ސްޓްރޭންޖަރ ތިންގްސް އަންނަ އެޕްރީލް މަހު

ސްޓްރޭންޖަރ ތިންގްސް އަންނަ އެޕްރީލް މަހު

ސްޓްރޭންޖަރ ތިންގްސް: ޓޭލްސް ފްރޮމް ’85 ގެ ޓީޒަރާ އެކު، އެނިމޭޓެޑް ސީރީޒް އަންނަ އޭޕްރީލް ގައި ދައްކަން ތައްޔާރުވެއްޖެ

 ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް "ސްޓްރޭންޖަރ ތިންގްސް" ގެ އާ އެނިމޭޓެޑް ސީރީޒް، "ސްޓްރޭންޖަރ ތިންގްސް: ޓޭލްސް ފްރޮމް ’85" ގެ ފުރަތަމަ ޓީޒަރ މިހާރު ވަނީ އާންމުކޮށްފައެވެ.

1985 ވަނަ އަހަރުގެ ފިނި މޫސުމުގެ ދުވަސްވަރަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒްގެ ވާހަކަ ފެށެނީ އެ އޮރިޖިނަލް ސީރީޒްގެ ދެވަނަ ސީޒަނަށް ފަހުގައެވެ.

ނެޓްފްލިކްސްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އާންމުކުރި ދެ މިނެޓަށް ވުރެ ދިގު މި ޓީޒާއިން ދޭހަވާ ގޮތުގައި، ހޯކިންސް ލެބްގައި ހުރި 'އަޕްސައިޑް ޑައުން' ގެ ދޮރު އެލެވަން ބަންދުކުރި ނަމަވެސް، އެތަނުގެ ނުރައްކާތެރި އެއްޗެއް އަދިވެސް ވަނީ ސަލާމަތްވެފައެވެ.

މި ސީރީޒްގައި ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މުހިންމު ކެރެކްޓަރތައް ކަމަށްވާ އެލެވަން، މައިކް، ވިލް، ޑަސްޓިން، ލޫކަސް، މެކްސް، ސްޓީވް ހެރިންގްޓަން އަދި ޖިމް ހޮޕަރ އެކުގައި ފެނިގެންދާނެއެވެ.

ހޯކިންސްގެ ފިނި މޫސުމުގެ އުފާވެރި ދުވަސްތަކާއި ކުޅިވަރުތަކުގެ ތެރެއިން މި އެކުވެރިންނަށް ކުރިމަތިލާން ޖެހެނީ ރަށުގެ ސިއްރުވެރި އަދި ބިރުވެރި އައު ނުރައްކަލަކާއެވެ.

މި ސީރީޒްގެ ރަސްމީ  ހުލާސާގައި ބުނާގޮތުން، 'އަޕްސައިޑް ޑައުން' ގެ ބިރުވެރިކަން ފިލައިގެން ދިޔަ ކަމަށް ހީވިޔަސް، ނޭނގި އޮތް ބޮޑު ނުރައްކަލެއް އަދިވެސް އެބައޮތެވެ. އެހެންކަމުން، ހޯކިންސް ސަލާމަތްކުރުމަށްޓަކައި މި އެކުވެރިންނަށް ވަނީ ވަގުތާ ވާދަކޮށް، ހަގީގަތް ހޯދަން މަޖުބޫރުވެފައެވެ.

"ސްޓްރޭންޖަރ ތިންގްސް: ޓޭލްސް ފްރޮމް ’85" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާނީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.

މި ސީރީޒްގެ ކެރެކްޓަރތަކަށް އަޑު އަޅައިދީފައިވަނީ ބްރޫކްލިން ޑޭވީ ނޯޑްސްޓެޑް (އެލެވަން)، ޖޮލީ ހުއަންގް-ރެޕަޕޯޓް (މެކްސް)، ލޫކާ ޑިއާޒް (މައިކް)، އެލީޝާ "އީޖޭ" ވިލިއަމްސް (ލޫކަސް)، ބްރެކްސްޓަން ކުއިނީ (ޑަސްޓިން)، ބެންޖަމިން ޕްލެސާލާ (ވިލް)، ބްރެޓް ގިޕްސަން (ހޮޕަރ) އަދި ޖެރެމީ ޖޯޑަން (ސްޓީވް) އެވެ. މީގެ އިތުރުން އޮޑެސާ އޭޒިއަން، ޖެނީން ގަރަފާލޯ އަދި ލޫ ޑައިމަންޑް ފިލިޕްސްގެ އަޑުވެސް މި ސީރީޒުން އިވިގެންދާނެއެވެ.