ވެރިކަމާހުރެ ގައުމިއްޔަތަކީ އަޅުކަމަކަށް ނުހަދާ!

މޭގައި އަތް އަަޅައިގެން ދިދައަށް ކުރުނީސް ކޮއްގެން އަޅުކަމެއްހެން މުވައްޒަފުން ލައްވާ ޑްރާމާ ކުޅުވަނީ

ވެރިކަމާހުރެ ގައުމިއްޔަތަކީ އަޅުކަމަކަށް ނުހަދާ!

އިސްލާމް ދީނާ ގައުމިއްޔަތަށް ހުރުމަތްތެރިކޮށް ހިތާނަމަ ތިމާމެން ހަދަން ބޭނުންވާ މަކަރާ އޮޅުވާލުމާ ދޮގަށްޓަކާ، މާތްވެގެންވާ އިސްލާމް ދީނާއި ގައުމީ ދިދައާއި ގައުމީ ސަލާމުގެ ބޭނުން ހިފަން ޖެހިލުން ވާނެއެވެ.

ވޯޓުގެ އެދުމުގައި އިސްލާމް ދީނާއި ގައުމީ ސަލާމާއި ގައުމީ ދިދަ ބޭނުން ކުރަން ކެރޭ ބަޔަކަށްވުރެ ދީނާ ގައުމިއްޔަތަށް އިހާނެތި ކުރާ ބަޔަކު ނޫޅޭނެއެވެ.

އުޅޭ އުޅުމުން އެހެން މީހުންނަކާ ތިޔައިން އެކަކުވެސް ތަފާތެއް ނޫނެވެ. އެކަމަކު ބޭނުންވާ ކަމެއް ކުރުމަށްޓަކާ، ދީނާ ގައުމުދެކެ ލޯބިވާ ވަރުން ލޮލުފިޔަ ޖެހޭ ކަމަކަށް ނުހަދައެވެ.

ދުނިޔެވީ އަދި އުޚުރަވީ އެންމެ މުގައްދަސް އަދި ހުރުމަތްތެރި ކަންކަން ނީލަމަށް ލައިގެން އޭގެ ފޭކް އަވާގައި ރައްޔިތުން ޖައްސައިގެން ތިމާގެ ހިޔަނި ބޮޑުކުރާ ބަޔަކަށްވުރެ ވަކިން ބޮޑަށް ދީނާ ގައުމަށް ފުރައްސާރަ ކުރާ ބަޔަކު ވެސް ނޫޅޭނެއެވެ.

މާސިންގާ ފަލަ ދަގަނޑު ކުނބަކަށް ނަގާފައި ހުންނަ ދިދައަކީ ގައުމީ ދިޔަޔަސް ނުވަތަ ކްލަބް ޖަމިއްޔާއެއްގެ ދިދައެއް ކަމުގައި ވިޔަސް އެއީ އޭގެ ޒާތުގައި ދިރުމެއް ނެތް ހިލަ ގަނޑެއް ފަދަ އެއްޗެކެވެ.

ރަށްރަށުގައި ބޮޑު ހިލަ ޖެހުމަކީ ޝިރުކެއް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކު ހެނދުނު ގޮސް ރަށުގެ ބޮޑުހިލަ ކަނޑުތޮއްޓާ ދިމާއަށް ހުއްޓި މޭގައި އަތް އަަޅައިގެން އޭމިއޮއް ފެންނަ ބޮޑު ހިލަ ތޮއްޓާއޭ ތިބާއޭ.. އަޅާއޭ ރަށުރައްޔިތުން ގޮވަންވީމާ އެކުރަނީ ޝިރުކު ފަދަ ކަމެކެވެ. ބުދު ވެސް ބުދަށް ވަނީ ބަޔަކު އެއަށް އަޅުކަން ކުރީމައެވެ. ގައުމީ ލޯތްބަކީ ލޯބީގެ ލަވަތަކުގައި ޅެންވެރިން ފަރުބަދަ ފާރޮއްޓަށް ހަނދާހެން އޮންނަކަމެކޭ ހީވަނީތާއެވެ.

ރައީސް މުއިއްޒު ހުވާކުރި ދުވަހު ގައުމިއްޔަތުގެ ޑްރާމާ އޯވަރ ވެގެން ގޮސް ފަޟީޙަތްވީ، އޭމިހިރަ ދިދައާއޭ ގޮވި ހިސާބުންނެވެ. ދިވެހި ދިދައަށް ރައްޔިތުން ނުކުރާ ގަދަރެެއް، އިހްތިރާމެއް ކުއްލިއަކަށް އައި މުއިއްޒެއްގެ ހިތުގައި އޮންނާން ޖެހޭ ސަބަބެއް ނެތެވެ. ފޭކް ޖައްސަން ވާނީ އެހެން މީހުންނަށް ޝައްކު ނުވާ މިންވަރަށެވެ.

މުންކަރާތް އާންމުވުމަށްވުރެ ބޮޑު، އަނެއް ނުރައްކަލަކީ އެނގި ތިބެ މުންކަރާތް ނަހީނުކޮށް ތިބުމެވެ. ދެއްވި ބޮޑު މަގާމުގައި ބަގުޑިލައިގެން ތިބޭ ޝޭޚުން ގިނަ ވުމެވެ. ޝޭޚް ސަމީރާއި ޝޭޚް ޢަލީ ޒާހިރު އެ ތިއްބެވީ މިކަންކަން ހުއްދަ ކުރައްވައިގެން ހެއްޔެވެ؟ 

ހުރިހާ ކަމަކަށް ތޮރުފޭ ޝޭޚެކޭ ކިޔާ އަލީ ޒައިދާ ކުރީގެ ލަވަކިއުންތެރިޔާ ޢަލީ ރަމީޒާ ސަލަފްޖަމިއްޔާ ވެސް އެތިބީ ހައްޕު ކިޔައިގެންނެވެ. ނަތީޖާ އެއްގެ ގޮތުން ބޯފަންކޮށް ހުންނަ ކުރެންދޫ އަބްދުއްލާ ކަހަލަ މީހުން ހެނދުނު ހެނދުނާ ކުރާ ކަމަކީ ގޭސް ކުންފުނީގެ މުވައްޒަފުން ލައްވާ ގައުމިއްޔަތުގެ ނަމުގައި ގޭސް އެނބުރުމެވެ. 

މޭގައި އަތް އަަޅައިގެން ދިދައަށް ކުރުނީސް ކޮއްގެން އަޅުކަމެއްހެން މުވައްޒަފުން ލައްވާ ޑްރާމާ ކުޅުވަނީއެވެ. 

ދީނާ ގައުމޭ ކިޔައިގެން ރައްޔިތުން ވާވައްދާ ނަމަ އެބައެއްގެ ކިބައިން ލަސްނުވެ ސަލާމަތްވުމަކީ ދީނާ ގައުމަށްޓަކާ ކުރަން އެންމެ އައުލާ އެއްކަންތަކެވެ.