ޑރ. ޑިޑީއަށް: އަދިވެސް އުއްތަމަ ފަނޑިޔާރޭ ހީވަނީތަ!

މިހުރިހާ ދުވަހު ގާނޫނު އަސާސީގެ 133 ނުދެކެންތަ!

ޑރ. ޑިޑީއަށް: އަދިވެސް އުއްތަމަ ފަނޑިޔާރޭ ހީވަނީތަ!

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކޮށްފައިވާ މީހަކު ސްޕްރީމް ކޯޓުގެ އިތުބާރު ގެއްލުވާލަން އުޅޭއުޅުން ހުއްޓުވުމަކީ ދައުލަތާ ކޯޓުތަކުގެ މައްޗަށް ލާޒިމު ކަމެކެވެ. ކުރީގެ ރައީސް ޔާމީންގެ ކެންޑިޑެސީ އާއިމެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައިގެ ތެރެއަށް ބަންޑާރަ ނައިބު ތަދައްޚުލް ކުރުވީ ކަނޑައެޅިގެން ޕްރޮސީޖަރ ޤާނޫނުގެ އުޞޫލުތަކާ ޚިލާފަށް ކޯޓުގެ ތަޤުދީރީ ބާރު ނަހަމަ ގޮތުގައި ބޭނުން ކޮށްގެންކަމަށްބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުއްލާ ދީދީ ވާހަކަ ދެއްކުމަކީ ކޯޓުތަކުގެ ހުރުމަތް ކެނޑުން ނޫން ދެވަނަ ކަމެއް ނޫނެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ މައިގަނޑު މަސްދަރަކީ ރާއްޖޭގެ ގާނޫނު އަސާސީއެވެ. އިންޓަނޭޝަނަލް ބެސްޓް ޕަރެކްޓިސްއަށް ދާން ޖެހެނީ ވެސް ގާނޫނު އަސާސީގައި ނެތްކަމެއްގައެވެ. ގާނޫނު އަސާސީގެ ވަކި މާއްދާއެއް މާނަކުރުމުގައި ހިލާފެއް އުފެދޭނަމަ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ދިޔުމަކީ ނެތްކަމެއް ނޫނެވެ. 

ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބަންޑާރަ ނައިބުގެ ޒިންމާ ތަކާ ވަޖިބުތަކާކައި ކުރެވޭނެ ކަންކަމާ ގުޅިގެން ތަފްސީލްކޮށް ބަޔާންވެފައި އެބައޮތެވެ. ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ރ)ގައި ބުނަނީ " މަދަނީ މައްސަލަތަކުގެ ތެރެއިން ސަރުކާރު ޝާމިލްނުވާ މައްސަލަތަކުގައި ވެސް، ދައުލަތުގެ މަޞްލަޙަތެއް ނުވަތަ ޢާންމު މަޞްލަޙަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާއެކު، އެ މައްސަލައެއް ހިނގާއިރު ބަންޑާރަނައިބަށް ކޯޓަށް ހާޒިރުވެ ވާހަކަ ދެއްކިދާނެ" ކަމަށެވެ. 

ރައީސް ޔާމީނުގެ ކެންޑިޑެސީ ބާތިލުކުރުމުގެ މައްސަލައަކީ ދައުލަތުގެ މަސްލަހަތު ނިހާޔަތަށް އޮތްކަމެކެވެ. މައްސަލަ ނިމޭ ގޮތަކުން ކުރިއްސުރެ ދައުލަތުން ނަގަހައްޓަމުން އަންނަ ހަމަގެއްލި މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ދައުލަތުން އިސްކަންދޭ މަސްލަހަތުތައް ގެއްލުމުގެ ފުރުސަތު އޮތްކަމެކެވެ. މައްސަލަ ނިމޭގޮތަކުން ޕަބްލިކް އޮފީސްތަކަށް ޖިނާއީ ކުށްވެރިން ވަނުމަށް ދޮރު ހުޅުވިގެން ހިނގައިދާނެ ކަމުގެ ބިރު ދައުލަތަށް އޮތް ކަމެކެވެ. 

