ޔާމީނަށް ވާދަކުރަން ފުރުސަތު ހޯދާދިނުމަކީ ކޯޓުތަކުގެ ޒިންމާއެއްނޫން
ޝަރީއަތަށް ނުފޫޒު ފޯރުވަން އުޅުމަކީ ކުރާ ބޮޑެތި ކުށް
ދިވެހި ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައި އޮތީ އެންމެ މައްސަލައެއް ނޫނެވެ. ހުށަހަޅާފައި އޮތް ކޮންމެ މައްސަލައަކީ އެހާމެ އަވަހަށް ހުކުމަށް ވާސިލުވާން ހަސްމުން ބޭނުންވާ މައްސަލައެކެވެ. އިސްތިއުނާފީ ހުކުމް ލަސްވުމުގެ ސަބަބުން އިއާދަކުރަން އުދަގޫވާވަރުގެ ގެއްލުން ލިބޭ ޒާތުގެ މައްސަލަވެސް އޭގެތެރޭގައި ހުންނާނެއެވެ. އެހެންނަމަވެސް ކޮންމެ މައްސަލައެއް އިސްތިއުނާފް ކުރުމަށް ވަގުތު ނަގާނެއެވެ. ހިތް އެދޭހާ އަވަހަށް ހުކުމަށް ވާސިލު ނުވެވިދާނެއެވެ.
ފަނޑިޔާރުންގެ ކުރިމަތީގައި ވަކި މައްސަލައަކަށް ވުރެ ވަކި މައްސަލައެއް މުހިންމެއް ނުވާނެއެވެ. އިންސާފަކީ ހޯދާދިނުމުގާ ޕްރިއޮރިޓީ އޮންނަ ކަމެއް ނޫނެވެ. މައްސަލަ ރައްދުވަނީ ވަކި މީހަކަށް ވެގެން ފަނޑިޔާރުން އިސްކަންދޭން ޖެހޭ ހަމައެއް ނޯވެއެވެ. ގާނޫނު އަސާސީ ބުނަނީ ވަކިފަރާތަކަށް ނުޖެހި ހަމަހަމަ ކަމާއެކު މައްސަލަތައް ބަލާ އިންސާފު ހޯދާ ދިނުމަށެވެ.
އިސްތިއުނާފް ނިމޭލެއް ލަސްވެގެން މާލީގޮތުން ބޮޑެތި ގޮންޖެހުންތަކާ ބައެއް ހަސްމުންނަށް ކުރިމަތިވެއެވެ. އިސްތިއުނާފް ލަސްވެގެން ބައެއް ކަހަލަ ފުރުސަތުތައް ގެއްލިފައި ތިބި މީހުންނާ ކުންފުނިތައްވެސް މަދެއް ނޫނެވެ. އެެހެނެކޭ ކިޔާ ވަކިބަޔަކަށް ވަކި ފުރުސަތެއް ގެއްލޭތީ ހުކުމަށް ވާސިލުވުން އަވަސް އަރުވާލާކަށް ފަނޑިޔާރުންނަކަށް ނުޖެހެއެވެ. ފަނޑިޔާރުންގެ ޒިންމާއަކީ ލަސްކޮށް ފަސްކުރުމުގެ ނިޔަތްނެތި ވީހާވެސް އަވަހަކަށް ކޮންމެ ހަސްމަކަށްވެސް އިންސާފު ހޯދާ ދިނުމެވެ.
ފަނޑިޔާރުންނަކީ ވެސް އިންސާނުންނެވެ. އެ މީހުނަށްވެސް ޒުރޫރަތްތައް ކުރިމަތިވާނެއެވެ. ހަމައާއި އުސޫލުގެތެރެއިން ޗުއްޓީވެސް ނަގާނެއެވެ. އެކަމުން ލަސްވެ ފަސްވަނީ ވަކިމީހެއްގެ ވަކިމައްސަލައެއް ނޫނެވެ. ޗުއްޓީ ނަގާ ފަނޑިޔާރަކު ބަލާ ހުރިހާ މައްސަލައަކަށްވެސް އެ ލަސްވުން އައުމަކީ ތޮބީއަތެވެ.
