ދަށްގޮހޮރުގައި ހުއްޓަސް ދަމާނެރޭނަން: ރައީސް ޔާމީނު
މުއިއްޒު ސަރުކާރުން ވިއްކާލާ ތަންތަން ދައުލަތަށް އަތުލާއިރު ސަރުކާރުން ބަދަލެއް ނުދޭނެ
ދައުލަތުގެ މުހިންމު ކުންފުނިތަކާއި ޕޯޓުތައް ގަންނަން އުޅޭ ފަރާތްތަކަށާއި މުއިއްޒު ސަރުކާރަށް ރައީސް ޔާމީނު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ދައުލަތުގެ ކުންފުންޏެއް ޕޯޓެއް މިހާރު ވިއްކާލި ކަމަށްވިޔަސް އެތަނެއް އަތުލާނެ ކަމަށާއި ބަދަލުވެސް ނުދޭނެ ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމަށް ދެން އަންނާނީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ކަމަށާއި ޕީއެންއެފް ވެރިކަމެއްގައި ކަންތައް ކުރާނެ ގޮތް ވިދާޅުވެ ދެއްވާ ދައުލަތުގެ ކުންފުނިތަކާއި ޕޯޓްތައް ގަންނަން އުޅޭ ފަރާތްތަކަށް ދުރާލާ އިންޒާރު ދެއްވާ ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ދައުލަތުގެ މުދާ ވިއްކާލުމުގައި ބައިވެރިވާ ފަރާތްތައް، އެއީ ކިތަންމެ ނުފޫޒުގަދަ ނުވަތަ ބޮޑު އާއިލާއެއްގެ ބޭފުޅުން ކަމުގައި ވިޔަސް، އެ މީހުންގެ މައްސަލަތައް ބައްލަވައި، އެ ވިއްކައިގެން ހޯދާ ފައިސާ "ދަށް ގޮހޮރުގައި ހުއްޓަސް" ހޯއްދަވާނެ ކަމަށެވެ.
"ގަންނަން އުޅޭ މީހުންގެ ގާތުގައި މި ބުނަނީ ވިއްކާ މީހުންގެ މައްސަލަތައް އަޅުގަނޑުމެން ބަލާނަމޭ. އެ މީހުންނަށް ނުތިބެވޭނެ މަޑެއްކޮށް. މީގެ ތެރޭގައި ވިއްކަނީ ކިތަންމެ ބޮޑު މީހަކަށް ވިޔަސް، އަދި އޭނާގެ އާއިލާ ކިތަންމެ ބޮޑު ކަމުގައި ވިޔަސް، އެ މީހުންގެ މައްސަލަ ބަލާނަން،" ރައީސް ޔާމީނު ވިދާޅުވިއެވެ.
އެއާޕޯޓު އަތުލުމުން ޖީއެމްއާރް ކުންފުންޏަށް ދިވެހި ސަރުކާރުން ބަދަލު ދޭންޖެހުމުން ބަދަލު ދިންނަމަވެސް މިފަހަރު ޕޯޓާއި ދެން ހުރި ތަންތަން ވިއްކާލައިފިނަމަ އަމަލުކުރާނެ ގޮތް މުޅިން ތަފާތުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީނު ވިދާޅުވީ މުއިއްޒު ސަރުކާރުން ވިއްކާލާ ތަންތަން ދައުލަތަށް އަތުލާއިރު ދިވެހި ސަރުކާރުން އެއްވެސް ބަދަލެއް ނުދޭނެ ކަމަށެވެ. މުއިއްޒު ސަރުކާރުން ވިއްކާ ތަންތަން ގަންނަ ފަރާތްތަކުން ޖެހޭނީ ވިއްކި ބައެއްގެ އަތުން ފައިސާ ހޯދަން ކަމަށްވެސް ޔާމީނު ވިދާޅުވިއެވެ.
މުއިއްޒު ސަރުކާރުން ތަނެއް ވިއްކާލިޔަސް ވިއްކާލާ ތަންތަން ހަމަ ދިވެހިރާއްޖޭގައި ހުންނާނެ ކަމަށް ވިދާޅުވަމުން ޔާމީން ވިދާޅުވީ އެ ތަންތަނަށް ހިނގާނީ ދިވެހި ވެރިކަމުގެ ހުކޫމާތުގެ ބާރު ކަމަށެވެ.