އަނެއް ކޮޅުން އެމައްސަލައަކީ ދައުލަތުގެ އެންމެ މަތީވެރިޔާ ކަމަށް މީހަކު ހޮވުމާގުޅުން ހުރި މައްސަލައެއް ކަމުން އެއަށްވުރެ ވަކީން ބޮޑު އާއްމު މަސްލަހަތެއް ނެތް ބޮޑުކަމެކެވެ. ހަމައެހެންމެ ދައުލަތުގެ އެންމެ މަތީ މަސްލަހަތާ ގުޅުން ހުރި މައްސަލައެކެވެ. ސްޕްރީމް ކޯޓުން ތަދައްޚުލު ނުކުރިއަސް ބަންޑާރަނައިބު އަމިއްލަ އިސްނެގުމުގައިވެސް ތަދައްހުލުވާން ގާނޫނު އަސާސީ ލާޒިމުކުރާ މައްސަލައެކެވެ.

ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)ގައި " ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށް ބަންޑާރާނައިބު މަސައްކަތް ކުރާން ވާނެ" ކަމަށް ބަޔާންކޮށްފައި ވެއެވެ. ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ދައުލަތުގެ ކަންކަމަށް މީހުން އިސްކުރެވޭނެ ގޮތާއި ޝަރުތުތައް ބަޔާންވެ ސާފުކޮށް ކަނޑައެޅިފައިވާއިރު ހަމައެކަނި އިލެކްޝަން ކޮމިޝަން ނުވަތަ އެހެން މުއައްސަސާއެއްގެ މައްޗަށް ދޫކޮށްލައިގެން ނިކުންނަ ނަތީޖާ ގާނޫނުގެ ވެރިކަން ދެމެހެއްޓުމާ ގުޅިފައި ނެތިއެއް ނުދާނެއެވެ.

ގާނޫނުގެ ވެރިކަން ކުރެވޭނީ ގާނޫނީ ހަމަތަކުން ވެރިކަން ހިންގޭ ގޮތަށް ދައުލަތް ތަރުތީބުވެފާ އޮވެގެންނެވެ. ދައުލަތުގެ ގާނޫނީ ވެރިކަމުގެ ތަރުތީބު ހިފެހެއްޓުމުގެ ޒިންމާ އޮތް އެންމެ އިސް ފަރާތަކީ ބަންޑާރަ ނައިބެވެ. ބަންޑާރަ ނައިބަށް ގާނޫނުގެ ވެރިކަން ދަމަހައްޓަށް ކުރަންޖެހޭ ކަމެއް ކުރުމަށް ހާޒިރު ނުވޭވޭނެ ޝަރީއަތުގެ މަޖިލިހެއް ނުއޮންނާނެއެވެ.

ތައައްސަބުން ފުރިގެން ތިބި ބަޔަކު ގައުމީ މަސްލަހަތު ނަގާލާ ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ ބޭނުމުގައި ފަތުރާ ފިތުނަވެރި ވާހަކަ ތަކުން ގެއްލެނީ އާއްމު މަސްލަހަތެވެ. އުފެދެނީ ފިތުނައެވެ. ސުޕްރީމް ކޯޓުގެ އެކްސްކުލޫސިވް އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލައެއް ކަމުގައިވާ ރައީސް ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ ތެރެއަށް ބަންޑާރަނައިބު ތަދައްޚުލް ވާންޖެހޭ ނުވަތަ ކުރުވަންޖެހޭ އެއްވެސް ޤާނޫނީ އަސާސެއް ނޯންނާނެ ކަމަށް ބުނެ ވާހަކަ ދެއްކުމުގެ ހައްގު ނެތީ ޑރ. އަހްމަދު އަބްދުއްލާ ދީދީ އަށެވެ. 

ސްޕްރީމް ކޯޓާއި ބަންޑާރަ ނައިބަށް ލިބިފައިވާ ގާނޫނީ އިމްތިޔާޒްތަކާއި އިހުތިޔާރުތަކާ ވާޖިބުތަކާއި ހައްގުތައް އެނގިހުރެ ސްޕްރީމް ކޯޓު ނިންމުންތަކަށް ގޮތްކިޔަނީ އަދިވެސް ތިޔައީ އުއްތަމަ ފަނޑިޔާރޭ ހީވަނީ ހެއްޔެވެ. ބަންޑާރަ ނައިބުގެ ޤާނޫނީ ކެޕެސިޓީއާއި ޤާނޫނީ މަޞްލަޙަތާއި ސްޕްރީމް ކޯޓުގެ އިރެގިއުލަރިޓީގެ ވާހަކަ މިހާރު ދައްކަން ލަދުނުގަންނަ ކަމެވެ.