ކައުންސިލް ތަކުގެ ހަތަރެސްފައި ބަނދެ މޫދަށް

ވަކި މިނިސްޓްރީއަކުން ހުއްދަ ދިނީމާ ނޫނީ ކައުންސިލް ތަކަށް ކަމެއްނުކުރެވޭހެން އަތްބަނުން

ކައުންސިލް ތަކުގެ ހަތަރެސްފައި ބަނދެ މޫދަށް
ކުރީގެ އެޓޮލްސް މިނިސްޓަރ: ހަމީދު

ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކަކީ މިނިވަން މުސްތަގިއްލު މުއައްސަސާ ތަކެކެވެ. ކައުންސިލް ތަކަށް ދީފައިވާ ގާނޫނީ ބާރުތަކުން އެ ކައުންސިލެއްގެ އިހުތިސާސް ހިނގާ ހުރިހާ ހިސާބަކަށް ގޮތް ނިންމާނީ ކައުންސިލުންނެވެ. މާލޭގައި ހުންނަ މަރުކަޒީ އިދަރާއަކުން ނޫނެވެ.

ފަހަރެއްގައި ވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ކައުންސިލްތަކުގެ ބެލެނި ވެރި ފަރާތެއް ނޫނެވެ. ކައުންސިލްތައް ހިނގަނީވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓިގެ ދަށަކުން ނޫނެވެ. އެލްޖީއޭގެ މަސައްކަތަކީ ކައުންސިލް ތަކަށް އެހީތެރިވުމާ އެއް އުސޫލަކުން ކައުންސިލްތައް ހިންގުމުގައި ފަންނީ ގޮތުންނާއި ގާނޫނީ ގޮތުން އެހީތެރިވެ ދިނުމެވެ. އެލްޖީއޭ އަކީ ކައުންސިލްތައް ހިންގުމާ ބެހޭ ބައެއް ނޫނެވެ. ކައުންސިލްތަކަށް ފިޔަވަޅު އަޅާ ބައެއްވެސް ނޫނެވެ. ޕްރޮޖެކްޓް ކޯޑިނޭޓަރެއް ވެސް ނޫނެވެ. 

ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ވިސްނުން ހުރީ ކައުންސިލް ތަކުގެ ބާރުވެރިކަމާ ދެކޮޅަށެވެ. ކައުންސިލްތައް ބަލަހައްޓަން ސަރުކާރުގެ ހާއްސަ މިނިސްޓްރީއެއް އުފެއްދުމަށެވެ. އެ މިނިސްޓްރީގެ ތުބުން ވެއްޓޭ ބަތްފުށް ހޮވާކާން ތިބޭ ބަޔަކަށް ކައުންސިލްތައް ހަދާށެވެ. 

ގާނޫނު އަސާސީން ކައުންސިލް ތަކަށް ލިބިދީފައިވާ ބާރުތައް ނަގާ މިނިސްޓްރީއެއް ހަދާ އެ މިނިސްޓްރީއަކުން ހުއްދަ ދިނީމާ ނޫނީ ކައުންސިލް ތަކަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ކައުންސިލް ތަކުގެ އަތްބަންނަން އެހުރީ ދިމާ ކޮށްފައެވެ. ގަނޑުކޮށްނާ ވަކިވަކީން ކައުންސިލްތައް ސަސްޕެންޑް ކުރި ޒަމާން އަނބުރާގެންނަން އެހުރީ ފޫގަޅާފައެވެ. 

މުއިއްޒު އުފައްދާނީ ނަމުގައި އެޓޮލްސް މިނިސްޓްރީއެއް ނޫނެވެ. އާހިރުގައި ހުރިހާ ކައުންސިލްތައް ފިތި ހުރިހާ ކައުންސިލަރުން ތިބެނީ އެ މިނިސްޓްރީގެ ދިގުގޮނޑީ ކިޔުގައެވެ. ހެންވޭރު މީނާޒުގެ ވަލުދޮރާށީގައި ކަތީބުން ކިޔުޖެހުނުހެން ރަށްރަށަށް ބޭނުންވާ ކަންކަން ކުރުމަށް ވަކި މިނސްޓަރަކަށް އާދޭސް ދަންނަވާ ކަށިކެޔޮ ގަނޑާ މަދު ކޮތަޅު ދީގެން ކަންކަން ކުރުވި ޒަމާން މާޒީ ވެފައިވާކަން މުއިއްޒަކަށް ނޭނގެއެވެ. 

ރަށްރަށުގައި ކަންކަން ކުރުމަށް ސަރުކާރުގެ އިދާރާ ތަކަށް ސީދާ ކައުންސިލް ތަކުން ދާދިޔުން ހުއްޓުވާ ވަކި މިނިސްޓްރީއަކުން ކޮށްދިން ކަމެއް ނޫނީ ނުކުރެވޭ ގޮތަށް މިހާރުއްސުރެ ރާވަން އެއޮތީ ވިސްނާފައެވެ. ރައިސުލްޖުމްހޫރިއޔާއާއި ކައުންސިލްތަކާ ދެމެދުގައި ވަރަށް ބޯ ފަށަލައެއް ލައިގެން ރައީސަށް ކައުންސިލްތަކުން ސީދާ ބަސް ދެންނެވެން އޮތްމަގު އެ އުޅެނީ ބަންދު ކުރާށެވެ.

މުއިއްޒުގެ މި މަކަރުވެރި ރޭވުން ހުއްޓުވަން ކައުންސިލު ތަކުން މުއިއްޒަށް ނޫނެކޭ ބުނަން ޖެހެއެވެ. ކައުންސިލް ތަކުގެ ހަތަރެސްފައި ބަދެ މޫދަށްލާ ފަތަން ޖެއްސުމުގެ ކުރިން އެއްވާނަކަށް މުއިއްޒަށް ނޫނެކޭ ބުނެގެން ނޫނީ ރައްޔިތަކަށް ރަށަކަށް އޮތް ރަނގަޅެއް ނެތެވެ. ވަކި ޕާޓީއެއް ނެތި ކޮންމެ ކައުންސިލަރަކު ވެސް ދިގުގޮނޑީކޮޅުގައި ނުތިބެވާނެ ގޮތެއް ހަދަން މަޖުބޫރެވެ. ވަކިގެއެއްގެ ވަލުދޮރާށީގައި ކިޔު ހަދައިގެން ތިބެން ނުޖެހޭނެ ގޮތެއް ހަދަން ޖެހެއެވެ.