އައްޑޫބުރިޖު އެޅުނަސް ނޭޅުނަސް މޮހަނދަށް ވަރިހަމަ!
ވަށަފަރު މުހައްމަދު ދޭ ތާރީހަކަށް ވީއެއްވެސް ކަމެއް ހަރާން
އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖަކީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު ތަސައްވުރެކެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ވިންދާ ގުޅިފައިވާ އުންމީދެކެވެ. ރައީސް ވަށަފަރު މުހައްމަދަށް އައްޑޫ ރައްޔިތުން ވޯޓުދީގެން ވެރިކަމަށް ގެނައުމުގައި ހުޅުމީދޫ ބުރިޖަކީ އެއްބަހާއެވެ. ހުޅުމީދޫ ބުރިޖަކީ ރައީސް ވަށަފަރު މުހައްމަދުގެ ވައުދެކެވެ. ވެރިކަމަށް އިސްވި ފަހުން އައްޑޫ ބުރިޖުގެ ވާހަކަ ތަފާތު ގޮތްގޮތަށް ވަށަފަރު މުހައްމަދު ސަރުކާރުން ދައްކައިފިއެވެ. ހުސްވެސް ހޮޅިވާހަކައެވެ. އަމަލީ ގޮތުން އެއްވެސް ކަމެއް ކުރާތީއެއް ނުފެނެއެވެ.
ރިޔާސީ ވައުދުގެ ގޮތުގައި ހުޅުމީދޫ ބުރިޖްގެ ވާހަކަ ދެކެވުނު އިރު އެ ބުރިޖު އެޅުމަށް ވާލަހަކީ ވެރިކަން ލިބުމަށްވާ ލަހެކޭ ހީވިއެވެ. ހުވާކުރާ ދުވަހު ނޫން އަނެއް ދުވަހު ބްރިޖުގެ މަސައްކަތް ފަށާނެ ކަމަށް ހުވަފެން ދެއްކިއެވެ. އެކަމަކު އައްޑޫ ބުރިޖަށް ވާނީ ވަކިން ކޮން ގޮތެއް ހެއްޔެވެ. ދޮގާއި އޮޅުވާލުމާއި މަކަރުނޫން ކަމެއް ވީއެހެން ވައުދަކުންވެސް ފެންނަނީއެއް ނޫނެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތެރޭގައިވެސް ރައީސް ވަށަފަރު މުހައްމަދު އައްޑޫ ރައްޔިތުންނަށް ބުރިޖުގެ ޔަގީންކަން ދިނެވެ. މިއަހަރު މާރޗް މަހުގެ 31 ވަނަ ދުވަހުގެރޭ ރައީސް ވަށަފަރު މުހައްމަދު އައްޑޫ ރައްޔިތުންގާތު ބުނި އެތި އައްޑޫ މީހުން ހަނދާނުގައި އެބަހުއްޓެވެ. އައްޑޫ ހުޅުދޫއާއި ހިތަދޫ ގުޅުވައިދިނުމަށް އަޅާ އައްޑޫ ބުރިޖުގެ ފީސިބިލިޓީ ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް ނިމިފައިވާކަމަށާއި، މި އަހަރު ތެރޭގައި ބުރިޖުގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ. ބުރިޖުގެ ކަމެއްކުރެވުނަސް ނުކުރެވުނަސް މިއަހަރުވެސް ނިމޭނެއެވެ. ރައީސް ވަށަފަރު މުހައްމަދު ދޭ ތާރީހަކަށް ވީއެއްވެސް ކަމެއް އަދި ހަރާމެވެ. ބުރިޖަށް ވަކިވާނީ ކޮންގޮތެއް ހެއްޔެވެ.
ކުރީ ސަރުކާރުން އެއްބަސްވެ ސޮއިކޮށް މަސައްކަތް ހަވާލުކޮށްފައިވާ އެތައް ބައިވަރު ޕްރޮޖެކްޓެއް މިހާރު އެވަނީ ހުއްޓަލާފައެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު މަސައްކަތް ފެށި ކުރިއަށްދާ އެތައް ޕްރޮޖެކްޓެއް އެކި ބަހަނާ ދައްކައި ލަސްކޮށް ފަސްކޮށް ކުރިއަށް ނުކަނޑާ އެހުރީއެވެ. ދެތިން ހަތަރު މިލިޔަނުން ނިންމާ ލެވޭވަރުގެ ފައިދާހުރި ކުދިކުދި ޕްރޮޖެކްޓްތައްވެސް އެހުރީ ހުއްޓިފައެވެ. މަތި ހަށި ނަގާފައިފެށި ރަސްމާލެއަށް ވާގޮތް އެބަފެނޭ ނޫންހެއްޔެވެ. އަމްދުން މަލްޓި މިލިޔަން ހަރަދުވާ އައްޑޫ ބްރިޖް ފަދަ މެގަ ޕްރޮޖެކްޓެއް ވަށަފަރު މުހައްމަދު ސަރުކާރަކުން ނުހިންގާނެއެވެ.
ދައުލަތުގެ އަމްދަނީ ވަސަފަރު މުހައްމަދު ތަޅާލަނީ ރިކަރަންޓް ހަރަދަށެވެ. މުސާރައާއި މަޖާނެގުމަށެވެ. ރައްޔިތަކަށް ލުއިފަސޭހައެއް ލިބިދާނެ ކެޕިޓަލް ހަރަދަށް ދައުލަތުގެ އާމްދަނީ ހޭދަކުރުމަކީ ވަށަފަރު މުހައްމަދު ދެކޭ ގޮތުގައި ކުރެވޭ އިސްރާފެކެވެ.
އެކި ފަހަރު އެކި ބަހަނާ ދައްކައިގެން އައްޑޫ ބުރިޖު ނާޅާވާން އޮތް ހުރިހާކަމެއް ވަށަފަރު މުހައްމަދު ސަރުކާރުން އެދަނީ ކުރަމުންނެވެ. އަންނަ ރިޔާސީ އިންތިހާބާ ޖެހެންދެން އައްޑޫ ރައްޔިތުން ގާތަށް ވޯޓު ހޯދަން ދާންޖެހޭ ސަބަބެއް އަދި ނެތެވެ. އެހެން ކަމުން އައްޑޫގައި ބުރިޖު އެޅުނަސް ނޭޅުނަސް ވަށަފަރު މުހައްމަދަށް މިހާރު ވަރިހަމައެވެ.