ދިޔަމިގިލީ އިންޖީނުގެ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުވުން

ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޒަމާނީ އޮފީސް ޢިމާރާތެއް

ދިޔަމިގިލީ އިންޖީނުގެ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުވުން

ކޮޅުމަޑުލު ދިޔަމިގިލީ އިންޖީނުގެއާއި، ފެނަކަ އައު އޮފީސް ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. ދިޔަމިގިލީ އިންޖީނުގެއާއި، ފެނަކަ އައު އޮފީސް ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވާ ދެއްވީ ކޮޅުމަޑުލަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު މެންދުރު ދިޔަމިގިއްޔަށް ކުރެއްވި ޒިޔާރަތުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޒަމާނީ އޮފީސް ޢިމާރާތެކެވެ.

ރައީސްގެ މި ދަތުރު ފުޅުގައި ދިޔަމިގިލީ ކުޑަކުދިންގެ ޕާކްވެސް ހުޅުއްވާ ދެއްވިއެވެ. ދިޔަމިގިލީ ކުޑަކުދިންގެ ޕާކަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ދިޔަމިގިލީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަންގެ އެހީތެރިކަމާއިއެކު ހަދާފައިވާ ޕާކެކެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ. ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތު ކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރު ކޮށްދިނުމެވެ.