ސްޓެލްކޯ ލީޑަރޝިޕް ޓެރެއިނިންގ ނިމިއްޖެ

އަތޮޅުތެރޭ އިންޖީނުގެތައް ހިންގުމުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވާ 31 ބޭފުޅަކު ބައިވެރިވެ ވަޑައިގެން

ސްޓެލްކޯ ލީޑަރޝިޕް ޓެރެއިނިންގ ނިމިއްޖެ

އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ކުރިއަށް ގެންދިޔަ "ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ" ޓެރެއިނިންގ ނިންމި ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.

ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވާފައި ވަނީ، ސްޓެލްކޯގެ ޗެއާރމަން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުހައްމަދު ދީދީ އާއި ބޯޑު މެމްބަރު އަހުމަދު ލަތީފްގެ އިތުރުން ބޯޑު މެމްބަރު މޭޖާރ ރިޓަޔާޑް ތޮލްހަތު ހަސަންއެވެ. މި ޕްރޮގްރާމް ހިންގީ އުކުޅަހު ކޮންވެންޝަން ސެންޓަރުގައއެވެ. 

އަތޮޅުތެރޭ އިންޖީނުގެތައް ހިންގުމުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވާ 31 ބޭފުޅަކު ބައިވެރިވެ ވަޑައިގެން މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓް ހުސެން ފަރުހާދު ވިދާޅުވި ގޮތުގައި މިފަދަ ޕްރޮގްރާމްތައް ރޭވިގެން ކުރިއަށް ދަނީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ދުރުވިސްނެވުމާއި މުވައްޒަފުންގެ ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތުގެ ސަބަބުންނެވެ. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންގުޅެންޖޭހޭ ހަރުދަނާ އަސާސްތައް އަބަދުވެސް ނެގެހެއްޓުމުގެ މުހިއްމުކަމާއި އެކަމުގެ ހުނަރުތަށް ދަސްކޮށްދިނުމަށް ދެއްވާ ސަމާލުކަމުން ކަމަށެވެ.

އުކުޅަހުގައި ސްޓެލްކޯއިން ހިންގި ޓްރެއިނިންގ އަކީ ވަރަށް މުހިއްމު ޓްރެއިނިންގއެއް ކަމަށާއި ސްޓެލްކޯއިން މީހުން ބިނާ ކުރުމަށް އިސްކަންދީގެން ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ.