ވެލާނާ އެއަރޕޯރޓް ޓެކްސީ ކިއުގެ ބޮލުރިހުން
އެއަރޕޯރޓަށް ހުސްވާ ވެހިކަލަށް ކިއުން މީހުން އަރުވައިގެން ދިއުން މަނާ
މާލެއާ ހުޅުމާލެ ގުޅުވައިދިން ބްރިޖާއި، ހައިވޭގެ ކާރޫ ބާރޫ ބޮޑު ޓްރެފިކްގެ މެދުގަައި އޮތީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓެވެ. ތޮއްޖެހި ބަރާވެފައި އާބާދީގެ ދެފަރުބަދަ ދެމެދުގެ ވާދީއަކީ ހުޅުލެއެވެ. ފުރޮޅުމަތީގައި މި ދެފަރުބަދައިގެ މަތިން ސޮހެމުންދަނީ ގުނާ އަދަދު ނުކުރެވޭނެހާ ގިނަ އެއްގަމު އުޅަނދު ފަހަރެވެ.
ވެހިކަލެއްގައި ދާގޮތަށް ގޮސް ވީއައިއޭ ޓަރމިނަލް ކައިރީގައި އޮންނަ ޑްރޮޕްއޯފް ޕޮއިންޓަށް ފައިބާ ޓްރޮލީއަށް ލަގެޖް އެރުވުމަކީ ފުރާ ފަސިންޖަރުންނަށް މާބޮޑު އުނދަގުލަކާ ނުލައި ހިނގަހިނގާ އޮންނަ ހަރަކާތެކެވެ. ބޮލުގައި ރިހުމާއި ތަކުލީފާއި އުނދަގޫ ޖެހެނީ އަންނަ ފަސިންޖަރުން ވެހިކަލެއް ހޯދާ އޭގައި މާލެ ނުވަތަ ހުޅުމާލެއަށް ކުރަން ޖެހޭ ދަތުރުގެ ފެށުމެވެ.
ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެޖެހުނީ ކަންތަކާއެވެ. ހަނި ކިއުއެއްގައި ޓްރޮލީ ހިފައިގެން ހޭކެމުން ފިރުކެމުން އެތައް އިރަކު ގުޑި ނުލެވި ކޮޅަށް ތިބެން ޖެހެއެވެ. ބޮލާ ދިމާ ހިޔާ ވިޔަސް އަރިމަތިން އަތްވާއި ވާރެ ސެއްލައަށެވެ. މިއީ މިތަން ކުރިން ވެސް އޮތް ގޮތެވެ. ކުރިން މާމޮޅު ގޮތަކަށް އޮތް ކަމެއް މި ސަރުކާރުން ދެރަވަރު ކުރީއެއް ނޫނެވެ.
ދެންފަހެ! މިބުނާ ކިއު ބަލަހައްޓަން ތިބޭ ސްޓާފުން ހީވަނީ ސަރުކާރު ދެކެ ރައްޔިތުން ރުޅި އަންނާނެ ގޮތަށް އުޅުން އެއީ އެ މީހުންގެ ވަޒީފާ ބަޔާނުގައި އޮންނަ ކަމެއް ހެންނެވެ. ނޫނީ އެ ވާގޮތަކީ ހާސްކަން ބޮޑު ކިއުއެއް ބަލަހައްޓަން ހަދައިގެން ބޯހާސްވަނީއެވެ.
ތޮއްޖެހި ބާރު ބޮޑުވިޔަސް އެއަރޕޯރޓަށް ހުސްވާ ވެހިކަލަށް މި ކިއުގައި ތިބޭ މީހުން އަރުވައިގެން ދިއުން މަނަލެވެ. އެކަމަކާ ހެދި އެއަރޕޯޓަށް މީހުން ބާލާފައި ވެހިކަލް ދާންވީ ހުހަށެވެ. އޭރު ކިއު އޮންނަނީ ޓެކްސީއެއް ނުލިބިގެން ގުޅަޖެހިފައެވެ.
އެންމެ ބޮޑު މައްސަލަ އަކަށް ފެންނަނީ އެއަރޕޯރޓުން ނުކުންނަ ވެހިކަލް ލައިން އޮންނަނީ އެއަރޕޯރޓުން ނުކުންނަން ބޭނުން މީހުންގެ ކިއުއާ ދުރުފަޅީގައި އެ ކިއުގައި ތިބި މީހުން ދާންވާ ކޮޅާ އިދިކޮޅުވާ ގޮތަށެވެ.
ހިތަށް އަރަނީ އެއަރޕޯރޓަށް ހުސްވާ ގޮތަށް މީހުން ގޮވައިގެން އަންނަ ވެހިކަލްތައް މިހާރު ދުއްވާ ފަޅިނޫން އަނެއްފަޅިން ވަދެ ޑްރޮޕްއޯފް ޕޮއިންޓަށް މީހުން ބޭލުމަށްފަހު ނުކުންނަން ދާފަޅިއަކީ ޓެކްސީ ކިއު އޮންނަ ފަޅިކަމަށް ހެދޭނެ އެއްވެސް އިންތިޒާމެއް ހަމަޖެއްސިދާނެ ގޮތެއް އޮވެދާނެ ބާއެވެ.
އެހެން ހަމަ ޖެއްސިއްޖެ ނަމަ ފުރަތަމަ ވާނެ ކަމަކީ އެއަރޕޯރޓަށް މީހުން ބޭލުމަށްފަހު، ދާން ބޭނުންވާ މީހުން ނާރުވާ، ހުހަށް ދާންޖެހޭ ޖެހުން ނިމުނީއެވެ. އަދިހަމަ އެހެންމެ އެއަރޕޯޓަށް މީހުން ބޭލުމަށްފަހު އެ ވެހިކަލް ނުކުންނަން ދާއިރު އޮންނާނީ ޓެކްސީ ކިއުއާ އެއްކޮޅަށް، އެކިއު އޮންނަ ފަޅީގައި، މީހުން އަރުވައިގެން ނުކުންނަން ފަހިވާ ގޮތަށެވެ.
ކަމެއް ރަނގަޅު ވަނީ އެއްގޮތް ނެތިއްޔާ އަނެއް ގޮތުން ވިޔަސް ރަނގަޅު ކުރަން އުޅުނީމައެވެ. ވެހިކަލް ވަންނަ ލައިނާ ނުކުންނަ ލައިންގެ ފަޅި ބަދަލު ކޮށްލުމެކޭ، ނުބައި ކޮޅަށް ލައްވައިގެން ނުހިނގައިގެން އުޅޭ ބެޓްރީ ބުރިއެއްގެ ކޮޅު ބަދަލު ކޮށްލުމެކޭ ތަފާތެއް ނެތެވެ.