ހެޔޮވެރިކަން: މަޑަވެއްޔާއި ހޯނޑެއްދޫ ބުރިޖުން ގުޅާލުން
މަސައްކަތައް 84.17 މިލިއަން ރުފިޔާ ހަރަދު ވާނެ
ގދ. މަޑަވެލި އާއި ހޯޑެއްދޫ ގުޅާލުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މިހާރު ކުރެވެނީ ބްރިޖްއަށް ދެވެން އޮންނަ މަގުތައް ސާފުކުރުމުގެ މަސައްކަތެވެ. ހަމަ އެ އާއި އެކު ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތްވެސް މިހާރު ކުރަމުން އެބަ ދެއެވެ.
ޔާމީނު ސަރުކާރުން އަޅާފައިވާ ކޯޒްވޭގެ ސަބަބުން ތިމާވެށީގެ ގިނަ މައްސަލަތަކެއް ދެރަށުގެ ރަށްގިރުމާއި ދެ ރަށަށް ރާޅުއެރުމާއި ކޯޒްވޭ މައްޗައް ރާޅު އެރުން ފަދަ ކަންކަން އައީ ކުރިމަތިވަމުންނެވެ. މިމައްސަލަ ބޮޑުވެ ރައްޔިތުން ނުކުމެ 2018 ވަނަ އަހަރު ކޯޒްވޭގެ މެދުން ވެލިގަނޑު ކަނޑާލާ އޮއެދެމޭ ގޮތަށް ހެދިއެވެ. ނަމަވެސް ކޯޒްވޭ ނެތުމުން އެތައް ގޮންޖެހުމެއް ރައްޔިތުންނަށް ކުރިމަތިވަމުން ދިއުމާ ގުޅިންގެ 2019 ވަނަ އަހަރު އެކޯޒްވޭ އަލުން ގުޅާލިއެވެ.
މިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން މިހާރު އޮތް އެކޯޒްވޭ ނަގާ ގދ. މަޑަވެލި އާއި ހޯޑެއްދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫއުގެ މަސައްކަތް މިސަރުކާރުން ކުރަންނިންމާ މިދިޔަ އަހަރުގެ އޮކްޓޯބަރު އެމްޓީސީސީ އާ މަސައްކަތް ހަވާލު ކުރިއެވެ. މިފަހަރު މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލަނީ އެ ދެމެދުގައި އޮންނަ ގދ. ހާދު ހުރަސްކޮށް ބުރިޖުން ގުޅާލައިގެނެވެ.
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް 223 މީޓަރުގެ ބްރިޖަކުން ގދ. މަޑަވެއްޔާއި ގދ. ހާދޫ ގުޅާލާ ގދ. ހާދޫ ހުރަސްކޮށް 160 މީޓަރުގެ ބްރިޖަކުން ގދ. ހާދޫ އާއި ގދ. ހޯނޑެއްދޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. ކޯޒްވޭ ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ކޯޒްވޭ އާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތާއި ސައިޓް އެޅުމުގެ މަސައްކަތެވެ.
މަޑަވެލި ހޯނޑެއްދޫ ގުޅާލުމުގެ މަޝްރޫއުގައި 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި، ރެއިލިންގގެ އިތުރަށް މަގުބައްތި ޖެހުމާއި މަގުމަތީގެ ނިޝާންތައް ޖެހުންވެސް ކުރެވޭނެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ދަށުން އޮއި ދެމޭގޮތައް ޒަމާނީ ފެންވަރުގައި ފަރުމާކޮށް ހަދާ މި ކޯޒްވޭގެ މަސައްކަތައް 84.17 މިލިއަން ރުފިޔާ ހަރަދު ވާނެއެވެ.