އަބުޗާ ދޫކޮށްލީ ރަސްމާލޭގެ އަޑު ކަނޑުވާލުމަށް!
ގޯސްތަކުގެ އަޑު ކަނޑުވާލަނީ އެހެން ގޯހެއް ހަދައިގެން
އާއްމުގޮތެއްގައި ދިވެހިންގެ ތެރޭގައި ވާހަކައެއް ދެއްކެވޭނީ ގިނަވެގެން ތިން ހަތް ދުވަހުއެވެ. އެއަށް ވުރެ އަވަހަށް ވާހަކައެއް އޮއްބާލަން ބޭނުން ވެއްޖެ ނަމަ ޖެހޭނީ އެއަަށްވުރެ ބޮޑު އެހެން ގޯހެއް ހަދާށެވެ، ރައީސް މުއިއްޒު ހުރީ ދިވެހީންގެ އެއާދަ ނިކަން ރަގަޅަށް ދަސްކޮށްގެންނެވެ. ފުލުފުލުގައި އެއް ގޯހަކަށް ފަހު އަނެއް ގޯހެއް ހަދަމުން ވާހަކަ އޮއްބަމުން ވެރިކަމުގެ ދައުރެއް އެހުރެ ނިންމަނީއެވެ.
ގޯސް މައްޗަށް ގޯސް ހަދަމުންދާ އިރު އެއިން އެއްވެސް ގޯހެއް ހައްލެއް ނުކުރެއެވެ. ފޯކަސް ބަދަލުކޮށްލައިގެން ކޮންމެ ވާހަކައެއްވެސް ހިންދާލަނީއެވެ. މުއިއްޒުގެ ވެރިކަމުގައި ހެދި ގޯސްތަކުގެ ވާހަކަ ދައްކާ ކޮޅުން ނުލާނެއެވެ. އާއްމު ގޮތެއްގައި ރައީސް މުއިއްޒު ހަދާ ބޮޑެތި ގޯސްތަކުގެ އަޑު ކަނޑުވާލަނީ އެހެން ގޯހެއް ހަދައިގެންނެވެ.
ހަނދާން އައުކޮށްލާށެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެނީސް ހުވާކުރުވި 3 ވަޒީރުންގެ މައްސަލަ ވެދިޔަ ގޮތެއްވެގެން ދިޔައީއެވެ. ފަސްޓްލޭޑީ ގެ ސިވިލް ސާވިސް ވަޒީފާ ގާނޫނާ ހިލާފަށް ހަލާލުކޮށްލީއެވެ. ރެއަކަށް އިރު އޮއްސިފައި އިރުއެރިއިރު އިދިކޮޅު ޕާޓީން 13 މެންބަރުން ބަދަލުކޮށްލި ގޮތް ހަނދާން ވޭހެއްޔެވެ.
ދިމްޔާތުން މެންބަރުނަށް ބެހި 50 ހާހުގެ ވާހަކަ ކޮބައި ހެއްޔެވެ. ބޭންކް އޮފް މޯލްޑިވްސްގެ ބަގާވާތް މަތިން ހަނދާން އެބަހުރި ހެއްޔެވެ. ޔުމްނު މައްސަައާއި ޝާހީ ޒުވާނުންގެ ޕާޓީ ކުރުންގަނޑު ދިޔަގޮތް ހަނދާންވެސް ނެތެވެ.
ރާޖޫ މާލެ ހިއްކަން ބާޓާ އުސޫލުން ދިންހާ ބިންތަކަށް ވީއެއް ނުވީއެއް ނޭގުނެވެ. އެޗްޑީސީއަށް ފުލުހުން ވައްދާ އެތާނގެ ބޯޑު އުވާލާ ބަލަންފެށި ބިޔަ ބޮޑު ކޮރަޕްޝަން މައްސަލަ ފަޒުލު ރަޝީދާއެކު ވަޅުޖައްސާލުން ކިހާ މޮޅުހެއްޔެވެ. އެމްއެމްއޭއިން ޕޮލިހަށް ފޮނުވި ޝުޖާގެ މަނީ ލޯންޑަރިން ވީ ހިސާބެއް ނޭގެއެވެ.
ސަމޯއާ އެގްރީމަންޓްގައި ސޮއިކޮށް އެލްޖީބީޓީކިއުއަށް ރުހުން ދިންކަންވެސް ހަނދާނެއް ނެތެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ނުކުރާން ގަދަފައި ވިއްދާ ފަހަތު ފަޔަށް ބުރަވެ ދިގު ދަންމާލި ކަން ދެނަހުރީ ކާކުހެއްޔެވެ. އައިޑީ ކާޑުން ވައްކަންކޮށްގެން ޕާޓީ ބޮޑުކޮށްލިގޮތް ކިހާ މޮޅުހެއްޔެވެ.
ދޮންއަމާއަށް އެވޯޑް ދީގެން މީޑިއާ ކައުންސިލަށް ވަދެގަތް ހަނދާން ހުރިކަމެއްވެސް ނޭނގެއެވެ. ބެލްކަނި ރިޕޯޓާއިއެކު ކޮންޓްރޯލް ކޮމިޝަން އުފަންވެގެން އައިގޮތްވެސް އޮބިގެން ދިޔައީ މީޑިއާތައް ކަސްތަޅު އެޅިގެންނެވެ.
މެންބަރުން އޮބިއަޅުވާ ސްޕްރީމް ކޯޓުން ފަނޑިޔާރުން އުކާލިކަން ދެނެހުރި މީހަކު ނެތް ކަހަލައެވެ. އަތޮޅު ކައުންސިލްތައް އުވާލާ ކައުންސިލްގެ އިހުތިސާސުން ބޭނުން ބައެއް ނަގަން ނިންމާލީ ދޮންކަޅުއަންގާ ނުލައެވެ. ޑޮލަރުން މުއާމަލާތުކުރުން ކުށަކަށްވެ ރިސޯޓްތަކުގެ އާމްދަނީ މާރުކުރަން ޖައްސާ ތުއަރއޮޕެރޭޓަރުން އަތުން ޓެކްސް ނަގަން ޖައްސާ އެއަޑުވެސް ކަނޑުވާލީއެވެ.
ގާތްވަން ސިހުރު ހަދައިގެން ޖަލަށްލީ ކިރުމައިކަމަނާގެ ވާހަކަވެސް ނީވެއެވެ. ނޫސްވެރިން ޖަލަށްލާ ގެގް އޯޑަރަކުން އެލްސޯފާގެ އަޑު ކެނޑިއްޖެއެވެ.
ގަސްދުގައި ހަދާފައިވާ ބޮޑެތި ގޯސްތަކުން ބުނެވި މިދިޔައީ ދާދި ކުޑަ މިންވަރެކެވެ. އެއްބަސްވުންތަކާ ހުވާތަކާ ވައުދު ތަކުގެ ވާހަކަ ބާއްވަމާހެއްޔެވެ. އެންމެ ފަހުން ރަސްމާލެ އައްބާރަށް ދީފާ އެކަމުގެ އަޑު ކަނޑުވާލުމަށް އެދޫކޮށްލީ އަބުޗާއެވެ.




