ވެރިކަމުގެ މަސްތުގައި ދައުލަތް ރޭޕްކުރުން

މަޖިލީހުގެ ބަސް ހޯދަންޖެހޭނީ 12 މޭލުގެ ސަރަހައްދަށް ބަދަލު އަންނަ ނަމަ: އޭޖީ

ވެރިކަމުގެ މަސްތުގައި ދައުލަތް ރޭޕްކުރުން

ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ބޭނުން ނުވާ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.

އިމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރަބިއުނަލް (އިޓްލޮސް)ގައި ރާއްޖެއިން ވަކާލާތުކޮށްފައި ވަނީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ނޫން ކަމަށް ބުނެ ބަންޑަރަނައިބު އިބްރާހީމް ރިއްފަތު މަގާމުން ވަކިކުރަން މަޖިލީހަށް އިދިކޮޅު މެންބަރުން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުމުން ޖަވާބުދާރީވެ ވަޑައިގަތީ ލިޔުމުންނެވެ. 37 ނުކުތާއެއްގެ މައްޗަށްް ލިޔުއްވި އެ ޖަވާބުގައި ރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ އިގުތިސާދީ ސަރަހައްދަކީ ކޮބައިކަން ސާފުކޮށް ދެއްވާފައިވެއެވެ. 

އިތުބާރު ނެތް ކަމަށް އިދިކޮޅުން ފާހަގަކުރާ އެއް ކަމަކީ، ފުށުއަރާ ސަރަހައްދު ބެހުމުގައި މަޖިލީހުގެ ބަހެއް ނެތި ރާއްޖޭގެ ސަރަހައްދުން "ބައެއް ދޫކޮށްލި" ކަމަށް ބުނާ ބުނުމެވެ. އެ ވާހަކަ ތަކަށް ރައްދު ދެއްވާ ރިއްފަތު ވިދާޅުވީ ކަނޑުތަކާ ބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ (ށ)ގައި ބުނާގޮތުން ، ހާއްސަ އިގްތިސާދީ ސަރަހައްދަށް ބަދަލު ގެނައުމަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައި ކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނެއް ބޭނުންވަނީ އޭގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނަ ނަމައެވެ. ރާއްޖޭގެ ސަރަހައްދަކީ، ބޭސްލައިން ތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް ކަމުން މަޖިލީހުގެ ބަހެއް ހޯދަން ޖެހެނީ އެ ސަރަހައްދަށް ބަދަލު އަންނަ ނަމަ ކަމަށް ވިދާޅުވެފައި ވެއެވެ.

" މައްސަލައަކީ އެ 12 ނޯޓިކަލް މޭލުގެ ސަރަހައްދަކަށް ނުވާތީ އާއި އަދި މި މައްސަލައިން އެ ސަރަހައްދަށް އެއްވެސް އަސަރެއް ނުކުރާނެތީ، އެކަމަށްޓަކާ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރާކަށް ނުޖެހޭ،" ކަމަށް ލިޔުމުން ދެއްވި ޖަވާބުގެ ހަވަނަ ނުކުތާގައި ވެއެވެ.

ބަންޑާރަ ނައިބު މަޖިލީހަށް ފޮނުއްވެވި ރައްދުގައި ފުރަތަމަ ވެސް ފާހަގަކުރެއްވި ނުކުތާއަކީ ރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުން، އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދުގެ ކަނޑާއި ކަނޑުގެ އަޑީގައިވާ ފަސްގަނޑަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަމަށެވެ. 

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅުމުގައި އެހެން ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާ ނަމަ، ފުށުއަރާ ދިމާއަކާ ބެހޭ ގޮތުން އެ ގައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ، ސޮއިކުރެވޭ އެގްރިމަންޓެއްގެ ދަށުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބޭރު ކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަށް ރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދު ތަކާބެހޭ ގާނޫނު ހުރަސް ނާޅާކަން ފާހަގަކުރެއްވިއެވެ. 200 ނޯޓިކަލް މޭލުގެ ސަރަހައްދު އެހެން ގައުމަކާ ފުށުއަރާ ނަމަ، މުޅި އެ ސަރަހައްދު ރާއްޖެއަށް ނުލިބޭނެކަން ވަރަށް ސާފުކޮށް އެ ގާނޫނުން ހާމަވާކަން ފާހަގަ ކުރެއްވިއެވެ. 

އިޓްލޮސްއިން ކޮށްފައިވާ ހުކުމުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ފުށުއަރާ ސަރަހައްދުން މޮރިޝަސްއަށް ވުރެ ބޮޑު ބައެއް ރާއްޖެއަށް ވަނީ ލިބިފައެވެ. ރާއްޖޭގެ ގާނޫނުގައިވާ ގޮތަށް ދެކުނުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަނޑައެޅި ފުށުއެރުމުގެ ބޮޑުބައި ބައިނަލްއަގުވާމީ ޓްރައިބިއުނަލަކުން ހައްލުވެގެން ދިޔަ ދިޔުމަކީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބޮޑު ބައެއް ވިއްކާލުން ކަމަށް ސިފަކޮށް އިދިކޮޅު ގުޅިގެން ދައުލަތް ރޭޕްކުރަނީ ވެރިކަމުގެ މަސްތުގައެވެ.