ކިންގް މޭކަރ ގާސިމުގެ ސައިޒު ތޯލާފުޅި އަކަށް!
މާމިގިލީ ގޮނޑިއަކީވެސް މުއިއްޒުގެ ހެޔޮކަމުން ލިބުނު އެއްޗެއް.
2023 ގެ ރިޔާސީ އިންތިހާބާ ހަމަޔަށް ބުރުމާ ގާސިމޭ ބުނުމުން ގައިން ހީބިހި ނަގައެވެ. އޭނާގެ ނުފޫޒާ ބާރު ގަދަކަމުންނެވެ. ބޭނުން އިރަކު ބޭނުން ގޮތަކަށް މުޅި ދިވެހި ދައުލަތް އަނބުރާލާތީއެވެ. ދައުލަތުގެ ތެރޭން ބޭނުން ވެއްޖެކަމެއް ލަހެއް ފަހެއް ނެތި ކޮށްލާތީއެވެ. ދައުލަތުގެ ތެރެއިން ގާސިމު ބޭނުން އެއްޗެއް ބޭނުން ވަރަކަށް ނެގުމުން ނޫނީ އެހެން މީހަކަށް ނުލިބޭތީއެވެ. ގާސިމު ނުނިޔަތްލައިފި ސަރުކާރެއް ބިމާހަމަ ކޮށްލާތީއެވެ.
ރައީސް މައުމޫނު ވެރިކަމުގެ ތެރެއިން ހަލާލެއް ހަރާމެއް ނުބަލާ ހޯދި މުއްސަދިކަމުން އެންމެ ބޮޑު މަހުޖަނަށްވެ މުޅި ދައުލަތް އޭނާގެ ކޮންޓްރޯލު ދަށަށް ގެނައެވެ. ރައީސް މައުމޫނު ވެސް ހުންނެވީ އޭނާގެ މުށުތެރޭގައި ކަމަށް އޭރު މީހުން ކިޔާއުޅުނެވެ. ރައީސް މައުމޫނުގެ މުއްޕަތުން ފުރާފުރިހަމަވެ ކަޅުއޮށު ބަނޑުދަށުގާ ހުރެ ބޮޑުވި ކޮރަކަށްޔާ އެއްގޮތަށް ރައީސް މައުމޫނަށް ދިނީ ދޯކާއެވެ. ރައީސް މައުމޫނުގެ ވެރިކަން ނިންމި ހަރަކާތަށް ހަކަތަ ދިނީ ސިދާ ގާސިމެވެ. ވެރިކަން ކުރާހިތް އޮތްލެއް ބޮޑުކަމުންނެވެ.
ހުރި ބާރާއި ނުފޫޒަށް ބަލާއިރު ރައީސް މައުމޫނަށް ފަހު ވެރިކަން ކުރާނީ ގާސިމު ކަމުގެ ހުވަފެން އޭނާ ދުއްޓެވެ. އެހެނެއް ކަމަކު 2008ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނަ ބުރަށް ދެވޭވަރުގެ ވޯޓެއް ރައްޔިތުން ނުދިނެވެ. ދުއްވާލީ ޗޮކުންނެވެ. އެހެން ދިމާވުމުން ވެރިކަމުގެ ބޯކިބަލުން ބޮޑު ފަޅިވަރެއް ލިބޭތޯ ދެވަނަ ބުރުގައި ގުޅުނީ އެމްޑީޕީ ކޯލިޝަނާއެވެ.
އެމްޑީޕީ ކޯލިޝަނަށް ވެރިކަން ލިބުމުން ހީކުރި ގޮތަށް ދައުލަތް ދަވާލަން ޖާގަ ނުލިބިގެން ވެރިކަމަށް ތިންހަތް ދުވަސްވީ ތަނާހެން އިސްތިއުފާ ދީފައި ދެކޮޅުވެރިވީއެވެ. ރައީސް ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލީ ގާސިމުގެ އަމިއްލަ ބޮނޑި ނުބަދެވިގެންނެވެ. "މަނީ މަނީ ޔޭސް ސަރ"ގެ ޖާދޫގައި ސިފައިންނާއި ފުލުހުން ޖައްސައިގެންނެވެ.
ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާ ޑރ. ވަހީދުގެ ބަގަވީ ސަރުކާރުގައި ދަނޑިމަތި އެނބުރީ ގާސިމެވެ. ޖީބަށް އިންތިހާ ދަރަޖައިގެ މޮޅު އެޅިއެވެ. ބޭނުން އެއްޗެއް ބޭނުން ވަރަކަށް ދައުލަތުން ދަމާވީދިއެވެ. އެކަމަކު ރިޔާސީ އިންތިހާބާ ޖެހުމުން ވަހީދަށް ދޯކާދީ ވެރިކަން ހޯދަން ފައިނެގިއެވެ. އެކަމަކު ރައްޔިތުން 2013 ގައިވެސް ގާސިމަށް ދިނީ ކެއްސެވެ. ވެރިކަމެއް ނުދިނެވެ. ދަނޑިވަޅުބަލާ ރައީސް ޔާމީނުގެ ވެރިކަމުގެ ކޯލިޝަނަށް ތޮރުފިގަތީއެވެ.
ގާސިމު ބޭނުންހާ އެއްޗެއް ހަދާކަށް ރައީސް ޔާމީނު ފުރުސަތެއް ނުދިނެވެ. އަރައިގެން ރުޅިން ކޯލިޝަނުން ވަކިވެ އެމްޑީޕީއާއި ގުޅިގެން ރައީސް ޔާމީނާ ދެކޮޅަށް ތެޅެގަތެވެ. ނަތިޖާއަކަށްވީ ރައީސް ޔާމީނުގެ ސިޔާސީ އަސީރަކަށްވެ ޖަލުގޮޅިން ޖާގަ ހޯދުމެވެ. އަނބިދަރިންނާއި މުދާ ގުރުބާންކޮށްގެން ވެސް ރައީސް ޔާމީނުގެ ވެރިކަން ނިންމަން ގާސިމު ނުކުރުވާ ކަމެއް ނެތެވެ. ނަތިޖާއެއްގެ ގޮތުން ރައިސް ޔާމިނުގެ ވެރިކަން ނިމި އެމްޑީޕީ ކޯލިޝަނަށް ވެރިކަން ފުރޮޅުނެވެ.
ލިބުނު މޮޅުގައި މިނިވަންވެ ކޯލިޝަން ޕާޓުނަރަށް ވެގެން ވެރިކަމުގެ މައްޗަށް އެމްޑީޕީއަށް ވުރެ ބާރުގަދަކޮށް އެމްޑީޕީގެ އެތެރެކޮއިލު ރޫޅާލާ ދައުލަތް ފެލާލަން ނުކުރާ ކަމެއްނެތެވެ. އެމްޑީޕީ ވެރިކަމުގައި ހިންގި ކަމަށް ކިޔާ ކޮންމެ ކޮރަޕްޝަނެއް ގޮސް ގުޅެނީ ގާސިމާއެވެ. ގެއްލުމުގެ ބަދަލު ހޯދުމާއި ވެންޓިލޭޓަރާއި ޑޮމައިން ވިއްކުމާއި ޓޫރިޒަމް ރޭޕާއި ގޮސް ނިމެނީ ގާސިމަށެވެ. އޭނާގެ ވަޒީރުންނަށެވެ.
ކޯލިޝަން ޕާޓްނަރ ގޮތުގައި ހުރެ ރައީސް ސޯލިހާ ހަމައެކަނި ވާދަކުރީއެއް ނޫނެވެ. ގާސިމު ބައިވެރިވާ އެމްޑީޕީ ކޯލިޝަން ސަރުކާރަށް ނުގޮވާ ކުނިފުޅައެއް ނެތެވެ. އެ ސަރުކާރެއްގައި އަމިއްލަ އަނބިމީހާ ވަޒީރުކަމުގައި ހުރި ސަރުކާރެއް ފުޑާލަން ނިކުތުމުން ގާސިމަކީ މޮޔައެއް ކަމަށް ރައްޔިތުން ނިންމިއެވެ. ރިޔާސީ އިންތިހާބުގައި 5000 ވޯޓު މުޅި ރާއްޖޭން ނުލިބުނެވެ.
ޒަމާނުއްސުރެ މިލްކުކޮށްގެން ހުރި މާމިގިލީ ގޮނޑިއަކީވެސް ރައީސް މުއިއްޒުގެ ހެޔޮފުޅުކަމުން ލިބުނު އެއްޗަކަށްވީއެވެ. ރާއްޖޭގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް މީހުން އިސްކޮށް ކިންގް މޭކަރ ހެދިގެން އުޅުނު ގާސިމުގެ ސައިޒު ތޯލާފުޅި އަކަށް ލެވޭހާ ކުޑަވީއެވެ. އެ ދާވަރުން ދަންޏާ އަސާގަނޑެއް ވިއްދައިގެން ބަންޑާރަ މިސްކިތުގެ ދާލައިގައި އިންނަން ނުޖެހިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.