަށް ވެފައެވެ.