މާރޗް މަހު ފަށަންބުނި ހިތާދޫ ބަނދަރު ނިންމުން ތޮޅިއަށް!
ރައީސް ސޯލިހުވެރިކަމުގައި %75 މަސައްކަތް ނިންމާފާ ބަނދަރެއް
ރައީސް ސޯލިހުގެ ވެރިކަމުގައި ރަށްރަށުގެ ރައްޔިތުންގެ ހެވާ ލާބައަށް ފަށައިގެން ކުރިއަށް ގެންދިޔަ ގިނަ ޕްރޮޖެކްޓް ރައީސް މުއިއްޒު ވަނީ ހުއްޓާ ލައްވާފައެވެ. ހުއްޓިފައިވާ ގިނަ މަޝްރޫއު ތަކަކީ ނުނިމި އޮންނަ ކޮންމެ ދުވަހަކު އެތައް ބޮޑެތި ގެއްލުމެއް ސަރުކާރާއި ރައްޔިތުންނަށް ލިބެމުންދާ މަޝްރޫއު ތަކެކެވެ.
ރައީސް މުއިއްޒު ވެރިކަމަށް އައިރު ބ. ހިތާދޫ ފަޅުހެދުމުގެ %75 މަސައްކަތް އޮތީ ނިމިފައެވެ. މުއިއްޒުގެ ވެރިކަމާއެކު މަސައްކަތް ހުއްޓި ވަނީ ތަންހަރުވެފައެވެ. މަސައްކަތް ހުއްޓިފައި އޮތުމުން ކުރެވިފައިވާ މަސައްކަތަކީ ނުކުރާ މަސައްކަތަކަށް ވާހިސާބަށް ގޯސްވެ ހަލާކުވަމުން ދާތީ ހިތާދޫ ރައްޔިތުން އެކި ގޮތް ގޮތުން ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރިއެވެ. އެހެން ނަމަވެސް ސަރުކާރުން ކަހާތަން ހިރުވާވެސް ނުލައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވުމުން ހުއްޓިފައިވާ އޮތް ހިތާދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުސްވި މާރޗް މަހު އަލުން ފަށާނެކަމަށް މުއިއްޒު ސަރުކާރުން ވަނީ ބުނެފައެވެ. މާރޗް މަސް ހުސްވެގެން ދިޔައީއެވެ. ބަނދަރުގެ އެއްވެސް މަސައްކަތެއް ނުކުރާތާ ބަނދަރު ހެދުމަށް ބޭނުންކުރި ވެހިކަލްތަކާއި މެޝިނަރީތައް ރަށުން ބޭލީއެވެ. ބަނދަރު ހެދުމަށް ބޭނުންކުރާ އާލާތްތައް ގެންދިއުމުން ރައްޔިތުން ޕްރެޝަރ ބޮޑުކޮށްލުމުން ހައިމާކަކާއި ލޮރީއެއް އަނބުރާ ހިތާދުއަށް މިހާރު ވަނީ ގެންގޮސްފައެވެ.
ހައިމާކަކާއި ލޮރީއެއް އަނބުރާ ހިތާދުއަށް ގެންދިޔަ ނަމަވެސް ފަޅު ނިންމުމަށް އެއްވެސް ކަމެއް އަދި ނުކުރެއެވެ. ކުރީ ސަރުކާރުން ހިތާދޫ ފަޅުހެދުމުގެ ބޮޑުބައެއްގެ މަސައްކަތް ނިންމާފައިވަނިކޮށް މަސައްކަތް ނުކޮށް މެދު ކެނޑިގެން ދިޔުމުން ކުރެވިފައިވާ މަސައްކަތް ނުކުރާ މަސައްކަތަކަށް ދަނީ ބަދަލުވަމުންނެވެ. އެގޮތުން ފަޅުގެ އިރުމަތީ ބެޑް ހިއްކާ ނިންމާ ރިވެޓްމަންޓް ނުޖެހި އޮތުމުން އެބެޑްގެ ބޮޑުބައެއް ވަނީ ގިރާލާފައެވެ. ފަޅުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މުޅިން ނުނިމި އޮތުމުން ފުންކުރި ފަޅަށް ވެލިއަރާ އަލުން ފުންކުރަން ޖެހޭ ހިސާބަށް ފަޅުވަނީ ހަލާކުވެފައެވެ.
އަނެއް ކޮޅުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް އީއައިއޭ ހަދާ އެ މަސައްކަތް ވެސް އެމްޓީސީސީ އާ ކުރީ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އެހެން ނަމަވެސް އެ ކަމެއްވެސް މި ސަރުކާރުން އަދިކުރާކަށް ނޫޅެއެވެ.
ހިތާދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް އެއްވެސް ހައްލެއް ހޯދާދިނުމުގެ ވިސްނުމެއް މުއިއްޒު ސަރުކާރުގައި ނެތްކަމަށް ހިތާދޫ ގިނަ ރައްޔިތުން ދެކެއެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ހަފްތާއަކަށްވުރެ ކުޑަވެފައިވާއިރު %75އަށް ވުރެ ބޮޑަށް މަސައްކަތް ނިމިފައިވާ ބަނދަރެއް ނިންމާ ނުދެވުނު ސަރުކާރަކަށް ހިތާދޫ ގިނަ ރައްޔިތުން އިތުބާރެއް ނުކުރެއެވެ.