ބިދޭސީ މަސައްކަތްތެރިންނަށް ރާއްޖޭގައި ރައްކާތެރިކަމެއްނެތް!

ބިދޭސީ މަސައްކަތްތެރިންނަށް ރާއްޖޭގައި ރައްކާތެރިކަމެއްނެތް!

ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރ މުހައްމަދު އިބުރާހީމް (ކުޑޫ) ވިދާޅުވެއެވެ. އާދައިގެ މަސައްކަތް ކުރަން މާލެ އާއި އެހެން ރަށްރަށުގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު އެނގޭ ކަމަށް ވަނީ ހިތާމަވެރި ހާދިސާއެއް ހިނގީމާ ކަމަށް ކުޑޫ ވިދާޅުވެއެވެ. 

ވަރަށް ބޮޑު ތެދެކެވެ. ބިދޭސީ މަސައްކަތްތެރިންގެ ރައްކާތެރިކަމަށް އެއްވެސް މިންވަރެއްގެ އިސްކަމެއް ރާއްޖޭގައި ނުދެވެއެވެ. ބިދޭސީން ދިރިއުޅޭ ތަންތަނުގައި ހިތާމަވެރި ހާދިސާތައް ހިނގަނީ މަދެއްކޮށް ނޫނެވެ.

ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ނިދުމަށް ބޭނުންކުރި ތަނެއް އަދާހުލިވެ އެތައް ބަޔަކު މަރުވި ހާދިސާއެއް މާލޭގައި ހިނގިފަހުން އަދި މާގިނަ ދުވަހެއް ނުވެއެވެ. މިހާރަކު އެކަން ހަނދާންހުރި ވެރިއެއް މުއައްސަސާއެއް ރައްޔިތެއް ހުރިހެނެއް ހިޔެއްނުވެއެވެ. އެހާދިސާއާއި ގުޅިގެން ފިސާރި ބާރަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރާ ވާހަކަ ދެކެވުނެވެ. އެހެނެއް ކަމަކު ބިދޭސީ މަސައްކަތްތެރިން އުޅޭ ތަންތަނުގެ ހާލަތު ރަނގަޅެއް ނުވިއެވެ. އެއްދުވަހުން އަނެއް ދުވަހަށް ވަނީ ގޯހެވެ. 

ކޮވިޑްގެ ތެރޭގައި ވެސް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގެ ހާލަތު ދެނެގަތެވެ. ހައްލުތަކެއް ހޯދުމުގެ ވާހަކަ ދެކެވުނެވެ. އެކަށީގެންވާ ނަތީޖާއެއް ނުލިބި ކުރިން އޮތްބަޅަށް ކަންކަން އަނެއްކާވެސް ފެތިގެން ދިޔައީއެވެ. އިހުނަށްވުރެ އެންމެ ކަމެއްވެސް ރަނގަޅުނުވެ ކަންކަން ދިޔައީ ގޯހުން ގޯހަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ ހޯދުމުގެ ނަމުގައި ދާދިފަހުން ވެސް ހަރަކާތެއް ހިންގިއެވެ. ސިއްހީ މިންގަނޑަށް ނުފެތޭ ގޮތަށް ކާބޯތަކެތި ތައްޔާރުކުރުމާއި އިންސާނުން ދިރިއުޅެން ކަމުނުދާވަރުގެ ފެންވަރުގައި ހުރި އެތައް ތަނެއް ފާހަގަކުރެވުނު ކަމަށްވިއެވެ. އެހެނެއް ކަމަކު ފާހަގަ ކުރެވޭ ވަރުގެ ހެޔޮ ބަދަލެއް އައިތަނެއް ނުފެނުނެވެ. 

ފެންނަނީ ފުލުފުލުގައި ހިތާމަވެރި ހާދިސާ ހިނގާތަނެވެ. ބިދޭސީ މަސައްކަތު މީހުންނާ ގުޅޭ ކޮންމެވެސް ހިތާމަވެރި ހާދިސާއެއް ނުހިނގާ މަހެއް ދާނީ ހާލަކުންނެވެ. އިއްޔެރޭ ދިގުރަށުގައި ވެސް ބިދޭސީ މަސައްކަތްތެރިން ނިދާތަނެއް އަނދާ ހުލިވެ ފަސްމީހަކު މަރުވީއެވެ. ބިދޭސީ މަސައްކަތްތެރިން އުޅޭތަނެއްގައި ރޯވެ އަނދާ ހުލިވެ މަދު ބަޔަކު މަރުވިޔަސް އެއްޔަކީ މާ ބޮޑު ކަމަކަށް މިހާރަކު ނުވެއެވެ.

ވާނީވެސް އެހެންތާއެވެ. ބައެއް ދިވެހީން ބިދޭސީ މަސައްކަތް ތެރީންނާމެދު އިންސާނުންގެ ދަރަޖައިން ނުދެކޭ ކަމަށް ބުނުމަކީވެސް ގޯހަކަށް ނުވާނެއެވެ. ބިދޭސީ މަސަކަތު މީހުން ދިރިއުޅޭ ތަންތަނަކީ ބަކަރި ކޮށި، ކުކުޅުކޮށި ފަދަ ކޮށީގެ ގޮތުގައި ދެކެންޏާ އެހެން ނުވެއެއް ނުދާނެއެވެ.

މުސާރަ ނުދިނުމާއި ޖެހުނު ގޮތަކަށް ކައިބޮއި ނިދާއުޅެން ދޫވެފައި އޮންނަ އޮތުމުގެ ސަބަބުން ސިއްހީ ގޮތުންނާއި ދިރިއުޅޭ ތަނުގެ ރައްކާތެރިކަން ވަނީ ގެއްލިފައެވެ. އެހެން ނަމަވެސް ވަރިހަމަތާއެވެ. އަނެއްކާވެސް ތެޅެގަންނާނީ ހިތާމަވެރި ހާދިސާއެއް ހިގާ އެތައް ބަޔަކު މަރުވެ ބައިނަލް އަގުވާމީ ބޮޑު ހަބަރަކަށް އެކަމެއް ވީމައެވެ.