މުއިއްޒު މަޖިލީހުން ނިންމީ ގޯތިތައް ނުދޭން!
އެންމެ ގާޒީއަކާހުރެ ވެރިކަމެއް ނިމިދިޔަގޮތް ދިވެހިންވަނީ ތަޖުރިބާކޮށްފަ
މާލެ ސަރަހައްދުން ގޯތި ދިނުމަކީ ނުފޫޒުހުރި ގިނަ ފައިސާވެރިންނާއި ގިނަ ސިޔާސީ މީހުން އެއްވެސް އިރަކު ބޭނުންވީ ކަމެއް ނޫނެވެ. އިތުރު ބަޔަކު ގެދޮރުވެރި ވެއްޖެނަމަ އެ މީހުނަށް ލިބޭބައި މަދުވެދާނެތީއެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ މާލެ ސަރަހައްދުގެ ބިމުގެ ނަފާ މާލޭގައި އުޅޭ ނިކަމެތި މާލޭ މީހުންނަށް ލިބޭނޭ ގޮތް ހައްދަވާ ދެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެ ފުރުސަތު ރައީސް ސޯލިހަށް ނުދީ މޮޅުގޮތް ހޯދަން އުޅެން ހަދައިގެން ލިބުނީ ކިހާބޮޑު ދެރައެއް ހެއްޔެވެ. އެމްޑީޕީ ވެރިކަމުގައި މާލެ ސަރަހައްދުން ގޯތި ދިނީމާ މުއިއްޒު ލައްވާ ގޯތިތައް އިމާރާތް ކުރުވަން މުއިއްޒު ވެރިކަމަށް ގެންނައި މީހުނަށް މީރުކޮށް ރާކަނި މަސް ހުންނާނީ ކެވިފައެވެ.
ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަޅުފަޅުން ބަޔަކަށް ގޯތިދީ ދިންމީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކުރީގެ ސަރުކާރުންވަނީ ރަޖިސްޓްރީ ވެސް ހަވާލުކޮށްފައެވެ. ގޯތި ދޭން ކަނޑައެޅި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ދިޔައީ ކުރިއަށެވެ. ކޮވިޑާގުޅިގެން އައިލޮޅުން ހަމަޖެހި ކަންކަން ކުރަން ލިބުނު ކުރުމުއްދަތުގައި އެތައްކަމެއް އެއްފަހަރާ ކުރަންޖެހުމުން ގޯތި ދިނުންވެސް އޮތީ ވެރިކަން ނިމުމުގެ ކުރީން މުޅިން ނިންމާ ނުލެވިއެވެ. ކުރީ ސަރުކާރުން ދިން އެއްޗެއް އަތުނުލާނެ ކަމަށް ބުނެ ދޮގު ވައުދު ވެގެން ވެރިކަން ހޯދުމަށް ފަހު މުއިއްޒު އެ ދަނީ ވައުދަ ހިލާފު ވަމުންނެވެ.
އެކިފަހަރު އެކި ބަހާނާ ދައްކައިގެން މާލޭ ސަރަހައްދުން ގޯތިތައް ނުދީ ލަސްކޮށް ފަސްކުރަމުން އައީ މަޖިލީހުގެ މެޖޯރިޓީ ލިބެންނދެނެވެ. މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު އެ ދިމާކުރީ ބަޔަކަށް ލިބިފައިވާ ގޯތިތައް ނުދޭށެވެ. ދިނުމުގެ ކިރިޔާވެސް ނިޔަތް އޮތްނަމަ އެހާ ހާސަރެއް ނުދަމާނެއެވެ. ލަހެއް ނުކުރާނެއެވެ. އެއްވެސް މީހަކު ހިތަކު ނުޖައްސާނެއެވެ.
"މާލެއާއި ރަށްރަށުގެ ލައްކައެއްހާ މީހުންނާ މާލޭސަރަހައްދުން ދިން ގޯތިތަކާ ގުޅިފައިވާކަން ސަރުކާރަށާއި މަޖިލީހަށް ނޭނގުމަކީ ރީތި ބޮނޑިއެއް ބޮވޭވަރުގެ ކަމެއް. އެންމެ ގާޒީއަކާއި ހުރެ ވެރިކަމެއް ނިމިދިޔަ ގޮތްވެސް ދިވެހިން ވަނީ ތަޖުރިބާ ކޮށްފަ"
ގާނޫނާ ހިލާފޭ ހޮޅިމައްޗޭ ނުހިއްކައޭ ކިޔަނީ ގޯތިތައް ނުދޭން ވެގެންނެވެ. ބޭނުންވާ ކަމެއް ކުރަންވީމާ ގާނޫނެކޭ ކިޔައިގެން ބަހަނާއެއް ނުދައްކައެވެ. ގޯތިތައް ދިނުމުގެ ކުޑަވެސް ނިޔަތެއް މުއިއްޒުގެ އޮތްނަމަ 3 މަސްތެރޭގައި ގޯތި ދިނުމަށް ފާސްކޮށް ތަންފީޒު ކުރަން ކުރިން އޮތް މަޖިލީހުން ފޮނުވި ގާނޫނު ތަސްދީގުކޮށް އަވަހަށް ތަންފީޒުކޮށް ގޯތިތައްދީ ނިންމީހެވެ. ބިލް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލީ ގޯތިތައް ނުދޭންވެގެންނެވެ. އަނބުރާ ފޮނުވާލި ގާނޫނު ކޮމެޓީއަކަށް ފޮނުވައިގެން އިސްލާހު ކުރުމުގެ ފުރުސަތު އޮތެވެ. ސައްޕުޖަހާ ތަޅުމުން ބޭރު އެކޮށްލީ މުއިއްޒުގެ ބިޔަ ބޮޑު މެޖޯރިޓީ އޮވެއެވެ. މާލެ ސަރަހައްދުން ގޯތި ނުދޭން ވެގެންނެވެ.
ކުރަން ބޭނުންވާ ކަމެއް ކުރުމަށް ޒާތްޒާތަށް ގާނޫނީ ހުއްޖަތް ނެރެގެން ލަސްކޮށް ފަހެއް ނުކުރާނެއެވެ. ނުހިއްކާ ތަންތަނުންވެސް ގޯތި ދީފައި އެބަހުއްޓޭ ކިޔައިގެންވެސް ބަހަނާ ދައްކަނީ ގޯތި ނުދޭންވެގެންނެވެ. ގޯތި ދޭން ބޭނުން ނަމަ ނުހިއްކާ އޮތިއްޔާ ހިއްކާފާވެސް ބަލާނީ އަވަހަށް ގޯތިތައް ދެވޭތޯއެވެ. އެހެން ނޫނަސް ރާއްޖެއަކީ މޫދާ ބާޑިން ގޯތި ދިނުމުގެ ތާރީހެއް އޮތްތަނެކެވެ. މާލެއާއި ތުޅާދުއާއި ހިންނަވަރާއި ކަނދޮޅުދޫ ފަދަ ރަށްރަށު މީހުނަށް މޫދުން ގޯތި ދިނުމަކީ އައުކަމެއް ނޫނެވެ. އަމްދުން މި ޒަމާނަކީ މޫދު ގެއަޅާ އުޅޭ ޒަމާނެވެ.
ހައްގު ނޫން މީހުނަށް ދީފާ ހުރިކަމަށް ބުނެ ބަހަނާ ދައްކަނީ ވެސް ގޯތި ނުދޭން ވެގެންނެވެ. މާލެއަށް ނިސްބަތްވާ 9000 މީހުނަށް ދޭން ކަޑައެޅި ގޯތިތަކަކީ އެނމެ ނުވަހާސް މީހުންނާ ގުޅިފައިވާ ގޯތިތަކެއް ނޫނެވެ. މާލެއާއި ރަށްރަށުގެ ލައްކައެއްހާ މީހުންނާ އެ ގޯތިތަކާ ގުޅިފައިވާކަން ސަރުކާރަށާއި މަޖިލީހަށް ނޭނގުމަކީ ރީތި ބޮނޑިއެއް ބޮވޭވަރުގެ ކަމެކެވެ. އެންމެ ގާޒީއަކާއި ހުރެ ވެރިކަމެއް ނިމިދިޔަ ގޮތްވެސް ދިވެހިން ވަނީ ތަޖުރިބާ ކޮށްފައެވެ.