ފުލުހުން ކައްވާލި 30000 ޑޮލަރު ހަލާކުވެގެން ދިޔަކަމަށް ހަދަނީ؟

ފުލުހުން ކައްވާލި 30000 ޑޮލަރު ހަލާކުވެގެން ދިޔަކަމަށް ހަދަނީ؟

ރާއްޖެއިން ފުރަން އުޅެނިކޮށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު ހައްޔަރުކުރެވުނު މުރުގޭޝް ކަރކަރުނާ ނިދީ ގެ އަތުން 60,037 އެމެރިކާ ޑޮލަރާއި 5,414 ޔޫރޯ އެއަރޕޯޓުން އަތުލިއެވެ. މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސިންގގެ ޝައްކުގައި އަތުލި އެ ފައިސާއާއި ހަމަ ވަގުތު ކަސްޓަމުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. 

މުރުގޭޝް ކަރކަރުނާ ނިދީ ގެ މައްޗަށް ކަސްޓަމާއި ފުލުހުން ކުރި ތުހުމަތު ޝަރީއަތަށް ސާބިތުނުވުމުން އެ ފައިސާތައް އަނބުރާ އޭނާއަށް ދިނުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފައިސާ ހިފަހައްޓާފައި ބެހެއްޓުމަށް އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ 15 ދުވަހުގެ ތެރޭގައި އެ ފައިސާ މުރުގޭޝްއަށް އަނބުރާ ރައްދުކުރުމަށް ފުލުހުންނަށް ކޯޓުން އަމުރު ކުރުމުން އެ ފައިސާ ހޯދަން ދިޔުމުން އޭގެތެރެއިން 30000 ޑޮލަރު މަދުކަން ވަނީ ފަޅާއަރާފައެވެ. 

އެކަމާ ގުޅިގެން ޕޮލިސް މީޑިއާ ގްރޫޕްގައި ހީރަސް ނިއުސްއިން ކުރި ސުވާުލުތަކަށް ސާފު ޖަވާބެއްނުދި މަތިމަތިން ދިންޖަވާބަކީ ބަލައިގަނެވޭނެ ޖަވާބެއް ނޫނެވެ. ފުލުހުންގެ މުއައްސަސާގައި ހިނގާ މީހުންގެ ހައްގުތަކާގުޅޭ ބޮޑެތި ކޮރަޕްޝަނުގައި މަތިއަޅާ ފޮރުވަން މަސައްކަތް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.  

" ފުލުހުންގެ އިދާރާގެ އެއްވެސް ތިޖޫރިއަކުން 30،000 ޑޮލަރު ނުވަތަ އެއްވެސް އަދަދެއްގެ ފައިސާއެއް ގެެއްލުނު މައްސަލައެއް ބަލަމުން ނުވަތަ ތަހުގީގުކުރަމުން ދޭތޯ ނުވަތަ އަދި ތަހުގީގު ނުފެށިވިޔަސް އެފަދަ މައްސަލައެއް ހުށަހެޅިފައިވޭތޯ އަދި ހުށަހެޅިފައިނުވާނަމަ އެފަދަ މައްސަލައެއް ފާހަގަކުރެވިފައިވޭތޯ ނުވަތަ ސަމާލުކަމަށް އައިސްފައިވޭތޯ ނުވަތަ އެފަދަ އަޑުތަކެއް އުޅޭ ކަމުގެ މައުލޫމާތު އެއްވެސް ސިފައެއްގައި ލިބިފައިވޭތޯ؟ އަދި މިއީ ތެދެއްނަމަ ގެއްލިފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްތޯ؟ އަދި މި ފައިސާ ގެއްލުނީ ކޮންއިރަކުތޯ؟ މިކަމާ ގުޅިގެން އެއްވެސް މީހަކާ މެދު އެއްވެސް ފިޔަވަވަޅެއް އަޅާފައިވޭތޯ؟ އަޅާފައިވާނަމަ ފިޔަވަޅު އެޅީ ކިތައް މީހުންނާ މެދުތޯ އަދި އެޅި ފިޔަވަޅަކީ ކޮބައިތޯ؟" އެހުމުން ޕޮލިހުން ދިން ޖަވާބުގައި އެއްވެސް ސީރިއަސްކަމެއް ނެތެވެ. އެކަށީގެންވާ ޖަވާބެއް ނުދެވުނެވެ. 

ފުލުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ  2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހިފެހެއްޓި ފައިސާގެ ޖުމްލައިގެ ފަރަގެއް ފާހަގަކުރެވިފައިވާ ކަމަށެވެ. "30،000 ޑޮލަރުގެ ފަރަގެއް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ބަލަމުންދާ ކަމަށް ފުލުހުން ރޭގައި ބުންޏެވެ.

ހުރިހާ ކަމަކަށްވުރެ ފާހަގަކޮށްލެވޭ ކަމަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފައިސާތަކެއްގެ ތެރެއިން އެ ފައިސާ ބަހައްޓާފައިވާ ތަނުން، ހަލާކުވެފައިވާ ނޫޓުތަކެއް ކޮތަޅެއްގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނުމެވެ. ފޮރެންސިކް ފުލުހުން މެދުވެރިކޮށް އެކަން ވެސް ބަލަމުންދާ ކަމަށް ބުނެ މަދުވާ 30000 ޑޮލަރަކީ ބަހައްޓާފައި ހުއްޓާ ހަލާކުވެގެން ދިޔަ ޑޮލަރތަކެއް ކަމަށް ނިންމާ މައްސަލަ އޮއްބާލަނީ ހެއްޔެވެ. ފުލުހުންގެ ކޮރަޕްޝަންވެށި ފުޅާކޮށްލަން ނިޒާމުގެ ތެރެއިން ޖަގަހަދާ ދެނީހެއްޔެވެ.