އަންހެން ފަނޑިޔާރުންނާ ދެކޮޅު ސަރުކާރުން އަންހެނުން ބާރުވެރި ނުކުރާނެ!
ބޯކޯހަރާމް ވިސްނުމުގެ މުއިއްޒު ބާރުވެރިކުރުވަނީ ސާޖިދާ!

- ބޯކޯ ހަރާމް ވިސްނުމުގެ ބަޔަކަށް އަންހެނުން ބާރުވެރިއެއް ނުކުރެވޭނެ
ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި މުއިއްޒު ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ މުޖުމަތައުގައި އަންހެން ދަރީންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށް ދިނުމެވެ. ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމެވެ. އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމެވެ. އެކަމަކު އެކަން އޮތީ އެހެން ހެއްޔެވެ.
މުއިއްޒު ސަރުކާރުގެ އަމަލުހުރީ އަންހެނުން ބާރުވެރި ކުރުވުމުގެ މަގަކަށް ނޫނެވެ. 22 ވަޒީރުން ހިމެނޭ މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ތިބެނީ އެންމެ ދެ އަންހެނުންނެވެ. ޕީއެންސީގެ މެގަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގައި ސީދާ ޕީއެންސީއަށް ނިސްބަތްވާ 70 އަށްވުރެ ގިނަ މެންބަރުން ތިބިއިރު އެ މަޖިލީހުގައި ތިބީ އެންމެ 3 މެންބަރުންނެވެ. ފ. ނިލަންދޫ ދާއިރާގެ ގޮނޑިއަށް ރައީސް މުއިއްޒުގެ ކޮއްކޮ ސައުދާ ހޮވަން އުޅުނު ވަރަށް އެހެން ގޮނޑި ގޮނޑިއަށް އަންހެނުން ހޮވަން ސަރުކާރު ބަންޑުން ޖަހާލިނަމަ ގައިމުވެސް މަޖިލީހަށް ހޮވޭނީކީ އެންމެ 3 އަންހެނުންނެއް ނޫނެވެ.
ލޯކަލް ގަވަރނަންސްގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އެމްޑީޕީ ސަރުކާރުން އިސްކަންދީ ކޮންމެ ކައުންސިލެއްގައި ވެސް އަންހެނުނަށް ގޮނޑިތަކެއް ގާނޫނުން ލާޒިމުކުރުވާ ހާއްސަކުރުވިއެވެ. އެހެންނަމަވެސް ކައުންސިލްތައް ކުޑަކޮށް ފުލްޓއިމް ދެ މެންބަރުންނަށް ކައުންސިލުގެ ބާރު ކަނޑާލުމަށް ނިންމުމަކީ ރައީސް މުއިއްޒު އަންހެނުން ބާރުވެރި ކުރުމަށް ކުރައްވާ ކަމަކަށް ވާނެހެއްޔެވެ. އަންހެނުން ތަރައްގީކުރާ ކޮމެޓީ މެންބަރުންނަށް ރަމްޒީ މުސާރައެއް ދިނުމަކީ އަންހެނުން ބާރުވެރި ކުރުމަށްވުރެ ސިޔާސީ ސަޕޯޓަރުން އިތުރުކުރަން ކުރި ކަމެކެވެ. ގާނޫނީ ގޮތުން ލާޒިމުނުކޮށް ހެޔޮފުޅުކަމުން މުސާރައެއް ދިނުމަކީ އަޅުވެތި ކުރުމެވެ. ބަނދެލުމެވެ.
ރާއްޖޭގައި ޝަރީއަތާއި ގާނޫނީ ރޮގުން ކިޔަވާ އަންހެނުން އިންތިހާއަށް ގިނައެވެ. ކިޔަވާ ނިމިގެން އަމަލީ މައިދާނުގައި އުޅޭ އަންހެނުންވެސް އެހާ ގިނައެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ލީގަލް އޮފިސަރުންގެ ގޮތުގައި ނޫނީ އަންހެނުން ތިބެން ހުއްދަވެގެންވާ ކަމަކަށް މުއިއްޒުގެ ދީނީ ސަރުކާރުން ނުދެކެއޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. އަމްދުން ޝަރީއަތާއި ގުޅުންހުރި ނިންމުމެއް ނިންމަން އަންހެނަކު އިނުމަކީ ހުއްދަނޫން ކަމެއްކަމަށް ޕީއެންސީއަށް ނިސްބަތްވާ އިސްމީހުން ވަކާލާތު އެބަކުރެއެވެ.
ސްޕްރީމް ކޯޓުގައި އަންހެން ފަނޑިޔާރުން ތިބުމަކީ ލާދީނީކަމަކަށް ހަދައިގެން މުއިއްޒުގެ ސަރުކާރަށް ނިސްބަތްވާ އެތައް ބަޔަކު އެބަ ވަކާލާތުކުރެއެވެ. ފަނޑިޔާރުންގެ ގޮތުގައި އަންހެނުން ތިބުމަކީ އިސްލާމީ ދައުލަތެއްގައި ކޮންގެންވާނެ ކަމެއްނޫންކަމަށް ފަތުވާ ނެރުވައިގެން އެކަން ޕްރޮމޯޓްކުރާ ސަރުކާރަކުން އަންހެނުން ބާރުވެރިއެއް ނުކުރެވޭނެއެވެ. ބޯކޯ ހަރާމް ވިސްނުމުގެ ބަޔަކަށް އަންހެނުން ބާރުވެރިއެއް ނުކުރެވޭނެވެ.
ސަރުކާރުގެ ހުރިހާ ކަމަކަށް ދަނޑިބާނާ ގާނޫނާ ހިލާފަށް ސިވިލްސާވިސްގެ މަގާމެއް ހިސޯރުކޮށްގެން އުޅޭ ބާރުވެރި އަންހެނަކީ ސާޖިދާއެވެ. ބޭނުންވަރަކަށް އާއިލާގެ ވަންހަ ދިލަކޮޅަށާއި ރައްޓެހިންނަށް ސިޔާސީ ވަޒީފާދެވޭ ބާރުވެރި އަންހެނަކީ ސާޖިދާއެވެ. ސާޖިދާ ބޭނުންނުވާ ކުޑަވެސް ކަމެއް މިހާރުގެ ސަރުކާރަކުން ނުކުރެވޭނެއެވެ. ސާޖިދާ ނުރުހިއްޖެ ކޮންމެ އަންހެނަކު ޝަމްނާޒްހެން ޖެހޭނީ މަގާމު ދޫކޮށް ޖަލުގޮޅިން ގެއަށްދާށެވެ. އަންހެނުން ބާރުވެރިކުރުމުގެ ނަމުގައި މުއިއްޒު ސަރުކާރަށް ބާރުވެރިކުރެވޭ އަންހެނަކީ ހަމައެކަނި ސާޖިދާއެވެ.