ފައިސާ އަށް އަމާވިއްކުން !
ފައިސާ ހޯދުމުގެ ބޭނުމުގައި މުއިއްޒެއް ކަމަކު އަމާ ވިއްކައިގެން އަމާ ހޯދަން ނޫޅޭ
އަމިއްލަ އުފަން ވަޒަނަށް ހިޔާނާތްތެރިވުމާއި އަމިއްލަ މައިމީހާއަށް ހިޔާނާތްތެރިވުމާ ދެމެދު ހުރި އެއްގޮތްކަމުން ގައުމު ވިއްކާލަން އުޅޭމީހުން އަހުލާގީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓިފައިވާކަން ހާމަކޮށްދެއެވެ. ސަބަބަކީ މި ދެ ކަމަކީ ވެސް ހިމާޔަތާއި، ވަކިވަކިވަންތަކަން (އައިޑެންޓިޓީ) އަދި އެއްވެސް ޝަރުތަކާ ނުލައި ލިބޭ އަޅާލުމުގެ މައްޗަށް ބިނާވެފައިވާ އަސާސީ ގުޅުންތަކަކާ ހިލާފުވުން ކަމަށްވާތީއެވެ.
ސިޔާސީ ފަލްސަފާއާއި އަހުލާގިއްޔާތުގައި، "ވަތަން" އަދި "މައިމީހާ" މި ދެ ލަފްޒު ގިނައިން ގުޅުވާލެވެނީ، މި ދެ ފަރާތަކީ ވެސް އިންސާނާގެ އަސްލު ފެށުމާއި، ބަލާބޮޑުކުރުމާއި، އަދި ވާޖިބުތަކުގެ އެންމެ މަތީ މަރުހަލާ ރަމްޒުކޮށްދޭ ދެ ފަރާތް ކަމަށްވާތީއެވެ. އިގިރޭސި ބަހުން " މަދަރޓަންގް" ކިޔައނީ މައިމީހާގެ ދުލަކަށް ނޫނެވެ. އެކަމަކު ތިމާ ނިސްބަތްވާ ބަހަށެވެ. ހަމައެހެން " މަދަރލޭންޑް" ކިޔަނީ މައިމީހާގެ ބިމަކަށް ވާތީއެއް ނޫނެވެ. އެހެނެއް ކަމަކު އެތަނަކީ ތިމާ އެތަނަކަށް ނިސްބަތްވެ އުޅެ ބޮޑުވާ ގައުމެވެ.
މައިވަންތަކަމާއި ތިމާ ލެއްވި ބިން ގުޅިލާމެހިފައި ވަނީ ތިމާއާއި ވަކިނުކުރެވޭ ގޮތަށެވެ. ތިމާގެ ގައުމުން ބައެއް ވިއްކާލުމެކޭ މައިމީހާގެ ގުނަވަނެއް ވިއްކާލުމެކޭ އެއްވެސް ތަފާތެއް ނެތެވެ. ރައީސް މުއިއްޒާ މުއިއްޒުގެ އައުވާނުން ފައިސާގެ ދަހިވެތިކަމުގައި ކުރާން އުޅޭ ކަމަކީ އަމާ ވިއްކުމެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ހަސަންތާޖުއްދީންގެ ދެދަރިންވެސް ގައުމު ވިއްކަން އުޅުނެވެ. ނުވަވަނަ ހަސަން ރަސްގެފާނުވެސް ކުރަން އުޅުނީ އެކަމެވެ. ހާޖަރާ ލުތުފީވެސް ކުރަން އުޅުނީ އެކަމެވެ. އެންމެ ފަހުން މުއިއްޒުވެސް ކުރާން އުޅޭ ކަމަކީ އަމާވިއްކުމެވެ.
އެންމެންވެސް މޮޅާ ރަނގަޅާ ތަނަވަސްކަން ބޭނުމެވެ. އެކަމަކު އަމާ ވިއްކައިގެން ތަނަވަސްކަން ހޯދަން ބޭނުންވާނީ ކާކުހެއްޔެވެ. ފަލަސްތީނު މީހުން ޔަހޫދީންނަށް އަމާ ވިއްކާލުމުން ޖެހުނު ދަތުރު ފެންނަން އެއޮތީއެވެ. އޮސްޓްރޭލިޔާގެ އަސްލު ރަށްވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި އުޅޭހާލު ދުނިޔޭގެ ލޯތަކަށް ވަނީ ފޮރުވާފައެވެ. ސިލޯނުގައި ސިންހަޅައިންގެ މައްޗަށް ތަމަޅައިން ގަދަވެ އަހުލީ ހަނގުރާމަ ކުރީ އެންމެންގެ ލޯމަތީގައެވެ.
ރާއްޖޭގައި ބަޔަކަށް ވަޒަނުން ބައެއް ނުވިއްކާވެސް އަސްލު ރަށްވެހިންގެ މައްޗަށް ބޭރު މީހުން ވަނީ ގަދަވެގެންފައެވެ. ރާއްޖޭގެ ހުރިހާ ސިނާއަތަކާއި ކުދި އަދި މެދުފަންތީގެ ހުރިހާ ވިޔަފާރިއެއް މިހާރުވެސް ކޮންޓްރޯލުކުރަނީ ބޭރުން އަރާ ތިބި އާދައިގެ ލޭބަރުންނެވެ. ގާނޫނެއް ގަވައިދެއް އެ މީހުންގެ މައްޗަކަށް ނުހިނގައެވެ. މިހެން އޮތް ތަނަކަށް ދުނިޔޭގެ ފައިސާވެރި ޑްރަގް ލޯޑުންނާއި ޖުވާރީންނާއި ސްމަގްލަރުންނާއި ސްކޭމަރުންނާއި ޒަޔަނިސްޓުން ގެނެސް ރަށްވެހިކަމާއި ބިންދީފިނަމަ ފައްޅިއެއް އަޅާލައިގެން ނިނާމާ ލާނީއެއް ނޫނެވެ.
ވެރިކަމުގައި ޒަމާންތަކެއް ވަންދެން މުއިއްޒު ހުންނަން ކިތަންމެ ބޭނުމަސް، މުއްސަދިކަމާ ތަނަވަސްކަން ކިތަންމެ ބޭނުމަސް ހަރުކޮންނަންވާނީ ވަރުންނެވެ. އެއްބައިވަންތަކަން ގެއްލި ގައުމުގެ އަސާސްތައް މުގުރާލާން އުޅެގެން ވެރިކަމެއްވެސް ނުއޮންނާނެއެވެ.
ދުބާއީއާއި ސިންގަޕޫރު ފަދަތަންތާ ހުންނަ ކަހަލަ އުސް ރީތި އިމާރާތްތައް ރާއްޖޭގައި ހުރެއޭ ބުނެލުންފިޔަވާ އާއްމު ދިވެހި ރައްޔިތަކަށް ލިބޭނެ އުފަލެއް ހިތްހަމަ ޖެހުމެއް އަލައްބާރު ސިޓީ ރަސްމާލެއަކުން އަދި ނޫނު ޓައުންޝިޕް ޕްރޮގްރާމަކުންވެސް އާއްމު ދިވެއްސަކަށް ނުލިބޭނެއެވެ. ހަމަތެދެކެވެ. އަމިއްލަ ޖީބު ބޮޑުކޮށް ވެރިކަމުގައި ދެމިހުރުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި މުއިއްޒެއް ކަމަކު އަމާވިއްކައިގެން އަމާ ހޯދަން ނޫޅޭށެވެ.




