ކިރުމައިން ޖަލަށްލާން މުއިއްޒު ދޯޅުވަނީ ކީއްވެ!

މުއިއްޒަށްވުރެ ވަކީން ބޮޑަށް އަންހެނުންނަށް އަނިޔާވެރި ވެރިއަކު މަދުވާނެ

ކިރުމައިން ޖަލަށްލާން މުއިއްޒު ދޯޅުވަނީ ކީއްވެ!

ރާއްޖޭގެ ރައީސް ކަމުގައި މިހާރު ހުރި މުއިއްޒަށްވުރެ ވަކީން ބޮޑަށް އަންހެނުންނަށް އަނިޔާވެރި ވެރިއަކު މަދުވާނެކަމަށްވެއެވެ. އަނެއްކޮޅުން ވެރިމީހާ ހުންނަނީ ދެތިން އަންހެނެއްގެ އަތްދަށުވެފައި ކަމަށްވެސް މީހުން ބުނެވެއެވެ. ކޮންމެހެނެއްވިޔަސް ދެ ވާހަކައަކީ ގަބޫލު ކުރެވޭވަރުގެ ހެކިތައް ފެންނަން ހުރި ދެވާހަކައެވެ.

އެގޮތުން އަންހެނުންނަށް އަނިޔާވެރިވުމުގެ ވާހަކައަށް ދެވޭ ބުރަދަން ކުޑައެއް ނޫނެވެ. އެންމެންގެ ކުރިމަތީގައި ފެނި ތަޖުރިބާ ކުރެވެމުންދާ ކަންކަމުން އެކަން ސާބިތުވެއެވެ.

އެންމެ ފުރަތަމަ ވެސް ފާހަގަ ކޮށްލެވެނީ ވެރިކަން ލިބުމާއެކު ސްޓޭޓް މިނިސްޓަރކަން ދީގެން ރިޔާސީ ގަޑުވަރުގައި ޒާތީކަންކަމުގެ ބައިވެރިއެއްގެ ގޮތުގައި ގެންގުޅުނު ސަމަންތަރު ހެޔޮ އަންހެނެކެވެ. ސިޓީ ކައުންސިލުއްސުރެ އެންމެ ގާތް އެންމެ އިތުބާރުކުރެވޭ ޒާތީ ކަންކަމުގެ އެއްބައިވެރިއަކީ ޝަމްނާޒެވެ. ބައެއް ފަހަރު ފަސްޓްލޭޑީއަށް ވުރެވެސް ފަސްޓްލޭޑީކަން ބޮޑޭ ހީވެއެވެ. އެކަމަކު ކުއްލިއަކަށް ފެނުނީ ގަނޑުވަރުން ނެރެ އެހެން ވުޒާރާއަކަށް ބަދަލުކުރިތަނެވެ. ފަސްޓްލޭޑީއަށް ކަމެއްގެ ހިލަންވެ ފައިފިއްތާލީ ނޫންކަމެއް ނޭގެއެވެ.

ގިނަ ދުވަސްތަކެއްނުވެ ޝަމްނާޒަށް ދާންޖެހުނީ ޖަލު ގޮޅިއަށެވެ. ރައީސާ ގާތްވަން ސިހުރު ހެދުމުގެ ތުހުމަތުގައެވެ. ޝަމްނާޒާއެކު އެކަނބުލޯގެ އަންހެން ކޮއްކޮވެސް ޖަލަށްލީއެވެ. ދެން ފެނިގެން ދިޔައީ މުއިއްޒުގެ ގާއިމު މަގާމުގެ ގޮތުގައި ހުރި ވަޒީރު އާދަމް ރަމީޒްގެ އަނތްބެއް ގޮތުގައިހުރި ޝަމްނާޒް، ވަރިކުރުމާއި ރަމީޒް ފިލައިގެން ދިޔަތަނެވެ. 

އުޅެމުން އައިގޮތުންނާއި ކުރި އިތުބާރަށް ބަލާއިރު ސިހުރު ހަދައިގެން ފަސްޓްލޭޑީކަން ނޫނީ ޝަމްޒީނާ ރައީސާ ވާންޖެހޭ އިތުރު ގާތެއް އޮވެދާނެ ކަމަކަށް ނުބެލެއެވެ. ނުފޫޒުގަދަ ފަސްޓްލޭޑިއަށް ހަގީގަތުގައިވެސް އެކަމެއް ހަޖަމެއް ނުކުރެވޭނެއެވެ. ވީކަމެއްވެ ކުރި ގޮތަކަށްކޮށް ޝަމްނާޒް ޖަލުގައި ބަންދު ކުރުމަށް ފަހު ގާތުންދޭ ތުއްތު ދަރިފުޅަށް ބުއްދިނުމުގެ ފުރުސަތުވެސް ނުދިނެވެ. އިންތިހާ ދަރަޖައަށް ގާތުގައި އުޅެމުން ގާތްވާން ހެދިކަމަށް ބުނި ސިހުރު ދިޔައީ ބޯމަތިންނެވެ. މައްސަލަ ޖެއްސި މީހެއް ސާބިތުވި ކުށެއްނެތި ޝަމްނާޒްގެ އަބުރު ކަތިލާ ކައިވެނި ރޫޅުވާލީ މުއިއްޒު ކަމެއް ސާޖިދާ ކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ ކުށެއް ސާބިތުނުވާ ކަމެއްގައި ޖަލުން ވީއްލުމުންވެސް ކެޔޮކެވިފާ ހުރިލެއް ބޮޑުކަމުން ޝަމްނާޒް ހުރީ ހަނުކަމެވެ. އެއީވެސް ލޯބީގެ ވައްތަރަކީތާއެވެ.

ޝަމްނާޒަށް ފަހު އަނެއްކާ މިދިމާވީ ކިރުމައިން ޖަލަށްލުމުގެ އާވައްތަރެއްގެ ކަމަކާއެވެ. ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމާ ދެކޮޅަށް ހިމޭން މުޒާހަރާއެއްކޮށް އަޑުއުފުލާ ދެއަންހެނަކަށް ޖަލުނޫން ތަނެއް އެމީހުން ތިބެންނެތުމެވެ. ޑރ. ޝަޒްރާއާއި ޝާދިޔާ ޑިޕްލޮމެޓިކް އެމިއުނިޓީއަށް އަރައި ގަތުމުގެ ތުހުމަތުގައި ޖަލުގައި ބަންދު ކުރުންނޫން އެއްވެސް ގޮތެއް އޮތްކަމަކަށް މުއިއްޒަކަށް ނުވެއެވެ. 

ޑރ. ޝަޒްރާއާއި ޝާދިޔާ ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ބުންޏަސް ގާނޫނުލް އުގޫބާތުން ދެނުކުތާއެއް ހޯދައިގެން އެކަނބަލުންނަށް ދައުވާކޮށް އަލުން ބަލުން ޖަލަށް ނުލާ މުއިއްޒަށް ކެތެއް ނުވެއެވެ. އެންމެ އަޖައިބު އެއްކަމަކީ އެކަނބަލުންވެސް ޖަލުގައި ތިބިއިރު ގާތުންދޭ ތުއްތު ދަރިފުޅަށް ބުއްދިނުމަކީ ކޮށްގެން ވާނެ ކަމަކަށް ނުވުމެވެ. ކިރުމައިން ޖަލަށްލާން މިހާ ބޮޑަށް މުއިއްޒު ދޯޅަވަނީ ކީއްވެކަން ނުބަލާ ވަރެއް ނޫނެވެ.