ކުރީގެ ރައީސް އަބްދުއްލާ ޔާމީނެއް ކަމަކު ހިނގާނީ އެހުކުމެވެ. ރައީސް ޔާމީނުވެގެން ފަނޑިޔާރުން ދޭންޖެހޭ އިސްކަމެއް ނުއޮންނާނެއެވެ. ފަނޑިޔާރުގެ ކުރިމައްޗަށް ދިޔުމުން އެއީ އެހެން މައްސަލަތަކުގެ ހަސްމުން ފަދަ ހަސްމެކެވެ. ރައީސް ޔާމީނެއް ނޫނެވެ. ދަށުކޯޓުގެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސަކަށް ތަންފީޒެއް ނުކުރާނެއެވެ. މީހެއްގެ މައްޗަށް ކުށެއް ސާބިތުވެ ހުކުމެއް އައުމަށްފަހު އެހުކުމެއް ބާތިލުކުރަންދެން އެއީ ކުށްވެރިއެކެވެ. މުޖުރިމެކެވެ.
ކުށެއް ސާބިތުވެގެން ހުކުމެއް ތަންފީޒުކުރެވޭ މީހަކަށް އާއްމު މިނިވަން އިންސާނައަށް ލިބިގެންވާ ހައްގެއް ނޯންނާނެއެވެ. އިންތިހާބުތަކަށް ކުރިމަތިލާ ވާދަ ކުރުމުގެ ހައްގުވެސް ލިބިގެންވަނީ މިނިވަން އިންސާނާއަށެވެ. ކިތަންމެ ބަޔަކު ލޯބި ވިޔަސް ކޮންމެ ބަޔަކު ބޭނުން ވިޔަސް މުޖުރިމަކަށް އިންތިހާބުތަކަށް ކުރިމަތި ލުމާއި ވާދަ ކުރުމުގެ ހައްގެއް ނެތެވެ. މުޖރިމަކަށް އެފުރުސަތު ހޯދާ ދިނުމުގެ ނިޔަތުގައި އިސްތިއުނާފް އަވަސްކޮށް ލަސްކޮށް މިނިވަން ކޮށްދިނުމަކީ ކޯޓުތަކަށް އޮތް އިމްތިޔާޒެއް އިހުތިސާސެއް ނޫނެވެ.
ވަކި ގޮތަކަށް ކޯޓުގެ ހުކުމް ނެރުމަށް ބާރުއަޅާ މުޒާހަރާކުރުމާއި ކޯޓުތަކަށް ބަޔަކުގޮސް ޝަރީއަތަށް ނުފޫޒު ފޯރުވަން އުޅުމަކީ ކުރާ ބޮޑެތި ކުށްކުށެވެ. ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ވަގުތު ހަމަ ނުވަނީސް ޔާމީނުގެ ކުށެއް ނެތްކަން އިސްތިއުނާފުން ސާބިތުވެއްޖެނަމަ ޔާމީނަށް ވެސް ރިޔާސީ އިންތިހާބުގާ ވާދަކުރެވޭނެ ނޫން ހެއްޔެވެ. ކުށެއް ނެތްކަން ސާބިތު ނުވެއްޖެނަމަ ޖެހޭނީ ޖަލު ހުކުން ތަންފީޒު ކުރުމުގައި ދެމިހުންނާށެވެ.
ޔާމީނު ރައީސްކަމަށް ވާދަކުރަން ފުރުސަތު ހޯދާދިނުމަކީ ކޯޓުތަކުގެ ޒިންމާއެއް ނޫނެވެ. ރިޔާސީ އިންތިހާބަށްޓަކައި ވަކި ދުވަހެއްގެ ކުރީންން ޔާމީނު ދޮވެ ސާފުކުރުމަކީ ދިވެހި ރާއްޖޭގެ ހައިކޯޓުން ކުރަން ޖެހޭނެ ކަމެއްވެސް ނޫނެވެ.