މުއިއްޒު ނަންވާން އުޅެނީ ރައީސް ކޮލިޓީ އަކު ނޫން
ވީއައިއޭ ނިންމަން 100 ނޫނީ 80 މިލިއަން ޑޮލަރު ހޯދުން ހިނގާފައި އޮތީ ރައީސް ސޯލިޙްގެ ވެރިކަމުގައި
ފުރަތަމަ ކަމަކީ މުއިއްޒު އަބޫދާބީއަށް ވަޑައިގަތީ އެއްވެސް ގޮތަކުން ދިވެހި ސަރުކާރާ ޔޫއޭއީ ސަރުކާރާ ދެމެދު ހިނގި ރަސްމީ ޗެނަލުން ނޫން ކަމެވެ. ކުރުކޮށް ބުނާ ނަމަ އެއީ މިދެގައުމުގެ ސަރުކާރު ދެނަހުރި ދަތުރެއް ނޫނެވެ.
ރާއްޖޭގެ ރައީސް ކަމަށް ހޮވިފައިހުރި މީހަކު ބަލާ ޔޫއޭއީގެ ރޯޔަލް ފެމެލީއަށް ނިސްބަތްވާ ވިޔަފާރިވެރި މަހުޖަނަކު ޖެޓެއް ފޮނުވުމަކީ މި ދެ ގައުމުގެ ސަރުކާރުން ނިންމާ ރަސްމީ ކަންކަން ކަމުގައެއް ފުޅަލި ބިއްދޮށުން ހިންގާ ކަންކަމާ ދައްކާ ވާހަކައާ ހަދާ ޑީލްތަކާ ވާ އެއްބަސްވުން އެއީ އެކަން ކުރާ ބައެއްގެ އަމިއްލަ މަންފާއާ ގުޅޭ ކަންކަމެވެ.
ވެލާނާ އާޓަރމިނަލް ނިންމަން 100 ނޫނީ 80 މިލިއަން ޑޮލަރު ހޯދުމުގެ ވާހަކަ ހިނގާފައި އޮތީ ރައީސް ސޯލިޙްގެ ވެރިކަމުގައި ރަސްމީ ގޮތުން ދެ ސަރުކާރުގެ ދެމެދުގައެވެ. އަމިއްލަ ގޮތުން ޖެޓް ފޮނުވައިގެން މުޢިއްޒު ޔޫއޭއީ އަށް ގެންދިޔަ ރޯޔަލް މަހުޖަނަކީ އެ ގައުމުގެ ސަރުކާރުން މިކަމާ އުޅެން ހުރި ބޭފުޅާ ކަމަށް ވުމަކީ ފަރުދާގެ އަނެއް ފަރާތެވެ. ތިޔަ ދެބޭފުުން ދެއްކި ވާހަކަ އާއި އެއްބަސްވި ގޮތާ މާތް ރަސްކަލާނގެއާ ވަކީލެވެ.
ދެ ސަރުކާރެއްގެ ދެމެދުގައި ކަން ހިނގަނީ ކުއްލިއަކަށް ބައްދަލު ވެގެން އަނގަބަހުން އެކަކު އެއްޗެއް ބުނެލާ އިރަށް އަނެކަކު އެއަށް އެއްބަސް ވީމާ އެކަން ނިމޭ ގޮތަކަށް ނޫނެވެ.
އެކަމަކު މުއިއްޒު ކްރެޑިޓް ނަންގަވަން ވެގެން އަވަސް އަރުވާލާފައި ތިޔަ ވިދާޅުވީ ތިމަން މަނިކުފާނު އަނގައިގާ އެއްކޮޅު އޮއްވާ އެކަން ހަމަޖެހުނު ވާހަކައެވެ. ދަންނާށެވެ.! ހުވާ ނުކުރާ ރައީސަކީ ގާނޫނީ ގޮތުން ރައީސެއް ނޫނެވެ. ހުވާ ނުކޮށް ކުރާނީ އަމިއްލަ މަސައްކަތެވެ. އިންތިގާލީ މަރުހަލާ އަކީ ވެރިކަން ކުރުމެއް ވެސް ނޫނެވެ.
މުއިއްޒެވެ. މޮޓޮކޭޑްގައި ބޮކި ދިއްލައިގެން ހުވާނުކުރެވެނީސް ގޭކައިރީގައި މިސްކިތް ހުއްޓާ މާދުރު މިސްކިތް ތަކަށް ފަތިސް ނަމާދަށް ނުދުއްވިޔަކަސް ތިޔައީ އީމާންތެރި ވެރިއެއްކަން ދެއްކިދާނެ އެވެ. ކަންދެއްކުމާ ކަންކަމުން ނާޖާއިޒު ކްރެޑިޓް ނަގަން އުޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ކޮލިޓީ އެއް ނޫނެވެ.
" އާޓަރމިނަލް އަށް ބޭނުންވާ ފައިސާގެ ކަންކަމާ ގުޅޭ ގޮތުން ރައީސް ޞޯލިޙް ސަރުކާރުގައި މަޝްވަރާ ކުރެވި އޮތީ އެއްބަސްވެފައި މި ފަހަރު އަޅުގަނޑު ޔޫއޭއީއަށް މިކުރި ދަތުރުން އެބޭފުޅުންގެ ފަރާތުން ދެއްވި ޔަގީން ކަމަކީ ހަމަޖެހިފައިވާ ގޮތަށް އެކަން ހިނގާނެ ކަން." މިހެން ވިދާޅުވިނަމަ ތިޔައީ ބަސްތެދު ވެރިއަކަށް ވީހެވެ.
ތެދުވެރި އިޚްލާޞްތެރި ހުވާގެ މަތީގައި ދެމިހުންނަވާ އީމާންތެރި ވެރިންގެ ބަހާ ޢަމަލު ހުންނަން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ކޮލިޓީ ގައެވެ. ހުވާ ނުކުރެވެނީސް ތިޔައީ ފުކެއް ބޮޑުވަރެވެ. ހަފްތާއެއް ތެރޭ ބޭރުކުރަން ބުނި އިންޑިއާ ސިފައިންގެ ވާހަކައިގެ ރާގު ބަދަލުކޮށް އިންޑިއާ އަކީ މާގާތް ގައުމަކަށް ހަދަތްޕެވެ. އަދި ދައުރު ނިމެންދެން މަޝްވަރާ ކުރަންޖެހޭ ކަމަކަށް އެކަން ވެއްޖެއެވެ.
މީހަކު އެއްޗެއް ބުނާ އިރަށް އެއީ ތެދުކަމަށް ބަލައިގެން ވަޖިދު ވިޔަކަސް އަދި ނުފުދޭނެއެވެ. ދިވެހިރައްޔިތުން ދަސްކުރަންވީ ކަމަކީ މޮޅު ވާހަކަތަކާ ދީނާ ގައުމާ ހައްގުތަކާ އިންސާފޭ ކިޔައިގެން ސިޔާސީ މީހުން އެދައްކާ ހުރިހާ ވާހަކައެއް އެ ދައްކަނީ ވެސް ކަލޭމެން ހައްލައިގެން ވޯޓު ހޯދައިގެން ވެރިކަމަށް އައުމަށް ކަމަށެވެ.