ހައްގުތައް ލިބެނީ ގާނޫނުއަސާސީގެ ސަބަބުން:ފައްޔާޒު

ހައްގުތައް ލިބެނީ ގާނޫނުއަސާސީގެ ސަބަބުން:ފައްޔާޒު

"ދައުލަތުގެ ނިޒާމީ އިންތިޒާމާމެދު އަލުން ވިސްނަން ޖެހިފައި" ވާކަމަށް އަލްއުސްތާޒް ފައްޔާޒް އިސްމާއީލް އަދަދު ނޫހުގައި ލިޔުއްވާފައިވާ ކޮލަމުގެ ދީބާޖާއަށް ނަޒަރު ހިންގާލީމެވެ. ފުރަތަމަ ނަޒަރުންވެސް ފާހަގަކޮށް ލެވުނު އެއްކަމަކީ ރާއްޖޭގައި އަމަލު ކުރެވެމުންދާ ގާނޫނުއަސާސީން ހާސިލްވީ ކޮންކަމެއްކަން ފާހަގަ ކުރައްވާ ބަޔާން ކުރައްވާފައިވާ ވިސްނުންފުޅެވެ. 

ފައްޔާޒު ފާހަގަކުރައްވަނީ މިހާރު މި ދެކެމުންދާ ހައްގުތައް ލިބެމުން މިދަނީ މި ގާނޫނުއަސާސީގެ ސަބަބުންކަމަށެވެ. ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު ދައުލަތުގެ ނުހަނު ގިނަ އިންތިޒާމުތަކެއް އިހުނަށްވުރެ އެތައް ގުނައަކުން ރަނގަޅުކުރެވިއްޖެކަމަށެވެ. ސިޔާސީ ބޭނުންތަކަށްޓަކައި މީހުންގެ މައްޗަށް ކުށުގެ ތުހުމަތުކޮށް ބަންދުކޮށްގެން ގެންގުޅުން ހުއްޓުވުނު ކަމަށެވެ. ރައްޔިތުންގެ މަދަނީ ހައްގުތައްވެސް އެތައް ގުނައަކުން ފުޅާކުރެވި އެއީ ލިބިގެންވާ ހައްގުތަކެއްކަން ކަށަވަރު ކޮށްދެވިއްޖެކަމަށެވެ. 

ދައުލަތުގެ އެކި ކަންކަމަށް ފާރަވެރިވާނޭ މިނިވަން މުއައްސަސާތަކެއް އުފެއްދިއްޖެކަމާއި ރައްޔިތުންގެ ކަންކަން ހިންގާން އިންތިހާބު ކުރެވޭ މީހުންނަކީ ކަތީބުން އަންގާ ގޮތަކަށް ދޭ ވޯޓަކުން ހޮވަންޖެހޭ ބައެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނެވުނުކަން ފާހަގަ ކުރައްވައެވެ. ވޯޓު ދިނުމަކީ ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގެއްގެ ގޮތުގައި ލިޔެވި އެކަން ރައްޔިތުންނަށްވެސް ގަބޫލުކުރެވި، އަމަލީ ގޮތުން ތަންފީޒުކުރާންވެސް ފެށިއްޖެކަމަށް ބަޔާންކުރައްވައެވެ.

އެހެންނަމަވެސް، ގާނޫނުއަސާސީއެއް އެކުލަވާލުމުގައި އުއްމީދުކޮށްގެން ތިބި ހެޔޮ ނަތީޖާތައް އޭގެ ފުރިހަމަ ގޮތުގައި ލިބެމުންދާކަމަކަށެއް ނުދެންނެވޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވެއެވެ. ވިދާޅުވަނީ ގާނޫނުއަސާސީއަށް ސޯޅަ އަހަރު ފުރުނުއިރު، އެ ގާނޫނުއަސާސީ ހޯދައިގަތް މަގުސަދު ހާސިލުނުވެ، އޭގެ ފޮނިމީރުކަން ނުލިބި ދިއުމުގައި ނިޒާމުގައި ހުރި މައްސަލަތަކުގެ ދައުރު ބޮޑުކަމަށެވެ.

ހާލަތު އޮތްގޮތުން ފަހުން ފުރިހަމަކޮށްލާން ދޫކޮށްލަން މަޖުބޫރުވި ބައެއް ކަންކަމުގެ ނާޖާއިޒު ފައިދާ ނެގީ ޑިމޮކްރެސީގެ އަސާސްތައް ގަބޫލުނުކުރާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުންކަމަށް ދެކިވަޑައިގަނެއެވެ. އެފަދަ ބަޔަކަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު މުޅި ނިޒާމު ގަޑުބަޑުކޮށްލާ ކަމަށާއި މިހާރު ގައުމު މިތަޖުރިބާކުރަނީ، ރައްޔިތުންގެ ބާރުވެރިކަން ގަބޫލުނުކުރާ ބައެއްގެ އަތަށް ބާރުވެރިކަން އެރުމުގެ ނަތީޖާކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. ފައްޔާޒު ވިދާޅުވަނީ މިކަން ހުއްޓުވާންޖެހޭ ކަމަށެވެ.