ލާފާނެ ޖަލަކަށް ކޮށްފާނެ ޖުރުމަނާއަކަށް ނުބަލާ ހަގީގަތް ހާމަކުރާނީ ކެރިގެން

މުއިއްޒަށް ކޮންޓްރޯލް ކުރެވޭނީ މުއިއްޒުގެ ކުލީ މީޑިއާތައް!

ލާފާނެ ޖަލަކަށް ކޮށްފާނެ ޖުރުމަނާއަކަށް ނުބަލާ ހަގީގަތް ހާމަކުރާނީ ކެރިގެން

މީޑިއާ ކަސްތަޅު ބިލުގައި އެހެރަ އަދަބުތަކާއި ފިއްތުންތައް މިނިވަން މީޑިއާ އޮންނަގޮތް އެނގޭ ކޮންމެ މީހަކަށް ވެސް ފެންނާނެއެވެ. މުއިއްޒަކީ ރަނގަޅު ނިޔަތުގައި ކަމެއް ރަނގަޅު ކުރަން އުޅޭ މީހެއްނޫނެވެ. މާ މަތި އޮމާންކޮށްގެން ރައްޔިތުން ތެރެއަށް ނިކުމެ މުއިއްޒު ކޮންމެ ވާހަކައެއް ދެއްކިޔަސް ހަގީގަތަކީ އެއީ ނޫންކަން ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ޖަމާއަތްތަކުންނާއި ރާއްޖޭގެ ނޫސްވެރިންނާއި ޖަމާއަތްތަކުން އެދަނީ ހާމަކޮށް ދައްކަމުންނެވެ. 

ލާފާނެ ޖަލަކަށް ކޮށްފާނެ ބަންދަކަށް އަޅާފާނެ ހުރަހަކަށް ބެލުމެއްނެތި ހަގީގަތް ހާމަ ކުރަންކެރޭ މީހުން މި ރާއްޖޭގައި މިހާރަކު މަދެއްނުވާނެއެވެ. މައުމޫނުގެ ދިގު ތިރީސް އަހަރުގެ މުގައްދަސުވެރިކަން ހަމަ ބިމަށް ތިރިކޮށް ޑިމޮކްރެޓީކް ވެއްޓެއް ރާއްޖެއަށް ގެނުވުމުގެ ހަގީގީ ބަޔަކީ ނޫސްވެރިންނާއި ލިޔުންތެރިންނެވެ. ސަންދާނާއި ޑީއޯއާއި އައްޑުވަހާއި މިނިވަން ނޫސްފަދަ ނޫސްތަކުގެ ހިއްވަރާ ފަންވަރުންނެވެ. އޭރުވެސް ކުލީ ބައިގަޑެއް ގޮތުގައި ހަވީރު އާއި އާފަތިސް އާއި މިއަދު ފަދަ ނޫސްތައް މައުމޫނު ދިފާއުކޮށް ސަނާކިޔަން އޮތެވެ. 

ހަމަ އެގޮތަށް ނުވަތަ އެއަށްވުރެވެސް ގަދައަށް މުއިއްޒުގެ ނުބައި ނުލަފާކަން ހާމަކޮށް ދެއްކުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިނުލާ ހިތާއި ރޫހުން މަސައްކަތް ކުރާނެ ނޫސްވެރިންނާއި ލިޔުންތެރިން މިއަދު މާގިނައެވެ. ވަސީލަތްތަކާއި ވައްތަރުތައް މިއަދު މާގިނައެވެ. ކިތަންމެ ވަރުގަދަ ގާނޫނެއް ހަދައިގެންވެސް މިނިވަން ކަމާއެކު ހައްގު ބަސްބުނާ ނޫސްވެރިންނާއި ނޫސްވެރިކަމެއް މުއިއްޒަކަށް ހުއްޓުވައެއް ނުލެވޭނެއެވެ. މިނިވަން ނޫސްވެރިން ހުސްކޮށެއްވެސް ނުލެވޭނެއެވެ. މުއިއްޒަށް ކޮންޓްރޯލް ކުރެވޭނީ މުއިއްޒުގެ ކުލީ ގަލަންތަކެވެ.  

މުއިއްޒުގެ ހުރި ނުބައި ނުލަފާކަން ދެކިބަލާށެވެ. މީޑިއާ ކަސްތަޅު އަޅާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން އުޅޭއިރު އޭގައި އޮތީ ކޮންވާހަކަ ތަކެއްކަންވެސް މުއިއްޒަށް އެނގޭ ކަމަކަށް ނުހެދިއެވެ.  މީޑިއާ ކަސްތަޅު ބިލުން މުއިއްޒަށް ފެނުނީ އެބިލް ގާނޫނަކަށް ވުމުން އުފެދޭ ކަމިޝަންގެ ރައީސް އައްޔަނު ކުރުން މުއިއްޒަށް އޮތް ތަންކޮޅު އެކަންޏެވެ. 

މީޑިއާ ކޮންޓްރޯލް ކުރަން ބޭނުންވާ މީހެއް ނޫންކަމަށް އަނގަފުޅާކޮށްފައި މުއިއްޒު ބުނާއިރު ހައްތަހާ ތިބީ ގަމާރުންނޭ މުއިއްޒަށް ހީވަނީ ހެއްޔެވެ. ތިމަންނާއަކީ މީޑިއާ ކޮންޓްރޯލްކުރި މީހެއް ނޫނޭ، މީޑިއާ ކޮންޓްރޯލް ކުރާނެ މީހެއް ނޫނޭ މުއިއްޒު ބުނީމާ ގަބޫލުކުރާނީ ކާކުހެއްޔެވެ. މީޑިއާތައް ޒިންމާދާރު ކުރުވުމުގެ ނަމުގައި މީޑިއާތައް ކަސްތަޅު އަޅުވަން މުއިއްޒު ކުރާ މަސައްކަތް އޮޅިގެން އުޅޭ އެކަކުވެސް ނެތެވެ. ހަމަހިލާ އެކަމެއް ކާމިޔާބެއް ނުވާނެއެވެ.